
ހުޅުމާލޭ ބީޗު ސަރަހައްދުގައި ކެފޭތަކުން ގޮނޑި ޖަހައި ޚިދުމަތް ދެމުންދަނީ ގަވައިދާ ޚިލާފަށް ކަމަށާއި އެހެންވެ އެކަން ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ ހުޅުމާލޭ އަތިރިމަތީގައި ހުންނަ ރެސްޓޯރެންޓް، ކެފޭ ތަކުން ބީޗު ސަރަހައްދު ބޭނުން ކުރަމުން ދަނީ އެޗްޑީސީގެ ހުއްދައެއް ނެތިކަން އެނގިފައިވާ ކަމަށާއި އެހެންވެ އެކަން ހުއްޓުވައި ދިނުމަށް އެޗްޑީސީގައިވެސް މިހާރު އެދިފައިވާނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކެފޭ ތަކުން ބީޗު ހިފައި، މުޅި ސަރަހައްދުގައި ގޮނޑި އަތުރައިގެން ޚިދުމަތް ދެމުންދާތީ އާންމުންނަށް ބީޗު ބޭނުން ނުކުރެވޭތީ އާންމުންގެ ޝަކުވާ އަންނަމުންދާ ކަމަށެވެ. އެގޮތުން މޫދަށް އެރިލައި އުޅޭ މީހުންނާއި ބީޗަށް ކުދިވެރިން ގޮވައިގެން ޖައްސާލާ މީހުންނަށްވެސް ބީޗުގައި ގޮނޑި އަތުރާފައި ހުރުމުން ބޭނުން ނުކުރެވޭތީ ޝަކުވާ ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއްވެސް ކުއްޔެއްވެސް ނުދައްކައި އަދި ހުއްދަވެސް ނުނަގައި މުޅި ބީޗުގައި ގޮނޑި އަތުރައިގެން ކެއުން ބުއިމުގެ ޚިދުމަތް ކެފޭ ތަކުން ދެމުންދާން ފެށީ މާލެ އާއި ހުޅުމާލެއާ ދެމެދު ބުރިޖު އަޅުމުގެ ސަބަބުން މާލެއިން ގިނަބަޔަކު ޚިދުމަތް ހޯދަން އަންނަ ފެށުމާއި ގުޅިގެންނެވެ.