ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބޭސްފަރުވާއަށް އިންޑިޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭސްފަރުވާއަށް ވަޑައިގަންނަވަނީ އިންޑިޔާގެ ޓެމިލްނާޑޫގެ ކޮއިމްބަތޫރަށް ކަމަށެވެ. އަދި މިދަތުރުފުޅުގައި ދުވަސްކޮޅެއް ވެދާނެ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. މައުމޫން ބޭސްފަރުވާއަށް އިންޑިޔާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަމުގައި ޖަލުގައި ބެހެއްޓުމުގެ ސަބަބުން ވަނީ ސިއްޙީ ބޮޑެތި މައްސަލަތަކެއްވެސް ކުރިމަތިވެވަޑައިގެންފައެވެ.
މައުމޫން ޖަލުން މިނިވަން ކުރުމަށް ސިޔާސީ ފަރާތްތަކާއި އާއިލާއިން ތަކުރާރުކޮށް އެދުމުންވެސް އޭރު ވަނީ ޖަލުން ގެޔަށްވެސް ބަދަލުކޮށް ނުދީފައެވެ. ޖަލުގައި ހުންނެވިއިރުވެސް ސިއްޙީ ހާލުކޮޅު ގޯސްވެގެން މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވެއެވެ.
ފިރިކަލުން ޖަލުގައި ހުންނެވިއިރު ނަސްރީނާވެސް ވަނީ މަގުމައްޗަށް ނުކުމެވަޑައިގެން ފިރިކަލުން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ވަރަށްގިނަ ފަހަރު މައުމޫނަށް އެހީތެރިވެވަޑައިގަތުމަށް ނަސްރީނާ ޖަލަށް ވަޑައިގެންފައިވެއެވެ.