ހަތަރުހާސް ފަސް ސަތޭކަ އޮފިޝަލުން ބޭނުން، ލިބިފައިވަނީ އަށާރަ ސަތޭކަ މީހުން: އީސީ

އެޕްރީލް މަހު 6 ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 4500 އެއްހާ މީހުން ބޭނުންވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް ލިބިފައިވަނީ 1800 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކްރަމް ވިދާޅުވީ އޮފިޝަލުން ހޯދުމަށް ތިންފަހަރެއްގެމަތިން އީސީން ހުޅުވާލި ކަމަށެވެ. އެހެންނަމަވެސް އެކަށީގެންވާ ތަރުޙީބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުންގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވި މީހުންނަށް އެކިމީހުންގެ ފަރާތުން ބިރު ދައްކައިފައިވާ ކަމަށް ބުނެ މިފަހަރުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާން ޖެހިލުންވާ ކަމަށްބުނެ ބައެއް މީހުން އީސީއަށް އަންގަމުންދާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އޮފިޝަލުން ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހުރިހާ ފަރާތަކުން ވެސް ވަނީ އީސީއަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

އަކުރަމް ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ރޭގެ ނިޔަލަށް ވަނީ 287

ކެންޑިޑޭޓުން ފޯމުހުށަހަޅައިފައި ކަމަށެވެ. ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި ގިނަޢަދަދެއްގެ ފޯމުތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އީސީއޮތީ އެކަމަށް ވެސް ތައްޔާރަށް ކަމަށް އަކުރަމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.