
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް އެމަނިކުފާނުގެ އުފަން އަތޮޅުގެ ނައިފަރަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް މިއަދު ނައިފަރަށް ވަޑައިގެންނެވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅުވައިގެން އިއްޔެ ފާހަގަކުރި އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމުގެ މަގުމަތީގައެވެ. ރައީސް ވަނީ އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ ހިންނަވަރަށްވެސް މިދަތުރުފުޅުގައި ވަޑައިގެންފައެވެ.
ނައިފަރަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަށު ކައުންސިލާވެސް ބައްދަލު ކުރައްވާފައެވެ. ނައިފަރުން ފުރާވަޑައިގެން އެނބުރި މާލެ ވަޑައިގަތުމުގެ ކުރިން އެހެން ރަށަކަށް ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ދުވާފަރަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ ކުޑަދޫ އައިލެންޑް ރިސޯޓާއި، ހެބަދޫއަށްވެސް ވަޑައިގެންފައެވެ.