އިސްލާމީ ޤައުމުތަކުގައި ޑިމޮކްރަސީ އަށް ގޮވައިލުންޙަޤީޤީ ޑިމޮކްރަސީގައި މި ބަލިކަށިކަން އޮތް ނަމަވެސް އިސްލާމީ ސިޔާސީ ނިޒާމުގައި ޑިމޮކްރަސީ ނިޒާމު ހިމެނޭކަމަށް ގިނަ ބަޔަކު ގޮވައިލަން ފެށީ ، އިސްލާމީ ޤައުމުތަކުގައި އޮތް ޚުދްމުޚްތާރު ވެރިކަމުގެ ވަކިތަކުން އެ ޤައުމުތައް މިނިވަން ކުރަން ވެގެންނެވެ. މި ކަމަށް ގޮވައިލެއްވި އިސްލާމީ ސިޔާސީކާރުން ވިދާޅުވާ ގޮތުގައި ޑިމޮކްރަސީގެ ނިޒާމުގައި ހިމެނޭ ވެރިކަން ކުރުމާ ބެހޭ މެކޭނިޒަމްގެ ބޭނުން، މުސްލިމުންނަށް ވެސް ހިފިދާނެއެވެ. ޑިމޮކްރަސީގެ އަޞްލު އުޞޫލުތަކަށް ތަބާވާކަށް ނުޖެހޭނެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ފޮތްފޮތުގައި ލިޔެފައިވާ ޑިމްކްރަސީގެ ފަލްސަފާއަކީ އެ ނިޒާމު އުފެދުނު ދުވަސްވަރުގެ ޙާލަތު ނިޔާ ކުރާ ކަމެކެވެ. މި ޒަމާނުގެ ޑިމޮކްރަސީ ވަނީ އެ ޙާލަތު ފަހަނަޅައިގޮސްފައެވެ.
ޑިމްކްރަސީ ނިޒާމަށް ތާއީދުކުރައްވާ އިސްލާމީ ސިޔާސީކާރުން ވިދާޅުވާ ގޮތުގައި ޑިމޮކްރަސީ ނިޒާމުގައި ވަނީ ރައްޔިތުންނަށް ޙައްޤުތަކާއި މިނިވަންކަން ޖާމިނުކޮށްދީފައެވެ.އިންސާނާގެ އިންސާނިއްޔަތުކަން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ، ސިޔާސީ ނިންމުންތަކާއި ސަރުކާރު އިޚްތިޔާރުކުރުމުގައި ބައވެރވުމުގެ މިނިވަންކަން ފަދަ މިނިވަންކަން ޑިމޮކްރަސީ ނިޒާމުގައި ވަނީ ޖާމިނު ކޮށްދީފައެވެ. ހަމައެފަދައިން އަމާންކަމާއެކު ދިރިއުޅުމުގެ ޙައްޤާއި ، މިލްކުވެރިކަމުގެ ޙައްޤާއި ، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ލިބިގެންވުމުގެ ޙައްޤުތައް ޑިމޮކްރަސީ ނިޒާމުގެ ދަށުން ލިބެއެވެ.އެބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޑިމޮކްރަސީގެ ކުރިން އިސްލާމްދީން މީސްތަކުންނަށް ޖާމިނުކޮށްދީފައިވާ ހައްޤުތަކެކެވެ. ޑިމޮރަސީގެ ނަޒަރިއްޔާތު އޭގެ މަތީގައި ޤާއިމުކޮށްފައިވާ އަސާސާ މި ކަންކަމާ ގުޅުމެއް ނެތެވެ. މިއީ ޑިމޮކްރަސީގެ ޢަމަލީ އާލިއްޔާތުތަކެވެ.
