ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް ފަށައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ބާއްވަނީ ދަރުބާރުގޭގައެވެ. މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންފަރެންސް ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މި ކޮންފަރެންސަކީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކާބެހޭ ގޮތުން މަޝްވަރާކޮށް އިސްލާހު ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން ސްކޫލްތަކުގެ ކަންބޮޑުވުންތައް އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ ޙިއްސާ ކުރެއްވުމަކީ ކޮންފަރެންސްގެ އެއް މަޤުސަދެވެ.

އޭގެ އިތުރަށް ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަވަން މަސައްކަތް ކުރައްވާ ބަދަލުތަކާ ބެހޭގޮތުން ޕްރިންސިޕަލުންނާއެކު މަޝްވަރާކުރުންވެސް މި ކޮންފަރެންސްގައި އޮންނާނެއެވެ. "ޚާއްސަކޮށް މިހާރު ތަންފީޒު ކުރަމުންދާ ޕޮލިސީތަކަށް ސްކޫލްތަކުގެ ފަރާތުން ހުށަހަޅަންހުރި ކަންބޮޑުވުންތަކާއި އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް އަދި ބަދަލުކުރައްވަން އެބޭފުޅުން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވާނެ،" ކޮންފަރެންސާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މީގެ އިތުރަށް ޤައުމީ މަންހަޖު ތަންފީޒު ކުރުމަށްޓަކައި ޕްރިންސިޕަލުންގެ ރޯލު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވެސް މަޝްރާ ކުރުން އޮންނާނެއެވެ. އަދި ކުރިއަށް އޮތް ފަސްއަހަރަށް ތައްޔާރު ކުރައްވައިފައިވާ އެޑިޔުކޭޝަން ސެކްޓަރ ޕްލޭނަށް ސްކޫލްތަކުގެ ވެރިންގެ ޚިޔާލު ހޯދާލުމަކީ ވެސް މި ކޮންފަރެންސް އެއް މަޤުސަދެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.