ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެމައްޗަށް ކުރި ދަޢުވާ ސާބިތުވެ އޭނާ 4 މަހާއި 24 ދުވަހަސް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ޙުކުމްކޮށްފިއެވެ.
މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މައްސަލައެއްގައި އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމަށްފަހު، ކޯޓުން ނެރުނު ވަގުތު އޭނާ ފިއްލަވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައެވެ. އެޙާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ ހަތެއްޖަހާ އެހާ ކަންހާއިރުއެވެ. ކުރިމިނަލް ކޯޓްކައިރިން ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން ވެސް މަހުލޫފު އެކަމާ ދެކޮޅު ހައްދަވައި ފިއްލަވަން މަސައްކަތް ކުރެއްވި ކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ދައުވާއަށް މަހްލޫފު ވަނީ އިންކާރުކުރައްވާފައެވެ.
މަހުލޫފްގެ މައްޗަށް ޙުކުމްކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.