މިދިޔަމަހު ރާއްޖޭގެ އެކްސްޕޯޓު ދަށަށް ހިނގައްޖެ

article-c78321dc-2ef6-400f-a5f5-141dd3ca967f-6Ub2eRjFz-HSK1-882_634x413

  • ޖޫން މަހު އިމްޕޯޓު ކުރި މިންވަރު 14% އިތުރު؛
  • އެކްސްޕޯޓު ކުރި މިންވަރު 24% ދަށަށް؛
  • އިމްޕޯޓު ޑިއުޓީ 11% އިތުރު؛

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 14% އިތުރުވެއްޖެއެވެ. މި ދިޔަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހުސްވި ޖޫން މަހު 11% އިތުރުވެފައެވެ. ފާއިތުވި ޖޫން މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 183.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 165.5 މިލިއަން ރުފިޔާއެވެ.

ފާއިތުވި ޖޫން މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 24% ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 288.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ ޖޫން މަހު މި ޢަދަދު ވަނީ 218.4 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

2016 ވަނަ އަހަރު ދެބައިވީއިރު، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 1.20 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 5% އިތުރު އަދަދެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.