ޑިމޮކްރަސީއަށް ބަލާއިރު މިއީ ޑިމޮކްރަސީގެ ހަންދެމުން ކަހަލަ ކަމެކެވެ. ހެދުން ބާލައި ކަޝްފުކުރުން ފަދަ ކަމެކެވެ. ޑިމޮކްރަސީގައި ސިޔާސީ ރައްޔިތުންގެ ތެރޭގައި ހުރިހާ ރައްޔިތުން ހިމެނޭނެތީ، އެ ރައްޔިތުންގެ ތެރޭގައި މުސްލިމުންނާއި ކާފިރުން ތިބޭނެއެވެ. އަދި މުސްލިމުންގެ ތެރޭގައި ނަމުން މުސްލިމުންނާއި، ޢަލްމާނީންނާއި ޤައުމީން ފަދަ ތަފާތު އިޢުތިޤާދުތަކުގެ މީހުން ހިމެނޭނެއެވެ.އެމީހުން ބުނާގޮތުގައި ޑިމޮކްރަސީ އޭގެ އަސާސުން ބޭރަކަށް ނުލެވޭނެއެވެ.
އިސްވެ މި ދެންނެވި ވާހަކަތަކަށް ބަލައިއިރު ޑިމޮކްރަސީގެ ފަލްސަފީ އުސޫލުތަކަކީ އިސްލާމީ ޢަޤީދާއާއި ފިކްރާ ތަޢާރުޟުވާ ފަލްސަފާއެކެވެ. ހުރިހާ ޤާނޫނުތަކެއް ހެދުމުގެ ބާރު ރައްޔިތުންގެ އަތަށް ލައިދިނުމަކީ ﷲގެ ޝަރީޢަތް އުވާލުމެވެ. އެކަމުގެ ސަބަބުން ﷲގެ އިންތައް ފަހަނަޅައި ދެވިދާނެތީއެވެ. އެހެންކަމުން މިއީ މުސްލިމަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.
ޑިމޮކްރަސީގެ އާލިއްޔަތުތައް
ޑިމްކްރަސީގެ އާލިއްޔަތޭ ބުނެވޭ ބަހުގެ މާނައަކީ ޑިމޮކްރަސީ ނިޒާމު ތަންފީޒު ކުރުމަށް ޓަކައި ގެންގުޅޭ އިޖްރާއާތުތަކާއި އަޅައި ފިޔަވަޅުތަކެވެ. އޭގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވައިލާ ގޮވައިލުންތަކާއި، ޙައްޤުތައް ހޯދުމަށް މަސައްކަތްކުރުމަށް ލިބިފައިވާ ވަސީލަތްތަކާއި، ސިޔާސީ ޕާޓީތައް އުފެއްދުމުގެ މިނިވަންކަމާއި، ވެރިކަން ކުރާ ބަޔަކާ ދެކޮޅު ހެދުމުގެ ޙައްޤާއި، ޢާއްމު އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤާއި، ޤާނޫނުތަކާއި ޤަރާރުތައް އެކަށައެޅުމުގައި އަޣްލަބިއްޔަތަށް ތަބާވުން ފަދަ އިޖްރާއާތުތައް ހިމެނެއެވެ.
ޑިމޮކްރަސީގެ އާލިއްޔާތުގެ ތެރޭގައި ސިޔާސީކާރު އޭނާގެ އަމިއްލަ ނަފްސާ ބެހޭގޮތުން ދައްކާ ރަނގަޅު ވާހަކަތައް ހިމެނެއެވެ. އެމީހާ އަބަދުވެސް އޭނާއަކީ އެންމެ ޤާބިލު މީހާ ކަމަށް ބުނާނެތެވެ. އަދި އޭނާއަށްވުރެ ރަނގަޅަށް ޚިދްމަތްކޮށްދެވޭނެ އެހެން މީހަކު ނުހުންނާނެ ކަމަށް ވެސް ދަޢުވާ ކުރާނެތެވެ. ވެރިކަމަށް ނުވަތަ ވާޞިލުވާން އެދޭ މަޤާމަށް ވާޞިލުވެވޭތޯ އޭނާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. އޭނާގެ ހަތުރުވެރިޔާއާ ދެކޮޅަށް ކޮންމެ ފަދަ ތުހްމަތުތަކެއްވެސް އަދި ބަދުނާމުތަކެއް ވެސް ކޮށްފާނެއެވެ. މާތް ރަސޫލާ ގެ ބަސްފުޅުތަކުން އެނގޭގޮތުގައި އިސްލާމްދީން