ރޯދަމަސް ފެށިގެން ފުރަތަމަ ދެ ދުވަހަކު މާލޭގެ ކުނި އުކާލުމުގައި މައްސަލަތަކެއް ދިމާވެ، ކުނި ނުނެގި ހުރިތަން ފެނުނު ނަމަވެސް މިހާރު އެ މައްސަލަ މުޅީން ހައްލު ކޮށްފައިވާ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
އާފަތިހާ ވާހަކަފުޅު ދައްކަވަމުން ޝިފާޢު ވިދާޅުވި ގޮތުގައި އެ މައްސަލަ ކުރިމަތިވީ ރޭގަނޑު ވަކި ވަގުތަކު އެކަނި ކުނި އުކާލާ ގޮތަށް ހަމަޖެއްސުމުންނެވެ. "އެހެން ހަމަޖެއްސީވެސް އަޅުގަނޑުމެން ކުރި ސާވޭއަކަށް ބުރަވެ ތިބެގެން. އަޅުގަނޑުމެން ސުވާލު ކުރި މީހުންގެ އަށްޑިހަ ފަސް އިންސައްތަ މީހުން ބުނެފައި ވަނީ ކުނި ނަގަން ދާންވީ ރޭގަނޑު ކަމަށް. އެކަމަކު އެހެން ހަމަޖެއްސީމާ ރަނގަޅަށް ކުނި ނުނެގޭ ގޮތް ދިމާވީ. މިހާރު ވާނީ ގަޑި އިތުރުކޮށް މައްސަލަ ހައްލު ކޮށްފައި."
ޝިފާޢު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުގެ ބޭނުމަކީ މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމެވެ. "މިހާރު މާލެ ތެރެ ކުރިއަށްވުރެ މާ ބޮޑު ތަންވެސް ތާހިރު ވާނެ. ކުނި ކަހަން އެކަނިވެސް އަޅުގަނޑުމެން ވާނީ ސަތޭކަ ފަންސާހަށް ވުރެ ގިނަ މީހުން ނެރެފައި."
މީހުން ނެރެ ކުނި ކެއްސުމާއި، ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދާއިރުވެސް މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ޝިފާޢު ވިދާޅުވިއެވެ. "ހަމަ ނގަސްތުގައި މަގު މައްޗަށް ކުނި އެބައަޅާ. އެއީ ވަރަށް ދެރަ ކަމެއް. އެކަމަކުވެސް އެ ކުނިވެސް އަޅުގަނޑުމެން ދަނީ ނަގަމުން. މާލެ ސާފުކޮށް ތާހިރުކޮށް ބޭއްވޭނީ މާލޭގެ އަހުލުވެރިންގެ އެއްބާރުލުންވެސް ލިބިގެން. ގިނަ މީހުން ރަނގަޅު ކަމަށް ދެންނެވޭނީ. އަޅުގަނޑު އެދެނީ ހަމަ އެއްގޮތަކަށްވެސް މަގުމައްޗަށް ކުނި ނޭޅުއްވުން."
ޝިފާޢު ވިދާޅުވި ގޮތުގައި އެއްވެސް ކަމަކީ މައްސަލައެއް ނުޖެހި ކުރެވޭނޭ ކަމެއް ނޫނެވެ. މައްސަލައެއް ޖެހުނީމާ ހައްލުކޮށްގެން ކުރިއަށް ދާންވީއެވެ. ވެމްކޯއިން އަބަދުވެސް ކަންތައް ކުރާ އަދި ކުރާނޭ ގޮތަކީވެސް އެއީއެވެ. "އަޅުގަނޑުމެން މިތިބީ މަސައްކަތުގައި އަތުކުރި އޮޅާލައިގެން. ރައްޔިތުންގެ އެއްބާރުލުމާއެކު މާލެ މިހާރަށްވުރެވެސް ތާހިރު ތަނަކަށް ހެދުމުގެ އަޒުމުގައި."