މަޖިލީހަށް ކުރިމަތިލާން މިހާފޯރިއެއް މިއަރަނީ ކީއްވެ؟

ޤާނޫނު އަސާސީއެއްގެ ދަށުން ދިވެހިން އުޅެމުންދާތާ ލައްކަ އަހަރު ވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްވެސް މިރާއްޖޭގައި ހުރެއެވެ. އެކިއިރު މާލޭގެ އެކި ސަރަހައްދުގައެވެ. މަޖިލީހުގެ މެމްބަރުންވެސް ތިބެއެވެ. ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންވެސް އެއްއިރަކު ތިއްބެއެވެ. ރައްޔިތުންގެ ކައިރިއަށް ގޮސް ވޯޓު ހޯދައިގެން މަޖިލީހަށް އިންތިޚާބުވާ މެމްބަރުން ބައިވަރެވެ. އަތޮޅު މެމްބަރުގެ ނަމުގައެވެ.

އެއީ އޭރެވެ. މިއީ މިހާރެވެ. އަހަރުތަކެއް ފަހަތަށް ގޮސްފިއެވެ. ޒަމާނަށް އައި ބަދަލާއެކު ރައްޔިތުންގެ މަޖިލިސްވެސް ބަދަލުތަކެއްގެ ތެރެއަށް ގޮސްފިއެވެ. ފެހި ޤާނޫނު އަސާސީއާއެކު މަޖިލީހުގެ މަސައްކަތްވެސް ބަދަލު ވެގެން ހިނގައްޖެއެވެ. މިހާރު މިއޮތީ އަތޮޅު މެމްބަރުން ފަހަނައަޅައި 5000 މީހުންގެ ބޮލަކުން ދާއިރާ އުފައްދައި މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރު ކޮށްފައެވެ. މަޖިލީހުގެ އިދާރާވެސް އެހާރަށްވުރެ މިހާރު ނަލަ ކޮށްފިއެވެ. ނަމަވެސް މުޅި މަޖިލީހަށް ބަލާއިރު އެންމެ ގިނަބަޔަކު އަޅައިގަންނާނެ ބަދަލެއްގެ ގޮތުގައި މަޖިލީހުން ފެނިގެންދާ އެންމެ ބޮޑު ބަދަލަކީ މަޖިލިސް މެމްބަރުންގެ މުސާރައިގެ ފަލަ ކަމެވެ. ނޫޓު ބޮނޑީގެ ބޮޑުކަމެވެ.

ލައްކައެއްހާ ރުފިޔާ ގެޔަށް ގެންދަން މެމްބަރުންނަށް ލިބުމަކީ މަޖިލީހަށް ނުވަދެ ތިބޭކަށްވީ ކަމެއް ނޫން ވިއްޔާއެވެ. އަހަރުގެ ބޮޑުބައި ބޮޑު ޗުއްޓީއެއްގައި އުޅުން ފަދައެވެ. ޖަލްސާތަކުގައި ތަޅައިފޮޅައި ސަކަރާތްޖަހާ ތަނަކަށް މަޖިލިސް ވެގެންދިޔުމާއެކު މިއީ ރާއްޖޭގައި އެންމެ އީޒީކޮށް ބޮޑު މުސާރަ ޖަމާކޮށްދޭ ޖޮބަށް ވީމާ މަޖިލީހަށް ކުރިމަތިލުމުގެ ފޯރި މިހާރު އަރައިގެން މިއުޅޭ ވަރަށްވުރެވެސް ބޮޑުވުން އެއީ މައްސަލައެއް ނޫނެވެ.