މުސްލިމުންނަށް ގޮވައިލަނީ ޞާލިޙު ޢަމަލުތައް ގިނަކޮށް މުޖްތަމަޢަށް ފައިދާހުރި މީހަކަށް ވުމަށެވެ. މުސްލިމަކު ކުރާ ކޮންމެ ކަމެއް ކުރަންވާނީ ﷲގެ ވަޖްހުފުޅު އަދައިގެންނެވެ. ރަނގަޅު ނިޔަތެއްގައި ކުރާ ކޮންމެ ޢަމަލަކަށް މާތް ﷲ ސަވާބު ދެއްވާނެތެވެ. މާތް ﷲ ރުއްސުންލެއްވި އަބޫޛައްރުގެފާނު ވިދާޅުވިއެވެ. ރަސޫލާ އަށް ދެންނެވުނެވެ. މީހަކު ހެޔޮ ޢަމަލު ކުރަމުންދާއިރު މީސްތަކުން އޭނާއަށް ތާރީފުކުރާނަމަ އެއީ ކޮންކަހަލަ މީހެއްތޯއެވެ؟ ރަސޫލާ ޙަދީސް ކުރެއްވިއެވެ. " تِلْكَ عَاجِلُ بُشْرَى الْمُؤْمِنِ – އެއީ މުއުމިނާއަށް ހުރި އަވަސް ހެޔޮ ޚަބަރެވެ. " އިސްލާމީ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެން ވިސްނާއިރު މާތްﷲ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ރަނގަޅު ވާހަކަ ނުދެއްކުމަށް ވަނީ އަމުރު ކުރައްވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއވެ. " فَلَا تُزَكُّوٓا۟ أَنفُسَكُمْ - ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! " މި ބަސްފުޅުތަކުން އެނގެނީ އެއްވެސް މުސްލިމަކު އޭނާގެ އަމިއްލަ ނަފްސުގެ މޮޅު ވާހަކަތައް ދައްކައިގެން ނުވާނެކަމެވެ. އޭނާ ކުރާ ހެޔޮ އަމަލުތަކުގެ ވާހަކަ ދައްކާނީ އަނެކުންނެވެ. ރަސޫލާ ގެ ބަސްފުޅެއްގައި ވެއެވެ. " إِذَا رَأَيْتُمُ الْمَدَّاحِينَ فَاحْثُوا فِى وُجُوهِهِمُ التُّرَابَ – ތިޔަބައިމީހުންނަށް ސަނާތާރީފު ކިޔާ ބަޔަކު ފެނިއްޖެނަމަ އެބަޔެއްގެ މޫނަށް ވެލި އުކާށެވެ! "
މި ޒަމާނަށް ބަލައިއިރު ޕްރޮޕެގެންޑާ ހެދުމާއި، އިޝްތިހާރުކުރުންފަދަ ކަންތައްތަކަކީ އެކަމަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އަގު ބޮޑު މަސައްކަތެކެވެ.ހުޅަނގުގައި އިންތިޚާބީ ޙަމަލާތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުންދާތަން ފެނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ބަލައިއިރު ކޮންމެ ރިޔާސީ ކެންޑިޑޭޓަކު މަދުވެގެން 500 މިލިޔަން ޑޮލަރު ހޭދަކުރައްވާފައި ވެއެވެ. ޢަރަބި ޤައުމަކަށް ބަލައިއިރު މިޞްރުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިޚްވާނުލްމުސްލިމީންގެ ފަރާތުން ކުރިމަތިލެއްވި ކޮންމެ ބޭފުޅަކު އިންތިޚާބީ ޙަމަލާއަށް 40 މިލިޔަން މިޞްރު ޕައުންޑް ( 2 މިލިޔަނަށް ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ) ހޭދަކުރައްވާފައިވެއެވެ.
މި ފަދަ ގިނަ ފައިސާތަކެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ މި ފަދަ ބޮޑު ޢަދަދެއް ބަދަލަކާ ނުލައި ދޭނީ ކާކުހެއްޔެވެ؟ އިންތިޚާބު ދުވަސްވަރު މިއިން އެތިކޮޅެއް ޢާއްމު މަޞްލަޙަތަށް ޓަކައި ( ﷲގެ ވަޖްހުފުޅަށް ޓަކައި ) ހޭދަކުރަން އެދެވިއްޖެނަމަ އޭނާ ( ކެންޑިޑޭޓް) ހޭދަކުރާނެ ހެއްޔެވެ؟
މިހާ ބޮޑު ޚަރަދެއް ކުރެވޭނީ ތިން ޙާލަތެއްގައެވެ. އެއް ޙާލަތަކީ ކެންޑިޑޭޓަކީ ( ޓްރަމްޕް ފަދަ ) މުއްސަންޖަކަށް ވުމެވެ. އެހެންކަމުން އެއީ އާދައިގެ އާމްދަނީއެއް ލިބޭ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ، ޑިމޮކްރަސީގައި ރައްޔިތުންގެ ވޯޓު ލިބޭނީ ތަނަވަސްކަން ހުރި މީހުންނަށެވެ. މަހްޖަނުންނަށާއި މުއްސަނދީންނަށެވެ. ވީމާ، ޑިމޮކްރަސީ މިވަނީ މުއްސަނދީންގެ ޑިމޮކްރަސީއަކަށެވެ. ފައިސާވެރީންނާއި ނުފޫޒުގަދަ މީހުންގެ ޑިމޮކްރަސީއަކަށެވެ. އެހެންކަމުން، މިއީ ތަނަވަސް އެލީޓުންގެ ނިޒާމެކެވެ.
ދެވަނަ ޙާލަތަކީ ކެންޑިޑޭޓަށް ހޭދަކޮށްދޭނެ ފަރާތެއް (ކުންފުންޏެއް) ލިބުމެވެ. ކެންޑިޑޭޓް ބުނާނީ : މަށަށް އެހީވެދޭށެވެ! މަށަށް ކާމިޔާބު ލިބިއްޖެނަމަ އޭގެ ބަދަލު ތިބާއަށް ދޭނަމެވެ.ތިޔަ ކުންފުންޏަށް ބޭނުންވާ ޤާނޫނުތައް ހަދާދޭނަމެވެ. ތިޔަ ކުންފުންޏަށް ސަރުކާރުގެ މަޝްރޫޢުތައް ލިބޭނެ ދޮރުތައް ހުޅުވައިދޭނަމެވެ. މި ހުރިހާ ކަމެއް ވެސް މި ކުރެވެނީ މިސްކީނު ރައްޔިތުންގެ ލޭންދޭނުގައެވެ.
ތިންވަނަ ޙާލަތަކީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓެއް އޭނާއަށް ލިބުމެވެ.މި ޕާޓީން އޭނާއަށް ހޭދަކުރާނެއެވެ. އަދި މި ޕާޓީގެ މެންބަރުންގެ ވޯޓުވެސް އޭނާއަށް ލިބޭނެއެވެ. މި ޙާލަތުގައި އޭނާ ވާނީ ޕާޓީގެ އަޅަކަށެވެ. އޭނާއަށް ޕާޓީގެ އަމުރުތަކަށް ބޯލަނބަން ޖެހޭނެއެވެ. އެ އަމުރުތަކަށް އޭނާގެ ޟަމީރު ތަންދިނަސް ނުދިނަސް އެހެން ގޮތެއް ނެތެވެ. ޕާޓިގެ އަމުރުތަކަށް ބޯ ނުލަބައިފިނަމަ އޭނާ ޕާޓިން ވަކިކުރާނެއެވެ. އަދި ސިޔާސީ މައިދާނުގައި އޭނާއަށް ދެވަނަ ފުރްޞަތެއް ނުލިބޭނެއެވެ.
ވެރިކަން ހޯދުން
ޑިމޮކްރަސީ ފިކްރަކީ ތިމާ ވެރިކަމަށް އިސްވުމެވެ.އެކަމަށް ޓަކައި ހަނގުރާމަ ކުރުމެވެ. ހައިޖާނު އުފެއްދުމެވެ.ޕާޓީ އުފައްދައި ، ޕްރޮޕެގެންޑާ ހަދައި، މުޒާހަރާތަކާއި ހަޅުތާލުތައް ކޮށް ، އިންތިޚާބުތަކުގައި ވާދަ ކުރަނީ ހަމަ މި ބޭނުމުގައެވެ.އިސްލާމީ ނަޒަރަކުން ބަލައިނަމަ މިއީ ނަހީކުރައްވާފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " إِنَّا وَاللَّهِ لَا نُوَلِّي عَلَى هَذَا الْعَمَلِ أَحَدًا سَأَلَهُ وَلَا أَحَدًا حَرَصَ عَلَيْهِ - ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން މީހަކު އެކަމަށް އެދިގެން ނުވަތަ މީހަކު އެކަމަށް ދަހިވެތިވެގެން ތިމަންކަލޭގެފާނު ހަމަ އެކަކުވެސް މި މަސައްކަތަށް އިސްނުކުރައްވާނަމެވެ. " މި ބަސްފުޅުން އެނގެނީ މަޤާމެއް ދިނުމަށް އެދުމަކީ ދީނުގައި އޮތް ކަމެއް ނޫނެވެ. ދީން ގޮވައިލަނީ މީހަކާ ކަމެއް ޙަވާލުކުރާއިރު ކަމަށް އެންމެ އެކަށީގެންވާ މީހަކާ އެކަން ޙަވާލު ކުރުމަށެވެ. އަމާނާތް ޙަވާލު ކުރާއިރު އެކުވެރިކަމަށާއި ރަޙްމަތްތެރިކަމަށާއި ގާތްތިމާގެ ކަމަށް ބަލައިގެން ނުވާނެއެވެ. ތިމާއަށް ލިބޭ ޒާތީ މަންފައާކަށް ބަލައިގެން ނުވާނެއެވެ. އެކަމަށް އެދޭ ކޮންމެ މީހަކީ އެކަމަށް އެކަށީގެންވާ މީހަކަށް ނުވެ ހިނގައިދާނެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތް ޞަޙާބީއެއް ކަމުގައިވާ އަބޫ ޛައްރިއް ޣިފާރީ އެކަލޭގެފާނު އަރިހަށް ވަޑައިގެން ވަޒީފާއަކަށް އެދިވަޑައިގަތެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫ ޛައްރުގެފާނުގެ ކޮޑުފުޅުގައި ފިރުމައިލައްވާފައި ޙަދީޘް ކުރެއްވިއެވެ. (( يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ، وَإِنَّهَا أَمَانَةٌ، وَإِنَّهَا يَوْمَ الْقِيَامَةِ خِزْيٌ وَنَدَامَةٌ، إِلَّا مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا )) – މާނައީ : އޭ އަބޫ ޛައްރުގެފާނޭވެ! ހަމަކަށަވަރުން ކަލޭގެފާނަކީ ނިކަމެތި ބޭކަލަކީމުއެވެ. އަދި ހަމަކަށަވަރުން އެ ކަމަކީ (އެބަހީ: ވަޒީފާއަކީ) އަމާނާތެކެވެ. ޙައްޤުގޮތުގައި އެ މަޤާމަށް އިސްވެ އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރި މީހަކަށް މެނުވީ އެކަން ވާނީ ޤިޔާމަތް ދުވަހު އެކަމާމެދު ދެރަވެ ނިކަމެތިވާން ޖެހޭނެ ކަމަކަށެވެ. "
ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަބްދުއްރަޙްމާން ބުނު ސަމްރާއަށް ނަސޭޙަތް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. " يَا عَبْدَ الرَّحْمَنِ لَا تَسْأَلْ الْإِمَارَةَ فَإِنَّكَ إِنْ أُعْطِيتَهَا عَنْ مَسْأَلَةٍ أُوكِلْتَ إِلَيْهَا وَإِنْ أُعْطِيتَهَا عَنْ غَيْرِ مَسْأَلَةٍ أُعِنْتَ عَلَيْهَا - އޭ ޢަބްދުއްރަޙްމާނޭވެ! ވެރިކަން ހޯދުމަށް ތިބާ ނޭދޭށެވެ! ފަހެ ހަމަކަށަވަރުން ތިބާ އެދިގެން ތިބާއަށް ވެރިކަން ލިބިއްޖެނަމަ ތިބާއާ ( މަސްއޫލިއްޔަތެއް ) ޙަވާލު ކުރެވިއްޖެއެވެ. ތިބާގެ އެދުމަކާނުލައި ވެރިކަން ލިބުނުނަމަ އެކަމުގައި ތިބާއަށް އެހީވެ ދެއްވުމަށް ( ﷲއަށް ) ދަންނަވާށެވެ!"
