ދިރާގުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑްރޭސް" ގެ މިއަހަރުގެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް (އެން.ޖީ.އޯ) ހުޅުވާލައިފިއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތިގެން ކުރިޔަށް ގެންދާ މި ރޭސް ވިދިވިދިގެން ކުރިޔަށްގެންދާތާ މިއީ 10 ވަނަ އަހަރެވެ.
ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާއިރު މި އަހަރުގެވެސް ރޯޑްރޭހުގެ ޝިއާރަކަށް އެ ކުންފުނިން ކަނޑައަޅާފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމުވެ.
"މިއަހަރުގެ ރޭހުގެ ޝިއާރަކަށްވެސް ކުޑަކުދިން ރައްކާތެރިން ކުރުން ނިންމާފައިވާއިރު މި އަހަރު މި ފުރުސަތު ލިބިގެންދާ ޖަމިއްޔާތައް ހޮވުމުގައި އެންމެ އިސްކަމެއް ދެވޭނީ މި ދާއިރާގައި މަސައްކަތް ކުރައްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މި އަހަރުވެސް ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓް ލައިގެން އެންމެ ގިނަ ވޯޓް ލިބޭ 5 ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކަށް 20،000 ރުފިޔާގެ ރޭޓުން ޖުމްލަ 100،000 ރުފިޔާ ހަދިޔާ ކުރުމަށް ދިރާގުން މިވަނީ ނިންމަވާފައެވެ."، ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވިއެވެ.
ރޭހުގެ ޕާޓްނަރ ޖަމިއްޔާއެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޖަމިއްޔާތަކަކީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި މި ދާޢިރާގައި އެދެވޭ މަސައްކަތް ތަކެއް ކޮށްފައިވާ އަދި ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައިވެސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވާފައިވާ ފަރާތްތަކަކަށް ވާންވާނެ ކަމަށް ދިރާގުން މައުލޫމާތުދެއްވައެވެ.
މި ދާއިރާގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ކޮންމެ ޖަމިއްޔާއަކަށްވެސް 16 ޖުލައި 2016 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ހުށަހަޅަންޖެހޭ ތަކެއްޗާއި އަދިވެސް އިތުރު މައުލޫމާތު ރޭހުގެ ވެބްސައިޓް www.dmrr.mv އިން ލިބިވަޑައިގަންނަވާނެއެވެ.
އިމްޖާދް އިތުރަށް ވިދާޅުވީ މިއީ މިފަދަ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވިގެންދާ ކަމަކަށްވާއިރު ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން ދުވުމުގެ ބައިވެރިންގެ ޓީޝާޓް ވިއްކައިގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ހުޅުވިގެންދާނެކަމަށެވެ.
މި އަހަރުގެ ރޭސް ބާއްވާނެ ދުވަހާއި ބައިވެރިވުމުގެ ފުރުސަތު ޖުލައިމަހުގެ ފަހުކޮޅުގެ ތާރީޙެއްގައި އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު ބައިވެރިވާ އެން.ޖީ.އޯ ތަކާއި އެހެނިހެން ޕާޓްނަރުންވެސް އެދުވަހު އިއުލާން ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.