ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

index

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް"، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިސްލާހެއް ހުށަހަޅައިފިއެވެ.

ގާނޫނު ނަމްބަރު 2010/8 އަށް މެމްބަރު ފައިސަލް ހުށަހެޅުއްވި އިސްލާހީ ބިލުގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތަކުން އިހްތިޔާރު ކުރާ ކޮންމެވެސް އެއްތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސަން ވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާއަށް މި އިސްލާހީ ބިލު ހުށަހެޅީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މިފަދަ ބިލެއް ފާސްވެ އަމަލުކުރަން ފެށުމުން މާލޭގެ އިތުރުން އަތޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، އެ ފަދަ އާއިލާތަކަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ތައުލީމާއި ތަމްރީނު ހޯދުމަށް ފަހި ފުރުސަތުތަކެއް، ތަނަވަސްވެގެން ދާނެއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ 2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ދިވެހިރާއްޖޭގައި ހިންގާ އެންޖީއޯތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަމްރީނާއި ތައުލީމު ދިނުމުގެ މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން 2015 ވަނަ އަހަރުގެ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން 5 މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ހުށަހަޅުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.