ޕީޕީއެމް އޮތީ ހަތަރު އަނގޮޅި މެދުގައެވެ. ޕާޓީގެ މިލްކުވެރިންނަކީ ކޮބައިކަން އަދި ސާފު ނުވެއޮތްއިރު އެޕާޓީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން މިހާރު އެވަނީ އެ އޮޑި ދޫކޮށްލައްވަން ތައްޔާރުވެފައެވެ. މުޅިން އައު އޮޑިއެއް ބަނުމުގެ މަސައްކަތް ފައްޓަވާފައެވެ. އެއާއެކު ރާއްޖޭގެ ވެރިކަންކުރި ވަރުގަދަ ޕީޕީއެމްގެ ދުވަސްކޮޅަކަށް ނަމަވެސް ވެރިޔަކީ ކާކުކަން ނޭނގޭ ޕާޓީއަކަށް ވެފައި ދުވަސްކޮޅަކު ނަމަވެސް އޮތުން ކައިރިއެވެ.
ޕީޕީއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އިސްވެ ހުންނަވައި އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި ދުރަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދެވަނަ ޕާޓީއެވެ. އެހެންކަމުން ޕީޕީއެމްގެ ރައީސްކަންވެސް އެންމެ ފުރަތަމަ ކުރެއްވީ އެމަނިކުފާނެވެ. ޕީޕީއެމް 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައީވެސް މައުމޫނުގެ ރައީސް ކަމުގައި އޮވެގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހޯއްދެވިއިރު ޕީޕީއެމްއަކީ ބޮޑު ޕާޓީއެކެވެ. އެއަށް ފަހު ވެރިކަމުގެ ވަކިހިސާބަކުން މައުމޫނާއި ޔާމީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮއްސުންލައި ދިޔުމާއެކު ޕާޓީން ބޭރަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ މައުމޫނަށެވެ.
ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ވަކިކޮށް، ޕާޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި އޭރުގެ ރައީސް ޔާމީން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ޕާޓީގެ މައްސަލައިގައި ދެބޭފުޅުންގެ މެދުގައު އުފެދުނު ކޯޅުންގަނޑު އެންމެ ފަހުން ކޯޓަށް ގޮސް އަދިވެސް ޕީޕީއެމްގެ ވެރިންނަކީ ކޮބައިކަން އެއޮތީ ނުނިމިފައެވެ. މައުމޫނުވެސް ޔާމީންވެސް ހުންނެވީ ދޫކުރައްވާ ގޮތަކަށް ނޫނެވެ. ނަމަވެސް އެންމެ ފަހުންގޮސް މިހާރު ޔާމީން އެ ނިންމެވީ ޕީޕީއެމް ދޫކޮށްލެއްވުމަށް ފަހު އެމަނިކުފާނު އިސްވެ ހުންނަވައި އައު ސިޔާސީ ޕާޓީއެއް ހައްދަވާށެވެ. ޕީޕީއެމް ލިބިވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި އިތުރަށް މަޑު ނުކުރައްވަން ޔާމީން އެވަނީ ނިންމަވާފައެވެ. އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށްވެސް މިހާރު އިލެކްޝަން ކޮމިޝަނުގައި އެވަނީ އެދިވަޑައިގެންފައެވެ.
މިހިސާބުން މައުމޫނުގެ ޓީމުން އުފައްދާ ސުވާލަކީ އެހެން އެކަންވާނެތޯއެވެ. މައުމޫނުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅަކު ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި ޔާމީން އެހެން ޕާޓީއެއް ހެއްދެވުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެވަޑައިގަތުމުގައި ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ޕީޕީއެމް މަގުމަތި ކޮށްލެއްވުމަށް ފަހު މިހާރު ޕީޕީއެމްގައި އޮތް ލީޑަޝިޕުން ކޮށްފައިވާ ހުރިހާ މުއާމަލާތެއްގެ ޒިންމާ އެ ލީޑަޝިޕުން އުފުލަން ޖެހޭނެ ކަމަށެވެ.
މައުމޫނުގެ ޓީމުން އުފައްދާ އެންމެ ބޮޑު ސުވާލަކީ ޕީޕީއެމްގައި އެޅިފައިވާ ބޮޑެތި ދަރަނިތަކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި އެކަނިވެސް ޕީޕީއެމުން ވަނީ މިލިޔަނުން ދަރަނި ވެފައެވެ. އޭގެތެރެއިން އެންމެ ބޮޑަށް އަޑު އަރައިގެންދިޔައީ ކެމްޕޭން ދަތުރު ތަކަށް އައިލެންޑް އޭވިއޭޝަނުން ދޫކޮށްފައިވާ ޓިކެޓު ތަކުގެ ދަރަނީގެ ވާހަކައެވެ. ހަމައެކަނި އައިލެންޑް އޭވިއޭޝަނަށް އެކަނި ބެލިޔަސް ދެތިން މިލިޔަން ރުފިޔާގެ ދަރަނި އެބައުޅެއެވެ. އަދިވެސް އެހެން ފަރާތްތަކަށް ހުރި އަދަދު ސާފެއް ނޫނެވެ.
މައުމޫނުގެ ޓީމުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ޕާޓީގެ މިހާރުގެ ލީޑަޝިޕުން ދުރަށް ދާއިރު ޕާޓީ އޮންނަންވާނީ ދަރަނި ނެތް ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ޕާޓީން ލީޑަޝިޕް ވަކިވެ ދިޔަސް އެ ޒިންމާ އެބޭފުޅުން ނަންގަވަން ޖެހޭނެ ކަމަށެވެ. މައުމޫނަށް ޕާޓީ އަލުން ލިބިވަޑައިގަތަސް ޕާޓީގެ މިހާރު އޮތް ލީޑަޝިޕުން ކޮށްފައިވާ އެއްވެސް ކަމެއްގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ހުރި ދަރަނިތައް ޚަލާސްކޮށް އެބޭފުޅުން ވަޑައިގެންފިނަމަ މައުމޫނުގެ ޓީމުގެ ޝަކުވާއެއް ނެތެވެ.
dharaneege zinmaa naganee maumoon aai eibeyfulhaage supportarun
ދަރަނީގެ ޒިންމާނަގާނީ ޕާޓީ ފޭރިގަންނަ މީހުން