މީހުން މޮނީޓާކޮށް ކޮންޓްރޯލުމުގެ އަމުރު ނުވަތަ މޮނިކޮން އަމުރު ނެރުމުގެ ބާރު ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތްޕުޅުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ނަންގަވައިފިއެވެ.
މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން މޮނީޓާކޮށް ކޮންޓްރޯލުމުގެ އަމުރު ނުވަތަ މޮނިކޮން އަމުރު، ނެރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރު ޤާނޫނީގޮތުން އޮންނަނީ ސީދާ ހޯމް މިނިސްޓަށެވެ. އެގޮތުން މިނިސްޓަރު ބޭނުންފުޅުވާ ބަޔަކު ނުވަތަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައި ކޯޓްގައި އެދުމުގެ ބާރުވަނީ ޤާނޫނުން ލިބިދީފައިވެއެވެ.
މި ބާރުގެދަށުން މިހާތަނަށް މިނިސްޓަރު ޢުމަރުވަނީ ހައިކޯޓު މެދުވެރިކޮށް އަމުރު ހޯއްދަވައިގެން ބައެއްމީހުންގެ ފައިގައި ޓެގް އަޅުވައި ބަލަހައްޓަންވަން ފައްޓަވާފައެވެ.
އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނުވަނީ ހޯމް މިނިސްޓަރުގެ އަތްޕުޅުން އެބާރު ނަންގަވައި، ހަތަރު މެންބަރުން ހިމެނޭ ކޮމެޓީއަކުން އެކަން ކުރަންޖެހޭ ގޮތަށް ހަމަޖައްސަވާފައެވެ. އެކޮމިޓީގައި މިނިސްޓަރު ޢުމަރުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު އަރީފެވެ.
މި ކޮމެޓީއަކީ "މޮނިކޮމް" މައްސަލާގައި ހޯމް މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލެއްވި ކޮމިޓީއެއްކަމަށްވާތީ، ޤާނޫނީގޮތުން ހަޤީގަތުގައި އެބާރު އަދިވެސް އޮތީ މިނިސްޓަރުގެ އަތްޕުޅުގައެވެ. އެހެންނަމަވެސް މިހާރު މިނިސްޓަރު ޢަމަލުކުރައްވަން ޖެހޭނީ ކޮމިޓީގެ ލަފަޔާ އެއްގޮތަކަށްކަމަށް ސަރުކާރުން އަންގަވާފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
މިބަދަލު ރައީސް ގެންނަވާފައިމިނަވަނީ، ބައެއް މީހުންގެ މައްޗަށް މޮނިކޮމް އަމުރު ނެރުން ހުއްޓުވުމަށް ސަރުކާރުގެ އެތެރެއިން ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަމުންދާކަމަށް ތުހުމަތުކުރެވި، އެފަދަ ވާހަކަތަކެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ.