ދެހާސް އަށާރަ ވަނަ އަހަރު އޭގެ ދައުރު ފުރިހަމަކޮށް މާޒީއާއެކު ދިޔައީއެވެ. ޢިބްރަތްތަކެއް ޙާސިލް ކުރުމަށް ގޮވައިލަމުންނެވެ. ކުރެވުނު އުފާވެރި ތަޖުރިބާތަކާއި ހިތާމަވެރި ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ ރަނގަޅުކުރަންވީ ކަންކަމަށް ފެށުނު އައު އަހަރުން ޖާގަ ދެމުންނެވެ.
މާޒީގައި ވީކަންކަމާމެދު ވިސްނައި ފިކުރުކުރަން ހުއްޓިފައި ތިބެގެން ނޯންނާނެއެވެ. ދެ ހާސް ނަވާރަވަނަ އަހަރު ކުރިމަތިލީ އުންމީދީ އަހަރެއްގެ ގޮތުގައެވެ. ސުލްޙައާއި އަމާން ކަމަށް ގޮވައިލާ އުންމީދީ ވެރިކަމަކާއެކުގައެވެ. އެވެރިކަމުގެ ފަރާތުން ދެއްވަމުން ގެންދަވަނީ އުންމީދެވެ. އުފާވެރި ޚަބަރުތަކެވެ. ތިޔާގި ކަމާއި ފާގަތި ކަމުގެ އަހަރެއް ކަމަށް މިއަހަރުވެގެންދާނެ ކަމުގެ ހުވަފެންތަކެކެވެ. ހުވަފެން ޙަޤީޤަތަކަށް ނުވެދާނެއެވެ. އެކަމަކު އުންމީދަކީ މިހާއަށް ދިރުން ގެނުވާ ކަމެކެވެ.
2019 ވަނަ އަހަރު ކުރިމަތިލީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކަކަށްފަހުއެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމެވީ އައު ސަރުކާރަކަށް ފުރުސަތު ދެއްވުމަށެވެ. އަލަށް އިންތިޚާބު ކުރެވުނު ސަރުކާރާއެކުގައި ޤައުމު ތަނަވަސް މައިދާނަކަށް ގެންދެވޭތަން ބަލަން އެތަކެއް ލޮލެއް އެބަތިއްބެވެ.
އައު ސަރުކާރުގެ ހުންގާނުގައި ހިއްޕެވި އިބްރާހީމް މުޙައްމަދު ޞާލިޙަކީ ސިޔާސީ ސިކުނޑިއެއްގެ ވެރިއެކެވެ. މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. ވިޔަފާރި ހިންގެވުމާއި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ. އެހެން ކަމުން މިސަރުކާރު ބަރުހެލިވެ ފަހަތަށް ފިޔަވަޅެއް އަޅައިފާނެ ކަމަށް ނުބެލެވެއެވެ.
"ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ." އައު އަހަރުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ﷲގެ ވާގިފުޅާއެކު މިސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމެވެ.
އައު ސަރުކާރު ވެރިކަމަށް ވަޑައިގެންނެވިއިރު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނައެވެ. މީހުން މެރުމުގެ ޝަކުވާއެވެ. އެކަންކަން ކުރާމީހުންނަށް އަދަބު ނުދެވޭ ކަމުގެ ޝަކުވާއެވެ. ގެއްލުނު ނޫސްވެރިޔާ ރިޟްވާނާއި، މަރައިލެވުނު ޔާމީން ރަޝީދާއި، ޑރ. އަފްރާޝީމްގެ ގަތުލުގެ ވާހަކައަށް އަދިވެސް އިންސާފު ނުލިބިއޮތް ކަމުގެ ވާހަކައެވެ.
އައު ސަރުކާރުންވަނީ އެމައްސަލަތައް އަލުން ބެއްލެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ. އެ މަސައްކަތުން ރައްޔިތުންގެ ހިތުގެ ހިމޭންކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ އުންމީދު އަނެއްކާވެސް ވަނީ ލިބިފައެވެ. އެކަން ކަށަވަރު ނުކުރެވިއްޖެ ކަމަށްވާނަމަ އަނެއްކާވެސް ރައްޔިތުން ވެއްޓިގެންދާނީ މާޔޫސް ކަމެއްގެ ތެރެއަށެވެ.
ރާއްޖޭގެ ޝަރުޢީދާއިރާއަށް ފާޑުކިޔުމަކީ ފަހަކަށް އައިސް ޢާއްމު ކަމެކެވެ. ނިމިގެންދިޔަ އަހަރަށް ބަލާއިރު އުންމީދު ކުރެވުނު އިންސާފެއް ނުލިބޭ ކަމަށް ލައްކަ ދޫތަކުން އެބަބުނެއެވެ. ނާއިންސާފުން ކުރެވުނު އެތައް ކަމެއްގެ ސަބަބުން އެތައް ހިތެއް ފާރުވެފައިވާ ކަމުގެ ޝަކުވާ މަދެއް ނޫންނެވެ. މިހެން ގޮސް އެތައް ކަމެއްގެ ވާހަކަ އަޑު އެބައިވެއެވެ. މިކަންކަމަށް ވެސް ޙައްލު ހޯއްދައިދެއްވާނީ އައު ސަރުކާރުނެވެ.
ފައިބޭ އަހަރު ދައުލަތް ހިންގާފައިވާ ގޮތާއި ޚާރިޖީސިޔާސަތަށް އެތައް ފާޑުކިޔުމެއް އަމާޒުވިއެވެ. ދިފާޢުގައި ވެސް ބަޔަކު ނުކުތެވެ. ޗައިނާއާއި އިންޑިއާ ދެމެދު ރާއްޖެ ފިތި ބާރުވެ ނޭވާ ނުލެވޭ ހިސާބަށް ދިޔަ ވާހަކަވެސް ދެކެވުނެވެ. އައު ސަރުކާރުން އެކަމަށް ވެސް ޙައްލު ގެންނަވާނެ ކަމަށް ރައްޔިތުން ތިބީ އުންމީދުގައެވެ.
ވެރިކަމުގެ ބާރުފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ޤާނޫނީ ބޭފުޅުން ވިދާޅުވާތީ އަޑުއިވެއެވެ. އެހެން ކަމަށްވާނަމަ ދިމާވާ މައްސަލަތަކުގައި ވެސް ރައްޔިތުންގެ ބަސް ހިނގަންވާނެއެވެ. ރައްޔިތުންގެ އަޑު އަހަންވާނެއެވެ. އެހެންނަމަވެސް މިކަންކަން މިމަގަށް ނުހިނގާތަން ވެސް އެބަފެނެއެވެ. ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންނަށް ފަރުދީ ޒިންމާ އަދާނުކުރެވޭތީއެވެ. ޝަކުވާތައް ގިނަކޮށް އޮއްސާ ލުމުގެ ބަދަލުގައި އަހަރެއް ފެށިގެންދާއިރު ފަރުދީ ޒިންމާ އަދާ ކުރުމަށް އަތުކުރި އޮޅާލަން އެބަޖެހެއެވެ.
މިއަހަރު މިފެށުނީ ބޮޑު އުންމީދުތަކާއެކުގައެވެ. އައުސަރުކާރަށް ކުރެވުނު އިތުބާރާ ވެސް އެކުގައެވެ. ބޮޑު އުންމީދަކުން ކުޑަމިންވަރެއް ހާސިލްވާކަމަށްވާނަމަ ހިތަށްވާ ތުރާ ބޮޑުވާނެއެވެ. އެހެން ކަމުން ހުރިހާ ދާއިރާއަކުން ވެސް ބޮޑު މިންވަރު ޙާސިލް ކުރުމަށް މިއަދަކީ މަސައްކަތުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައި އަހަރު ނިމެންދެން އެގޮތަށް މަސައްކަތް ކުރުމަށްފަހު ދެން ނަތީޖާ ބަލަމާ ހިނގާށެވެ.