ޚިޔާނާތުގެ މައްސަލާގައި އަދީބަށް މިރޭ ޙުކުމްކުރަނީ!

gdfgdfg

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން މިރެއަށް ތާވަލުކޮށްފިއެވެ.

މި ދައުވާގެ ހުކުމް އިއްވުން ކުރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ މިރޭ ނުވަގަޑި ސާޅީސް ފަހަކަށެވެ. ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްވަނީ ސިއްރުކޮށްފައެވެ. ސިއްރުކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވެއެވެ.

މީގެ ކުރިން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ވެސް އެމައްސަލާގެ އަޑުއެހުން ތާވަލު ކުރުމަށްފަހު އިތުރަށް ދިރާސާ ކުރަން ވެގެން ކަމަށް ބުނެ ވަނީ ކެންސަލު ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މަޝްހޫރު ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އަދީބުގެ މައްޗަށް ދަޢުވާކުރާއިރު، އަދީބާ ގާތްގުޅުމެއް އޮންނަ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި، އަދީބާ ޢާއިލީގޮތުން ގާތް މާފަންނު ޝޫރާ މަންޒިލް ހާމިދް އިސްމާއިލްގެ މައްޗަށް ވަނީ ދައުލަތުން ޚިޔާނާތުގެ ދައުވާ އުފުލާފައެވެ.

މި އެންމެންގެ މައްޗަށް ހުކުމް ކުރުމަށް ވެސް މިރެއަށް ވަނީ ތާވަލްކޮށްފައެވެ.

މިމައްސަލާގައި އަދީބައި ޒިޔަތާއި، ހާމިދުގެ މައްޗަށް ދައުވާކޮށްފައިވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ދޫކުރި ރަށެއްގެ އިކުއިޒިޝަން ފީގެގޮތުގައި ބަޔަކު ދެއްކި ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވަކަމުގެ ތުހުމަތުގައެވެ.

މިރޭ އަނެއްކާވެސް އަދީބުގެ މައްޗަށް އިތުރު ޙުކުމެއް ކުރަން ތައްޔާރުވެފައިވާއިރު، ރިޔާސީ ލޯންޗު ފިނިފެންމާގައި ބޮންގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 15 އަހަރަށް އޭނާ ޖަލަށްލުމަށް ކްރިމިންލް ކޯޓުން ވަނީ ރޭ ޙުކުމް ކޮށްފައެވެ.
އަދި މިދިޔަ ހަފުތާގައި ވަނީ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލުޙުކުމެއް ކޮށްފައެވެ. އެހެންކަމުން މިހާރު އަދީބު ޖަލުގައި ހުންވަން ޖެހޭ މުއަދަތު ޖުމުލަ 25 އަހަރަށް އެރީއެވެ.
އޭނާ 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ ހަފްތާގައި ޙުކުމްކުރީ، މިދޔަ އަހަރުގެ މެއިމަހުގެ ފުރަތަމަދުވަހު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުން މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، ހުޅުލޭ އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި “ފިނިފެންމާ” ލޯންޗުގައި ބޮން ގޮއްވާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެޙާދިސާގައި ރައީސްގެ އަނބިކަނބަލުންނާއި، ބައެއް އެހެން ބޭފުޅުން ޒަޚަމްވެވަޑައިގަތެވެ. އެހެންނަމަވެސް ރައީސް ވަނީ އެޙަމަލާއިން ސަލާމަތް ވެވަޑައިގެންފައެވެ.
މިޙާދިސާއަށްފަހު އޭރުގެ ނައިބުރައީސް އަދީބަށް ތުހުމަތުކުރެވި އޭނާ ހައްޔަރުކުރުމަށްފަހު، މިހާތަނަށްވެސް ހުންނެވީ ބަންދުގައި ފުލުހުންގެ ބެލުމުގެދަށުގައެވެ. ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަޤާމުން ދުރުކުރީވެސް ބަންދުގައި ހުންނަވަނިކޮށެވެ.
އަދިވެސް އަދީބުގެ މައްޗަށް ބައެއް ދަޢުވާތައް އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުވެސް ހިމެނެއެވެ. މިމައްސަލަތަކުގެ ޝަރީޢަތް ދަނީ ކުރިއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.