ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ޢަބްދުﷲ ޞާދިޤު ޙާސިލް ކުރައްވައިފި

ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑޫ ޞޯދުބެއާ ޙަވާލުކޮށްދެއްވަނީ: ފޮޓޯ މިހާރު

ރާއްޖޭގެ ނޫސްވެރިކަމަށް ކޮށްދެއްވައިފައިވާ އަގުހުރި މަސައްކަތްތައް ފާހަގަ ކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަރުވާ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހ. އާމުލީގެ ޢަބްދުﷲ ޞާދިޤް (ޞޯދުބެ) އށް މިރޭ އަރުވައިފިއެވެ.

ޞޯދުބެއަށް މިއިނާމް އަރުވައިފައިވަނީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމާއި، ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިރޭ ބޭއްވި މިޖަލްސާގައި ޞޯދުބެއަށް މި އިނާމް ޙަވާލުކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމެވެ.

ޞޯދުބެއަކީ ރާއްޖޭގައި ކުރިން ނެރެމުންއައި ހަވީރު" ނޫހުގެ ފުރަތަމަ އެޑިޓަރެވެ. އޭގެ އިތުރަށް އޭނާވަނީ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ނޫސް ކަމަށްވާ ސަރުކާރުގެ ޚަބަރާއި، ވިޔަފާރި މިއަދާއި، މޫންލައިޓްގައި ވެސް ޞޯދުބެ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.