
- މެއި މަހު އިމްޕޯޓު ކުރި މިންވަރު 32% އިތުރު؛
- އެކްސްޕޯޓު ކުރި މިންވަރު 6% އިތުރު؛
- މެއި މަހުގެ ޖުމްލަ އިމްޕޯޓުގެ 18% އަކީ މާލެ/ހުޅުލެ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނު.
ކަސްޓަމްސްގެ މިދިޔަ މެއި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 3.3 ބިލިއަން ރުފިޔާގެ މުދާ ރައްޖެއަށް އެތެރެކޮށްފިއެވެ.
ކަސްޓަމްސްގެ މިދިޔަ މެއި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 32% އިތުރެވެ. މި ދިޔަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މެއި މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މި ދިޔަ މަހު ދިވެހިރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވުމުގައި، މާލެ/ހުޅުލެ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނުގެ އަގު ބޮޑުބައެއް ޙިއްޞާކުރެއެވެ. މިގޮތުން، ފާއިތުވި މެއި މަހު ދިވެހިރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ 18% ޙިއްޞާކުރަނީ މި މަޝްރޫޢުއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ހުސްވި މެއި މަހު 15% އިތުރުވެފައެވެ. ފާއިތުވި މެއި މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 187.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ މެއި މަހު ލިބިފައިވަނީ 162.6 މިލިއަން ރުފިޔާއެވެ.
ފާއިތުވި މެއި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރުވެސް ވަނީ 6% މައްޗަށް ގޮސްފައެވެ. މި އަހަރުގެ މެއި މަހު 393.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.