'އެކްޓިވް ވާރކްޕްލޭސް' ޙަރަކާތް ފަށްޓަވައިދެއްވައިފި

ފޮޓޯ: ރައިސް އޮފީސް

ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހެނދުނު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިހަރަކާތް އިފުޠިތާޙް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޙަފުލާއެއްގައެވެ.

"އެކްޓިވް ވަރކްޕްލޭސް" ހަރަކާތް އިފުތިތާޙު ކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން މި ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ މިބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވިއެވެ. މިގޮތުން ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން "އެކްޓިވް ވަރކްޕްލޭސް" ފަދަ ހަރަކާތެއް ކެންސަރ ސޮސައިޓީން ކުރިއަށް ގެންގޮސްދެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ޚަބަރު: ރައީސް އޮފީސް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.