ކުރިމަތީގައި މިއޮތީ ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. ނަގައި ބޯމަތިކޮށްފައެވެ. މަޖިލީހަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ މީހުންގެ އަދަދު ގުނަން އުޅުމަށްވުރެ އެބައި ދޫކޮށްލުން ރަނގަޅެވެ. ޕާޓީ ތަކުގެ ޓިކެޓަށްވެސް އެތައް ބަޔަކު ޝައުގުވެރިވެ މަސައްކަތް ކުރަނީއެވެ. ޓިކެޓު ނުލިބިއްޖެއްޔާ އަމިއްލަ ގޮތުންވިޔަސް ވަރިހަމައެވެ. ނުލައި ދޫކޮށްލެވޭކަށް ނެތެވެ. ރައްޔިތުންގެ މަޖިލިސް ވިއްޔާއެވެ. އެ މަޖިލީހުގެ މެމްބަރަކަށް ވާންއެބަޖެހެއެވެ. އެއީ ސަޅި ވިއްޔާއެވެ. ދެންވާނީވެސް އެހެންތާއެވެ. އެންމެ ބޮޑު މުސާރަ އީޒީކޮށް ލިބެން އޮތް ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުންގެ މައްޗަށް ޤާނޫނުތައް ހަދަން އޮތް ހައިބަތާއި ޒިންމާ ބޮޑު ތަނެއްކަމަކު އެ މަޖިލީހަށް ކުރިމަތިލުމުގެ މާބޮޑު ޝަރުތެއްވެސް ނެތިއްޔާއެވެ. ހަމައެކަނި އުމުރުން 18 އަހަރު ފުރިފައިވާ މުސްލިމް ކޮންމެ ދިވެއްސަކަށް އެ ވަޒީފާ އަދާކުރެވޭނެއެވެ.

ނަމަވެސް ދެން އޮތީ ސުރުޚީގައި އެއޮތް ސުވާލެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން މިހާފޯރިއެއް މީހުން މިހާރު އެ ހުންނަނީ ކީއްވެ ހެއްޔެވެ. ގިނަމީހުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެމްބަރު ކަމަށް މިހާބޮޑު ފޯރިއެއް މިހާރު އުފެދިގެން މިއުޅެނީ ހަމައެކަނި މުސާރަ ބޮޑު ކަމަކުންނޫނެވެ. އެއީވެސް އޭގެތެރެއިން އެއްކަންތަކެވެ. ނަމަވެސް އެންމެ ބޮޑު ސަބަބު ކަމަށް ގިނަމީހުން ގަބޫލު ކުރަނީ މަޖިލީހުގެ 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު މަޖިލީހުގެ ބަޔެއް މެމްބަރުންގެ މުއްސަނދިކަން މުސާރައާ ކުރަންޖެހޭ ޚަރަދާއި ނުބައްދަލުވުމެވެ. ބަޔެއް މެމްބަރުން ވިޔަފާރިވެރިން ކެމްޕޭނަށް ޚަރަދު ކޮށްގެން ހޮވައިދިންއިރު ހުސްއަތާ މަޖިލީހަށް ވަނުމަށް ފަހު ދައުރުގެ މެދެއްހާ ހިސާބަށްދާއިރު ބަޔެއް މެމްބަރުންގެ މުއްސަނދިކަން އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފައިވާ މަންޒަރު ފެނުމެވެ. ބޮޑެތި މަހުޖަމުންނަށް ވެފައިތިބުމެވެ. އެފަދަ ބަޔެއް މެމްބަރުން އެގޮތަށް މުއްސަނދި ވެފައި ތިބޭ މަންޒަރު ފެނުމުން މަޖިލީހަށް ކުރިމަތިލުމުގެ ފޯރި ބޮޑުވަނީ ކަމަށް ބެލެވެއެވެ. ހުސްއަތާ މަޖިލީހަށް ވަތް ބަޔެއް މެމްބަރުން ނުބައްދަލު މުއްސަނދިކަމެއް ހޯދިގޮތް އެއީ އަދި އެހެން ވާހަކައެކެވެ. އެބަޔަށް މެމްބަރުގެ ދާއިރާގެ ރައްޔިތުންގެ ބަހުސް އަޑު އަހާލީމާވެސް ޖަވާބު ލިބޭނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.