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުގައި އައިސްފައިވާ ވެރިކަން ހޯދުމޭ ބުނެވުނު ބަހުގައި ވެރިކަން ހޯދުމުގެ ހުރިހާ ގޮތްތަކެއް ހިމެނޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ވޯޓުގެ ތެރެއިން ހޯދުމާއި ވޯޓުން ބޭރުން ހޯދުމާއި ގަދަބާރުން ހޯދުންފަދަ ގޮތްތައް ހިމެނޭނެއެވެ. ވެރިކަމުގެ ތެރޭގައި އެންމެ މަތީ ވެރިކަމުން ފެށިގެންގޮސް އެންމެ ދަށު ދަރަޖައިގެ ވެރިކަން ވެސް ޝާމިލުވާނެއެވެ.
ގިނަވަންތަކަން (pluralism)
ޑިމޮކްރަސީ ފިކްރުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ގިނަވަންތަކަން ހިމެނެއެވެ. އެއީ ހަމައެކަނި ތަފާތު ޚިޔާލުތަކުގެ ސިޔާސީ ޕާޓީތައް އުފެއްދުމަށް ފުރްޞަތު ހުޅުވިގެން ދިޔުމެއް ނޫނެވެ. އޭގެއިތުރަށް މަޞްލަޙަތާ ގުޅުން ހުރި ތަފާތު ޚިޔާލުތައް ވުޖޫދުވުމަށްވެސް ޑިމޮކްރަސީގެ ނިޒާމު ޖާގަދެއެވެ.ޑިމޮކްރަސީއަކީ މުޖްތަމަޢުގެ ހުރިހާ އިޢުތިޤާދުތަކަކަށާއި، ފިކްރުތަކަކަށާއި ތަޞައްވުރުތަކަކަށް ހުއްދަދޭ ނިޒާމެކެވެ.މި ކަންކަމާ ދެކޮޅު ހެދުމަކީ ޑިމޮރަސީ ނިޒާމާ ދެކޮޅު ހެދުމެވެ. އެ ނިޒާމު ބަލައިނުގަތުމެވެ.މިއީ އިސްލާމީ ބައެއް އުޞޫލުތަކާ ފުށުއަރާ ކަމެކެވެ. އެހެނީ އިސްލާމްދީން ބުނާގޮތުގައި އެ ދީނުގެ އަޞްލުއުޞޫލުތައް ޤަބޫލު ނުކުރާ މީހަކީ މުރްތައްދުވެފައިވާ މީހެކެވެ. މުރްތައްދުވި މީހާ އަލުން އެބުރި ދީނަށް ވަދެ ތައުބާ ނުވިނަމަ އޭނާގެ ޙައްދަކީ މެރުމެވެ. އިސްލާމީ އަޞްލުއުޞޫލުތަކާ ތަޢާރުޟުވާ ފިކްރުތަކަށް ގޮވައިލާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިސްލާމީ ޝަރީޢަތުގައި ނުދެވޭނެއެވެ.ޑިމޮކްރަސީ ނިޒާމުގައި އައިސްފައިވާ ގިނަވަންތަކަމުގެ އެންމެ ސާފު މަންޒަރު ފެންނަނީ ތަފާތު ފިކްރުތަކުގެ ޕާޓީތަކާއި ޖަމާޢާތްތައް ޤާއިމުކުރުމުގެ މިނިވަންކަން އެ ނިޒާމުގައި އޮންނާތީއެވެ.އެހެންކަމުން ޙަޤީޤަތުގައި ޑިމޮކްރަސީއަކީ ބައިބައިކުރާ އެކުވެރި ނުކުރާ ނިޒާމެކެވެ. ސިޔާސީ ވަކި ޕާޓީއެއްގެ ތެރޭގައި ތަފާތު ފިކްރުތައް ހުރުމަކީ ވެދާނެކަމެކެވެ. އެހިނދު ޕާޓީ ވާނީ ތަފާތު ފިޔަތަކެއް ހިމެނޭ ޖަމާޢަތަކަށެވެ. ޕާޓީގެ ހިޔާވަހިކަން މި ޖަމާޢަތްތަކަށް ލިބޭނެއެވެ. މި ޖަމާޢަތްތަކުގެ މެދުގައި އެއްގަލަކަށް ނޭރޭ ހިސާބަށް ދިޔުމުން މައި ޕާޓީން މި ޖަމާޢަތްތައް