- ކީރިތި ޤުރުއާނުގައިވާ ޙުކުމްތަކާއި ކަންކަމަކީ ހުރިހާ ޒަމާނަކަށް ފެތޭ ކަންކަން:
މުޖުތަމަޢުގެ އަމާންކަމާއި މަސްލަހަތު ޙިމާޔަތްކުރުމަށް ކޮންމެ މުޖުތަމަޢެއްގައިވެސް ޤާނޫނުތަކާއި ގަވާއިދުތަކެއް އުފަން ކުރުމުގެ ބުރަ މަސައްކަތް ކުރަމުންދާ ދިޔުމަކީ މިއަދު ފެންނަން އޮތް އެއް ޙަޤީޤަތެވެ. އަދި ޒަމާން ދައުރުވާވަރަކުން އެ ޤާނޫނުތަށް މުޖުތަމަޢަށް ނުފެތެއެވެ.
ޤާނޫނެއް ނުވަތަ ގަވާއިދެއް ވުޖޫދު ވުމަށްފަހު، އަހަރެއް ފާއިތުނުވަނީސް އިޞްލާޙުކުރަން ޖެހެއެވެ. އާ ކަންތައްތަކެއް ތަޢާރަފުވެ މުޖުތަމަޢުގައި ކުށްތައް ކުރިއަރާދާ ބާރުމިނުން ޤާނޫނުތައް އިޞްލާޙު ކުރަންޖެހޭ ކަމަށް މުޖުތަމަޢުން ޤަބޫލުކުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ ޒަމާނާއެއްގޮތަށް ޤާނޫނު އިޞްލާޙުކުރަންޖެހުމެވެ.
އެހެންނަމަވެސް މީގެ ސާދަސަތޭކަ އަހަރު ކުރިން މާތްﷲ ބާވާލެއްވި، ކީރިތި ޤުރުއާނުގައި އައިސްފައިވާ ޙުކުމްތަކަމީ އެޒަމާނުގެ މުޖުތަމަޢުތަކަށް ވެސް، މި ޒަމާނުގެ މުޖުތަމަޢުތަކަށް ވެސް އެންމެ އެކަށީގެންވާ ޙުކުމްތަކެވެ.
މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު މާރާމާރީއާއި މީހުންމެރުމާއި ޒިނޭކުރުމާއި ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ އާންމުވެފައިވާ ބޮޑެތި ކުށްތަކެވެ. އެކަމުގެ ސަބަބުން މުޅިމުޖުތަމަޢަށް ނާމާންކަމާއި ބިރުވެރިކަން ވެރިވެ މުޅިމުޖުތަމަޢުގެ އަމާންކަން މިވަނީ ގެއްލިފައެވެ. ކަމާބެހޭ މުއައްސަސާތަކުން އަތުކުރި އޮޅާލާފައިވަނީ މުޖުތަމަޢު މިބިރުވެރިކަމުން ސަލާމަތްކޮށް، ޤާނޫނީ ބާރުވެރިކަން ގަދަކޮށް މުޖުތަމަޢަށް އަމާންކަމާއި ޞުލުޙަމަސަލަސްކަން ގެނައުމަށެވެ.
މާރާމާރީއާއި މީހުންމެރުމާއި ޒިނޭކުރުމާއި ރާބުއިމަކީ މިއަދު އަލަން އުފަންވެފައިވާ ކުށްތަކެއް ނޫނެވެ. އިސްލާމްދީން އައުމުގެ ކުރިންވެސް މިފަދަ ކުށްތަކަށް މީސްތަކުން އަރައިގަންނަމުންދެއެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި ނާމާންކަން ވެރިވެފައި ވިއެވެ. މުޖުތަމަޢުގެ އަމާންކަން ޤާއިމުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ އެމުޖުތަމަޢުގައި ދިރިއުޅޭ މީސްތަކުންނަށް ރައްކާތެރިކަން ލިބުމެވެ. އެގޮތުން ނަފްސާއި މުދަލާއި ނަސަލު އަދި ބުއްދީގެ ރައްކާތެރިކަން ކަށަވަރުވުން ހިމެނެއެވެ. އަދި މިއީ އިސްލާމީ ޝަރީޢާގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އިސްލާމްދީނުގައި މިކަންކަން ރައްކާތެރިކޮށްދީފައިވެއެވެ.
