
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ އެކަމުން ސަލާމަތްވެ ކުންފުނި ކޮޅަށްޖެހުމަށްޓަކައި ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލެއްވުން ބޭނުންވާ ކަމަށެވެ. އެގޮތުން ކުންފުނިން ޚިދުމަތް ހޯދުމަށްފަހު މަހުންމަހަށް ދައްކަންޖެހޭ ފައިސާ ކުންފުނިން ހަނދާން ކޮށްދިނުމުގެ ކުރިން، އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަހުން މަހަށް ދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އާދަމް މުޙައްމަދު ވިދާޅުވީ ކުންފުނީގައޮތް ދަރަންޏާއެކު ޢާއްމުންގެ ޝަކުވާތައް ވެސް ވަރަށްބޮޑު ކަމަށެވެ. އެހެންކަމުން ޢާއްމު ރައްޔިތުންގެ ފަރާތުންވެސް ކުންފުންޏަށްދޭންޖެހޭ އެއްބާރުލެއްވުންތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުންފުނި މިއޮތީ ވަރަށްބޮޑަށް ދަރަނިވެރިވެފައި. ޢާއްމު ރައްޔިތުންގެ ޝަކުވާތައް ވަރަށްބޮޑު. އެހެންވީމާ ޢާއްމު ރައްޔިތުންވެސް އަޅުގަނޑުމެންނަށް ދޭންޖެހޭ އެއްބާރުލެއްވުންތަކެއްވެސް އެބަހުރި. ކުންފުންޏަށް ދައްކަންޖެހޭ ވަރަށްކުޑަކުޑަ މިންވަރެއް މިއޮންނަނީ. އެބައި (ފައިސާ) އަމިއްލަ މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެންނަށް ދައްކަވައި ދިނުމަށް އެދެން،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް އެއްވެސް ފަރާތަކުން މަގުމައްޗަށް ކުނިނާޅައި ހުރިހާ ގޭބިސީތަކުން ވެސް ކުންފުންޏަށް އެއްބާރުލެއްވުން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. "އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރައްޔިތުންނަށްޓަކައިކުރާ މަސައްކަތެއް. އެކަން ރައްޔިތުން ވެސް ދެކިގެން އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވައިފިއްޔާ އަޅުގަނޑަށް ހީވަނީ ހަމަސް ދުވަހުގެ ކުރިންވެސް ޙާސިލް ކުރަން ބޭނުންވާ ބައެއްކަންކަން ޙާސިލްވާނެހެން. އިރުއިރުކޮޅާ ހަނދާންކޮށްދިނުމުގެ ބަދަލުގައި އަމިއްލަ މަސްއޫލިއްޔަތުގެ ގޮތުގައި ދެކިގެން ފައިސާ ދެއްކުން ވަރަށް މުހިންމު،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.