ވަކިވެދެއެވެ. މައި ޕާޓީ ދެ ޕާޓީއަށް ނުވަތަ އެތައް ޕާޓީތަކަކަށް ފަޅިފަޅިވެގެން ދެއެވެ. އެހެންކަމުން ބައެއް މުފައްކިރުން ވިދާޅުވާ ގޮތުގައި ޑިމޮކްރަސީ ހެދިބޮޑުވާނީ ދެބަސްވުންތަކުގެ ތެރެއިންނެވެ. ދެބަސްވުންތައް ގިނަވުމުން ޑިމޮކްރަސީގައި ބަލާނީ އަޣްލަބިއްޔަތަށެވެ. މި އަޣްލަބިއްޔަތަށް ރަނގަޅު ބަސް ލިބެއެވެ. އަދި އަޤައްލިއްޔަތަށް ނުރަނގަޅު ބަސް ލިބެއެވެ. އެހެންކަމުން ޑިމޮކްރަސީގައި ރަނގަޅަކީ ގިނަމީހުންގެ ބަހެވެ. ނުބަޔަކީ މަދު މީހުންގެ ބަހެވެ.އެކަމަކު މަދުމީހުން ގިނަމީހުންނަށް ވުމަށް ޓަކައި މަސައްކަތްކުރުމުގެ ދޮރު އެމީހުންގެ ކުރިމަތީގައި އޮތީ ހުޅުވިފައެވެ. ހަމަ މި ބީދައިން އަޣްލަބިއްޔަތު ( ގިނަބަޔަކު) އަޤައްލިއްޔަތަކަށް ( މަދު ބަޔަކަށް) ވެސް ބަދަލު ވެދާނެއެވެ. އެހެންކަމުން ޑިމޮކްރަސީ ނިޒާމުގައި، ވަރަށް އަވަހަށް ބާޠިލު ޙައްޤަށް ، އަދި ޙައްޤު ބާޠިލަށް ފުރޮޅިގެން ދިޔުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ.ސަބަބަކީ އަޣްލަބިއްޔަތަށް ބަދަލު އައުމެވެ. މި އަޣްލަބިއްޔަތު ދެމެހެއްޓިއްޖެނަމަ އެމީހުންގެ އަތްމަތީގައި ޙައްޤު ދެމެހެއްޓޭނެއެވެ. މިކަމުގެ ސަބަބުން ޚުދްމުޚްތާރުކަމަށް ދޮރު ހުޅުވިގެން ދެއެވެ. އަދި މި ޚުދްމުޚްތާރުކަން ދެމެހެއްޓުމަށް ވެސް މަގު ތަނަވަސް ވެއެވެ. މިއީ ބައެއް ޤައުމުތަކުން ފެންނަމުންދާ ކަމެކެވެ. ޤައުމެއްގައި ތަފާތު ޤަބީލާތަކެއް ދިރިއުޅޭއިރު އެ ޤައުމުގެ އާބާދީގައި ގިނައީ ވަކި ޤަބީލާއެއްނަމަ އެ ޤައުމުގައި އަބަދުވެސް އޮންނާނީ އެ ޤަބީލާގެ ރައުޔެވެ. އެހެން ޤަބީލާތަކުގެ ބަހެއް ނުއިވޭނެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ ތަފާތު ޤަބީލާތަކުގެ މެދުގައި އަރާރުން އުފެދި ހަތުރުވެރި ބަޔަކަށް ވެދެއެވެ.
ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ އެ މުޖްތަމަޢުގެ ގިނަ މީހުންނަކީ ކިޔަވައިގެންތިބި ތަޢުލީމުޔާފުތާ މީހުންނެއް ނޫނެވެ. އެހެނެއްކަމަކު އެ މުޖްތަމަޢުތަކުގައި ވެސް ގިނައީ ދަށުފަންތީގެ މީހުންނާއި މެދުފަންތީގެ މީހުންނެވެ.މަތީފަންތީގެ މީހުންނާއި ތަޢުލީމުޔާފުތާ މީހުންނަކީ މަދު ބަޔެކެވެ. އެހެންކަމުން ޑިމޮކްރަސީގެ ދުނިޔޭގައި ޢާލިމުންނާއި ޖާހިލުން ތަފާތެއް ނުވާނެތެވެ. ތަޤްވާވެރިންނާ ފާޖިރުން ހަމަހަމަވެގެން ދާނެތެވެ.
އިންތިޚާބީ ދާއިރާތަކުގެ އަޑު ނުއިވުން
އިންތިޚާބީ ޙަމަލާގެ ތެރޭގައި ކެންޑިޑޭޓުން ދާއިރާގެ ސަހަރުތަކަށާއި ރަށްރަށަށް ގޮސް އެމީހުންނާ ބައްދަލުކޮށް އެމީހުންނަށް އަޅާލައި އެމީހުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައެވެ. އެމީހުންނަށް ކެންޑިޑޭޓާ ގުޅޭނެ ފޯން ނަންބަރުތައް ދީ ކަމެއް ޖެހިއްޖެނަމަ ގުޅަން ވެސް ބުނާނެތެވެ. ނަމަވެސް ކެންޑިޑޭޓަކު އިންތިޚާބުވުމުން އެމީހުންނާ މެންބަރާ ދެމެދުގައި ގުޅުމެއްނެތް ކަހަލައެވެ. އިންތިޚާބުގެ ދުވަސްވަރުގައި ގުޅުނު ފޯން ނަންބަރުތައް އެއީ ބޭނުންކުރެވޭ ނަންބަރުތަކަކަށް ނުވެއެވެ. މެންބަރުގެ ފައިންޕުޅު ފެނޭތޯ ދިޔަސް ބައްދަލެއް ވެސް ނުވެއެވެ. އިންތިޚާބީ ޙަމަލާގައި ވެވަޑައިގެންނެވި ވަޢުދުތަކަކީ ނުވާ ވަޢުދުތަކެއް ފަދައެވެ. މީގެ އިތުރަށް މަޖިލިސް ތެރޭގައި ބަހުސްކުރެވޭ ކަންތައްތަކާ ބެހޭގޮތުން އެ މެންބަރުގެ ދާއިރާގެ އެއްވެސް މީހަކާ މަޝްވަރާކޮށްލެވޭ ތަނެއް ވެސް ނުފެނެއެވެ.
އަޚްލާޤީ ހުސްކަން
ޑިމޮކްރަސީ ނިޒާމަކީ އަޚްލާޤުން ހުސްވެގެންވާ ނިޒާމެކެވެ. މިއަދުގެ ދުނިޔެއަށް ބަލައިއިރު ޑިމޮކްރަސީގެ ބާނީންނަކީ އިސްތިޢުމާރީ ޤައުމުތަކެވެ. ތިންވަނަ ދުނިޔޭގެ މުއްސަނދިކަން ފޭރިގެންފައި ވަނީ އަދި މިއަދު ވެސް ތަފާތު ވަސީލަތްތަކުން ނާޖާއިޒު ފައިދާތައް ނަގަމުން ދަނީ މި ޤައުމުތަކުންނެވެ. އިނގިރޭސިވިލާތަކީ ޑިމޮކްރަސީގެ މަންމަކަމަށް ދަޢުވާ ކުރާ ޤައުމެވެ. ފަރަންސޭސިވިލާތަކީ ރައްޔިތުންގެ ސިޔާސަދަތުގެ ނަޒަރިއްޔާތުގެ ބަނީކަމަށް ދަޢުވާކުރާ ޤައުމެވެ. އެމެރިކާއަކީ މިއަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ ސިންގާސަނާގެ ތަޚްތުގައި ރެނދަލިކުރާ ޢިއްޒަތްތެރި މަހާ ރާޖާއެވެ. ފަޤީރު ޤައުމުތަކުގެ މުއްސަނދިކަން ފޭރެމުންދަނީ މި ޤައުމުތަކުން ނޫންތޯއެވެ؟ މިފަދަ ހަޑިހުތުރު ޢަމަލުތަކަށް އަރައިގަތުން މަނާކުރާނެ އުޞޫލެއް ޑިމޮކްރަސީގައި ނެތީ ބާވައެވެ.