- ނަފްސު ރައްކާތެރިކުރުން
{ يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا } (ނިސާ ސޫރަތުގެ 29)
މާނައަކީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލްގޮތުގައި ތިޔަބައިމީހންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.
އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ."
އަދުގެ މުޖުތަމަޢުގައި ކުޑައެއް ބޮޑެއް ނެތި މާރާމާރީ ހިންގާ މީހުން މެރުން އެއީ ޤަބޫލުކުރަން ދަތި ހިތި ޙަޤީޤަތަކަށްވެފައިވާއިރު، އެކަމުގެ ސަބަބުން މުޅިމުޖުތަމަޢަށް ބިރުވެރިކަމާއި ނާމާންކަން މިވަނީ ވެރިވެފައެވެ. މިކަންކަމަށް ޙައްލުލިބި މުޖުތަމައުގައި އަމާންކަން ޤާއިމު ވުމަކީ ހަމަކޮންމެ ފަރުދެއްގެވެސް އުއްމީދުކަމުގައިވާއިރު، ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ހަރުދަނާކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރެވެއެވެ.
މިޒަމާނުގެ ޤާނޫނުތަކުގައި ޒަމާނާއެއްގޮތަށް ޙުކުމްތައް ލިޔެވިފައި ވާއރު ފާހަގަކޮށްލަންޖެހޭ ކަމަކީ މީގެ ސާދަސަތޭކަ އަހަރު ކުރިން ބާވާލެއްވި ކީރިތި ޤުރުއާނުގައި މީގެ އެންމެ ފުރިހަމަ ޙުކުމްތައް ބަޔާންކުރައްވާފައިވާކެމެވެ. އަދި ޤާނޫނުތަކުގައި ލިޔެވިފައިވާ ޙުކުމްތަކުގެ އަސްލަކީ ކީރިތި ޤުރުއާނެވެ.
{ وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنْفَ بِالأَنْفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ } (ސޫރަތުލް މާއިދާ 45 )
މާނައަކީ: " އެ ތައުރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޤިޞާސްގެ އުސޫލު ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފުސަކަށް ނަފުސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމްތަކަކީ ޤިޞާސް ހުރިކަމެކެވެ. ފަހެ އެކަން މަޢާފްކޮށްފި މީހާއަށް އެއީ ކައްފާރާއެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) އެއުރެން އެއީ ހަމަ އަނިޔާވެރިންނެވެ."
- މުދާ ރައްކާތެރިކުރުން:
މުދާ މިލްކު ކުރުމާއި އެމުދާ ރައްކާތެރި ކުރުމުގެ ޙައްޤު އިސްލާމްދީނުގައި މީސްތަކުންނަށް ދެއްވާފައި ވެއެވެ. މުދަލަކީ އިންސާނުން ބުރަ މަސައްކަތުން ހޯދާ އެއްޗަކަށްވާއިރު އޭގެ ރައްކާތެރިކަން ކަށަވަރުނުވާނަމަ މުޖުތަމަޢުގެ އަމާންކަމަށް ޤާއިމުވެދާނެތޯއެވެ.
މިޒަމާނަކީ ވައްކަމާއި ފޭރުމާއި ރިޝްވަތާއި ރިބާ އާންމުވެފައިވާ ޒަމާނެކޭ ދެންނެވުން ދޮގަކަށްނުވާނެއެވެ. މީސްތަކުން ދާއޮހޮރުވައިގެން ހޯދާ މުދާކޮޅު ޙައްޤުނޫން ގޮތުގައި ކޮންމެ ސިފައެއްގައި ވިޔަސް އެހެންބަޔަކު ނަގާނަމަ އޭގެ ޙައްޤުވެރިންނަށް އޮތް ރައްކާތެރިކަމަކީ ކޮބާތޯއެވެ. މިޒަމާނުގައި މިފަދަ މައްސަލަތައް ޢާންމުވެފައި ވީނަމަވެސް މިކަންކަމުގެ ޙައްލު ނުވަތަ ބާޠިލްގޮތުގައި މުދާ އަތުލުމުގެ ޙުކުމްތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.
{ يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا } (ނިސާ ސޫރަތުގެ 29)
މާނައަކީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލްގޮތުގައި ތިޔަބައިމީހންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.
އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ."
