
ޕާމަނަންޓް ސެކްޓްރީންނަކީ ވުޒާރާތަކުގެ ވަޒީރުންގެ ލަފައާއެކު އަޔަންކުރަންޖެހޭ ބައެއްގޮތަށް ބަދަލުކުރަން ދިއްދޫ ދައިރާގެ މެންބަރު އަބްދުލްލަތީފު ޤާނޫނު ނަމްބަރު 5/2007 ސިވިލްސާވިސްގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްކޮށްފިއެވެ.
ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރަން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 50 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ ވޯޓުދެއްވިއެވެ. ދެކޮޅަށް ވޯޓުދެއްވީ 18 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓުނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.
މަޖިލީހަށް މިބިލް ބަލައިގަތުމަށްފަހު ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިބިލުގެ އިބްތިދާއީ ބަހުސްގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ މިއިސްލާހަކީ ސަރުކާރުން ހިންގާ މަޝްރޫއު ތަށް ހަލުއިކަމާއެކު ހިންގުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެއްކަމަށެވެ. މިފަދަ އިސްލާހެއް މަޖްލީހަށް ހުށަހަޅަން ޖެހުނީ ބައެއް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްޓްރީންނާހެދި ސަރުކާރު ހިންގުމަށް ދަތިވާ ހިސާބަށް ކަންކަން ދިއުމުންކަން އެ މެމްބަރުން ވިދާޅުވިއެވެ.
އެހެންނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ މި އިސްލާހަކީ މިނިސްޓްރީ ތަކަށް ސަރުކާރުގެ ނުޒޫފު ފޯރުވުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. މީގެސަބަބުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށާ، މިއީ ސިވިލްސާވިސްގެ ރުޙާވެސް ޚިލާފުކަމެއްކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.