ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހްސަން އިގްބާލު އޭނާގެ އުފަން ރަށަށް ވަޑައިގެން އުޅުއްވަނިކޮށް، އޭނާއަށް އަމާޒުކޮށް ދެވުނު ބަޑީގެ ހަމަލާެއެއްގައި ޒަޚްމްވެވަޑައިގެންފިއެވެ.
"ދާޚިލީ ވަޒީރު އޭނާގެ އުފަންރަށް ރަނޯވާލް ޑިކްޓްރިސްކްޓްގެ ކަންޖްރޫރުގައި އޮތް ސިޔާސީ ބައްދަލުވުމަށް ވަޑައިގެން އުޅުއްވަނިކޮށް ކާކުކަން ނޭނގޭ މީހަކު ދާޚިލީ ވަޒީރަށް ހަމަލާ ދިނީ" އަނަޑޯލޫ އެޖެންސީއަށް މައުލޫމާތު ދެއްވަމުން ޕާކިސްްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިންޓީރިއާ ޠަލާލު ޗައުދަރީ ވިދާޅުވިއެވެ.
މިނިސްޓަރުގެ ކޮނޑުފުޅަށް ވަޒަނެއް އެރީ ކަމަށާއި، އޭނާ ފުރާނަފުޅަށް ނުރައްކަލެއް ނެތް ކަމަށް ވެސް ޗައުދަރީ ވިދާޅުވިއެވެ. ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) ގެ އިސްބޭފުޅެއް ކަމުގައިވާ އަހްސަން އިގްބާލު ވަގުތުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވިފައެވެ. އަދި ފަހުން އޭނާ ވަނީ ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރަށް ބަދަލުކުރެވިފައެވެ.
"ﷲގެ އޯގާތެރިކަން ވަރަށް ބޮޑެވެ. އެންމެހާ ރަޙްމަތްތެރިނަނާއި ހެޔޮއެދެ ފަރާތްތަކަށް އެބޭފުޅުންގެ ދުޢާގައި އަހަރެންގެ މަތިން ހަނދާކުރެއްވުމަށް އިލްތިމާސްކުރަމެވެ." ސިޔާސީ އެއްވުން ނިންމަވާލެއްވުމަށް ފަހު އޭނާ ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ދެވުނު ބަޑީގެ ހަމަލާއިން ސަލާމަތްވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ޓްވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.
ޕާކިސްތާނު ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހާ ވަނީ އެވަގުތު ހައްޔަރުކުރެވިފައެވެ. އަދި ފަހުން އެނގުނު ގޮތުގައި އެއީ އާބިދު ހުސައިން ނަމަކަަށް ކިޔާ 22 އަހަރުގެ ޒުވާނެކެވެ.
"ބަޑި ޖެހިއިރު ހަމަލާދިން މީހާ ހުރީ މިނިސްޓަަރާއި 15 ޔާޑު ދުރުގައި. ޕާޓިގެ އެކްޓިވިސްޓުންނާއި ފުލުހުން އަވަހަށް އޭނާ ހިފެހެއްޓީ އެހެންނޫންނަމަ އޭތާ އިތުރަށް ބަޑިޖެހީސް." ފުލުހުންގެ ތަރުޖަމާނު ޝާހިދު ލަޠީފު ވިދާޅުވިއެވެ.
ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަހްސަން އިގްބާލުއަކީ ޕާކިސްތާނު މުސްލިމް ލީގް (ނަވާޒް) ގެ އެންމެ އިސް އެއް ލީޑަރެވެ. އަދި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެެއް ވަޒީރެވެ.