ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރެއްވުމަށް ހައިކޯޓުން އިއްޔެ ކުރެއްވި ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން މިއަދު އަމުރު ކުރައްވައިފިއެވެ.
އަދީބު ގޭބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުއްވީ އެމަނިކުފާނުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި ހައިކޯޓަށް ހުށަހަޅުއްވައިފައިވާ މައްސަލަ ނިމެން ދެނެއެވެ. ހައި ކޯޓުން އިއްޔެ އެގޮތަށް އަމުރު ކުރެއްވުމުން ރޭ ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރައްވައިފައެވެ.
އަދީބު ގޭބަންދަށް ބަދަލު ކުރައްވައިފައިވިޔަ ސްޕްރީމް ކޯޓުގެ މިއަދުގެ ވަގުތީ އަމުރުގައި ވިދާޅުވެފައިވަނީ އަދީބުގެ ބަންދާމެދު އެކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ހައިކޯޓުގެ އަމުރު ތަންފީޒު ކުރެއްވުން ފަސް ކުރެއްވުމަށެވެ. އެ އަމުރު ތަންފީޒު ކުރުމަށް ދައުލަތުގެ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސްޕްރީމް ކޯޓުގެ އަމުރުގައި އަންގަވާފައި ވެއެވެ.
ސްޕްރީމް ކޯޓުން މި އަމުރު ނެރުއްވީ ހައިކޯޓުގެ އަމުރު ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިއުނާފު ކުރައްވައި އެ އަމުރަށް އަމަލު ކުރެއްވުން ފަސްކޮށްދެއްވުމަށް ދައުލަތުން އެދިވަޑައިގެންނެވުމުންނެވެ.
މި އަމުރަށްފަހު އަދީބު އަލުން ޖަލަށް ބަދަލު ކުރެއްވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދީބަކީ ތަފާތު މައްސަލަތަކެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.