އިންތިޚާބުގެ ކެންޕޭނުގެ އެންމެ ފޯރި ގަދަ ދުވަސްވަރެވެ.
އެއް ބަޔަކު އަނެއް ބަޔަކާ ދިމާއަށް ކިޔުނުހައި އެއްޗެއް ކިޔަމުން ދަނީއެވެ.
އެޅުވުނު އެންމެ ބޮޑު އިލްޒާމެއް އަޅުވަމުން ދަނީއެވެ.
އެއް ބަޔަކު ސަރުކާރުގެ ދިފާޢުގައި ކުރެވޭން އޮތް ހުރިހައި ކަމެއް ކުރަނީއެވެ.
އަނެއް ބަޔަކު ސަރުކާރުހިންޏަކަށްވުރެވެސް ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.
އަތޮޅުތަކުގައި ކުރާ ކެންޕޭނު ޖަލްސާތަކުގައި އެންމެ ބާރަށް ގޮވަމުން ދަނީ ސަރުކާރުން މާލެއަށް ހަދާ ގޮތުގެ ވާހަކައެވެ.
އަތޮޅުތައް ހުރި ގޮތަށް ބަހައްޓާފައި މާލެ އުޑާ ހަމައަށް ނަގަމުން ދާ ވާހަކައެވެ.
"ބަލާބަލާށެވެ.
ސަރުކާރުން ބުނާ ގޮތުގައި މާލޭގައި އިތުރު ދެ ލައްކަ މީހުންނަށް ގެދޮރު ބިނާ ކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ގޮވައިލައްވަނީ އެންމެން މާލެ އަންނާށެވެ.
ނަތީޖާއަކީ އަތޮޅުތައް ފަޅު ވުމެވެ.
މާލެ ތޮއްޖެހުމެވެ.
ހުޅުމާލޭގައި އެހެރަ ހަދާ ފުލެޓު އިމާރާތަކީ މާލެ ތޮއްޖައްސައި އަތޮޅުތައް ނިކަމެތިކޮށްލުމުގެ މަސައްކަތެކެވެ."
ރައްޔިތުން ވޯޓު ލައިފިއެވެ.
ސަރުކާރު ބަދަލު ވެއްޖެއެވެ.
މިހާރު ސަރުކާރުން ރައްޔިތުންނަށް އުއްމީދުތަކެއް ދޭން ފަށައިފިއެވެ.
އެއް އުއްމީދަކީ ފުލެޓުގެ އުއްމީދެވެ.
"ހުޅުމާލޭގެ ފުލެޓުތައް ވަރަށް އަވަހަށް ނިމޭނެއެވެ.
ބޭނުންވާ މީހުންނަށް ގެދޮރު ލިބޭނޭ ގޮތް ހަދައިދޭނީ މި ސަރުކާރުންނެވެ.
ހުރިހައި އިމާރާތެއް ނިންމައި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެއެވެ."
ގޯނިބޭ ކުޑައަލީ ފުލެޓު އިމާރާތްތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
"މާލެ ތޮއްޖައްސައި އަތޮޅުތައް ނިކަމެތިކުރަން އޭރުގެ ސަރުކާރުން ކުރި ކަންތައްތައް އެކޮޅުކޮޅުން ނުޖަހައި މައްސަލަ ހައްލުކުރާނޭ ގޮތެއް ބަލަން ތިބެމާ ބަހީއެވެ!"