
ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި މަސައްކަތްކުރާ ވެމްކޯ މުވައްޒަފުންނާ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި އެމްޑީވަނީ ކުނި ނައްތާލުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރައްވައިފައެވެ.
އެމްޑީގެ މިދަތުރުގައި ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ވެސް ވަނީ ބައްދަލު ކުރައްވައި ކުނި އުކާލުމަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އެބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވައިފައެވެ.
ރާއްޖޭގެ 3 ސިޓީ ކަމަށްވާ މާލެ، ފުވައްމުލައް، އައްޑޫ ފިޔަވައި އެހެން ހިސާބުތަކުގައި ކުނިނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކުންނެވެ. ވެމްކޯގެ ދައުރަކީ ޖަމާކުރާ ކުނިތައް ނަގައި ކަނޑައެޅިފައިވާ ރަށަކަށް ގެންދިއުމެވެ. އެގޮތުން އެސަރަޙައްދުގައި އެކަމަށް ކަނޑައަޅައިފައިވާ ރަށަކީ ރަސްމާދޫ ކައިރީގައި އޮންނަ ވަންދޫއެވެ.