
ފްރާންސްގައި ކުރިއަށްދާ ޔޫރޯ ފުޓްބޮޅަ މުބާރާތުގައި ރޭ އިނގިރޭސިވިލާތާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު، ދެ ޤައުމުގެ ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
ރޭގެ މެޗު 1-1 އިން އެއްވަރުވެގެން ނުމުމާއެކު ދެޤައުމުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގައި އެންމެފަހުން ބޮޑު ހަމަނުޖެހުމަކަށް އެކަން ބަދަލުވެފައެވެ. ދަނޑުގެ އެތެރޭގައާއި ބޭރުގައިވެސް ވަނީ ތަޅާފޮޅައި، ހަމަނުޖެހުން އުފައްދާފައެވެ.
މިހަމަނުޖެހުންތަކުގައި ބައެއްމީހުންނަށް ބޮޑެތި އަނިޔާތަކެއްވަނީ ވެފައެވެ. އެއްޗެހި އުކުމުގެ ސަބަބުން ބައެއްމީހުންގެ ބޯފަޅައިގެން ދިއުމުގެ އިތުރުން، ބައެއްމީހުން ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނެވެ.
މިހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
މި މެޗަށް ނުކުތުމުގެ ކުރިން ވެސް މިއީ ސަޕޯތަރުންގެ މެދުގައި ވާދަވެރިކަންބޮޑު މެޗެއްކަމަށް އޮތީ ބެލެވިފައެވެ. މެޗުގެ ކުރިންވެސް ވަނީ ދަނޑު ބޭރުގައި އިނގިރޭސިންނާއި ރަޝިއާގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައެވެ. ހަމަނުޖެހުންތައް ހުއްޓުވުމަށް ފްރާންސްގެ ފުލުހުން ވަނީ ލަޓިބުރިއާއި، ކުއްތާ، ބޭނުންކޮށްފައެވެ. އަދި ކަރުނަ ގޭސް ވެސް ވަނީ ބޭނުންކޮށްފައެވެ.