
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކްރޫގެ ތިން މެންބަރަކު ސަލާމަތުން އެނބުރި އައިސްފިއެވެ. ނާސާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތިން މެންބަރުންވަނީ ބުރާސްފަތި ދުވަހު ރަޝިއާގެ އުޅަނދެއްގައި ކަޒަކިސްތާނަށް އައިސްފައެވެ.
މިއީ އެމެރިކާގެ އެސްޓްރޮނޯޓް ނިކް ހޭގް އާއި ރަޝިއާގެ އެލެކްސޭ އޮވިޗިން ދަތުރުކުރި ރޮކެޓް ކަޒަކިސްތާނަށް ނައްޓާލިތާ 2 މިނިޓް ތެރޭގައި އެ ރޮކެޓް ފެއިލްވި ފަހުން ދުނިޔެއަށް ދަތުރު ކުރި ފުރަތަމަ އުޅަނދެވެ. ނަަމަވެސް އެ އުޅަނދުން ދަތުރު ކުރި ދެ އެސްޓްރޮނޯޓުންނަށް އެއްވެސް ގެެއްލުމެއް ލިބިފައިނުވެއެވެ.
މިއަދުގެ ކްރުގައި ހިމެނެނީ ނާސާގެ އެސްޓްރޮނޯޓް ސެރީނާ އައުނޯން ޗާންސެލަރ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ މެންބަރެއް ކަމުގައިވާ ޖަރުމަނުގެ އެލެގްޒެންޑަރ ޣަރސްތް އާއި ރަޝިއާގެ ކޮސްމޮނޯޓް އެއް ކަމުގައވާ ޕްރޮކޮޕްޔީވް ކަމަަށް ނާސާގެ ބްލޮގްގައި ހާމަކޮށްފައިވެއެވެ.
ނާސާގެ އެސްޓްރޮނޯޓް އައުނޯން ޗާންސެލަރ ވަނީ ޖައްވުގައި 197 ދުވަސް ހޭދަ ކޮށްފައެވެ. އަދި އޭނާ ވަނީ ސައެންޓިފިކް އެތަކެއް ތަޙުލީލުތަކުގައި ބައިވެރިވެފައެވެ.
2011ވަނަ އަހަރު އެމެރިކާ އިން ސްޕޭސް ޝަޓްލް ޕްރޮގްރާމް ހުއްޓާލުމުން އެސްޓްރޮނޯޓުން ޖައްވަށް ގެންދިއުމަށް ނާސާ އިން ރަޝިއާގެ ރޮކެޓްތަކަށް ފުރިހަމައަށް އިތުބާރު ކުރެއެވެ. އެހެން ނަމަވެސް ބޮއިންގ އާއި ސްޕޭސް އެކްސް އިން އުފައްދާފައިވާ ރޮކެޓް ބޭނުންކޮށްގެން ދެ އެސްޓްރޮނޯޓަކު ގޮވައިގެން އަންނަ އޭޕްރިލް މަހު ޓެސްޓް ދަތުރުތަކެއް ކުރާނެ ކަމަށް ނަސާ އިން ވަނީ އިއުލާން ކޮށްފައެވެ.