- ނަސްލު ރައްކާތެރިކުރުން:
ތަހުޒިބު މުޖުތަމަޢެއް ބިނާކުރުމަށް މުސްތަޤުބަލުގައި ގައުމު ހިންގުމާ ހަވާލުވާ ދަރިންނަކީ ޤާބިލު ބައެއް ކަމުގައި ވާންޖެހެއެވެ. މިކަން ކާމިޔާބުވާނީ އެދަރިންނަށް ރަގަޅު ތަރިބިއްޔަތެއް ލިބިގެންނެވެ. ދަރިންގެ ތަރުބިއްޔަތު ބިނާވެގެންއަންނަނީ މައިން ބަފައިންގެ ފަރާތުންކަމުގައި ވާއިރު، ދަރިން އުފަންވުމުގެ ކުރިން އެދަރިންނަށްޓަކައި މައިންބަފައިން އަދާކުރަންޖެހޭ ޙައްޤުތަކެއް އިސްލާމްދީނުގައި އައިސްފައި ވެއެވެ.
އެހެންނަމަވެސް އެ ޙައްޤުތަކުން މަޙުރޫމުވެ ޒިނޭގެ ހުތުރުކަން ބޮޑު ފާފާއިގެ ތެރެއިން ދަރިން މުޖުތަމަޢަށް ނުކުމެ މައިންބަފައިންގެ ތަރުބިއްޔަތުން މަޙުރޫމު ވެއްޖެނަމަ މުޖުތަމަޢުގެ ޙާލަތަކީ ކޮބާތޯއެވެ؟ މީސްތަކުންގެ ނަސަބު މަސްހުނިވެ އޮޅުންބޮޅުންތަކުން ރައްކާތެރިކޮށް، މީސްތަކުންނަށް ލިބިދޭ މުދާ ވާރުތަކުރުމާއި އަންހެނުންގެ ކަރާމާތް ރައްކާތެރިކުރުމާއި ބަލިމަޑުކަމާއި ޖަރީމާތަކުން މީސްތަކުން ރައްކާތެރި ކުރެއްވުމަށްޓަކައި އިސްލާމްދީނުގައި ޒިނޭކުރުން ޙަރާމްކުރައްވާފައި ވެއެވެ.
{ وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً } (ސޫރަތުލް އިސްރާއު 32 )
މާނައަކީ: " އަދި ތިޔަބައިމީހުން ޒިނޭއާ ގާތް ނުވަށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
އަދި ޒިނޭކުރުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ އަޛާބު ލިބެނިވި ކަމެއްކަމަށް އިސްލާމްދީނުގައި އައިސްފައިވެއެވެ.
މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ މިޒަމާނުގެ އެކަންކަން އާންމުވެ އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ނެތި ގޮސްފައިވާ ކަންކަންކަމުގައިވީއިރު އެކަންކަމުގެ ޙުކުމްތައް މީގެ ސާދަސަތޭކަ އަހަރުކުރިން ޤުރުއާންގައި ބަޔާންކުރައްވާފައިވަނީ ހަމައެކަނި އެޒަމާނަށް އައިސްފައިވާ ޙުކުމްތަކެއްގެ ގޮތުގައެއްނޫނެވެ.
ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޙުކުމްތަކަކީ މިއަދުވެސް މުޖުތަމަޢުގެ އަމާންކަންގާއިމުކުރުމަށް ހުރި އެންމެ ފުރިހަމަ ޙުކުމްތަކެވެ. އިސްލާމީ މުޖުތަމަޢެއްގައި އެކުލަވާލާ ވަޟުޢީ ޤާނޫނުތައް އެކުލަވާ ލުމުގައި އިސްލާމްދީން މަސްދަރެއްކަމުގައި ބަލައިގަނެ ޤާނޫނު އެކުލަވާލުމަކީ ކުށުގެ ނުރައްކަލުން މުޖުތަމަޢަށް އަމާންކަން ލިއްބައިދޭނެ މަގެވެ.
މި އުސޫލުގެ މަތިން މިއަދު މި ދިވެހިރާޢްޖޭގައި ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލަމުގައި މަސްދަރެއްކަމުގައި ބަލަނީ އިސްލާމްދީން ކަން އުފަލާއެކު ފާހަގަކުރަންޖެހެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ."
)ނުނިމޭ)