
ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ޖިނާއީ އިޖްރާތުގެ ޤާނޫނުގައި ލިބިދޭ ބާރުތަކާއެކު ރިޔާސީ ކޮމިޝަންގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރައްވައިފިއެވެ. މިބިލް ފާސްކުރީ 68 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ބިލުގައިވާ ގޮތުން ތަޙްޤީޤީ އިދާރާތަކަށް ލިބިދޭ ބާރު އެކޮމިޝަނަށްވެސް ބޭނުންކުރެވޭނެއެވެ. ތަޙްޤީގަށް ބޭނުންވާ ލިޔެކިޔުންތަކާއި އެނޫންވެސް ތަކެތި ހޯދުމަށް ބަލާ ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، އެކައުންޓްތައް ފްރީޒްކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯރޓް ހިފެހެއްޓުމަށް އެންގުމުގެ ބާރާއި ކޯޓް އަމުރަށް އެދުމުގެ ބާރުވެސް ވަނީ ރިޔާސީ ކޮމިޝަންތަކަށް ދީފައެވެ.
ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލަކީ ކޮރަޕްޝަން މައްސަލަތަކާއި ގޮތްނޭނގޭ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.