މި ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން އަބަދުވެސް ކަށަވަރު ކޮށްދެއްޥަނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.
އުކުޅަހާށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަިއ އުކުޅަހުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާޒްއިން މިއަހަރު އާންމުކޮށްފައިވާ ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ ލިސްޓުކޮށްފައިވަނީ 120 ވަނައިގައިކަމަށާއި، މި އިންޑެކްސްގައި 2012 ވަނަ އަހަރުން ފެށިގެން ރާއްޖެވަނީ އެތައް ދަރަޖައެއް ފަހަތަށް ގޮސްފައިވާކަަމަށެވެ.
"އެ ޖަމްޢިއްޔާއިން ސިފަކުރާ ގޮތުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މާޙައުލު މިހާރު އޮތީ ވިހަ ވެފައި. ސިޔާސީ ޕާޓީތަކުގެ ހިންގުމާއި، ފަރުދުންގެ މިނިވަންކަން ހިފަހައްޓަމުން. ޖަލުތަކުގެ ޙާލަތު އެތައް ގުނައަކުން ދަށަށްދިޔަ. ޝަރުޢީ ކޯޓުތަކުން އިންސާފު ލިބިގަތުމުގެ ޙައްޤު ރައްޔިތުންނަށް ގެއްލިގެންދިޔަ." ރައީސް ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދިވެހިރާއްޖެއަކީ ޑިމޮކްރަސީއެއް ނޫން ކަމުގައި ނިންމުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
"މިފަދަ ކަންކަން ބަލައި ދިރާސާ ކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން ނިންމާފައިވަނީ ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިނުކުރާ ”ޕާޝަލީ ފްރީ“ ޤައުމެއްގެ ގޮތުގައި" ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްގެން ނޫނީ އަޅުގަނޑުމެން މިއެދޭ ދިވެހިރާއްޖެ ބިނާ ކުރެވޭނެ ކަމުގައި އަޅުގަނޑު ނުދެކެން. ރައްޔިތުން އެދޭ ގޮތަކީ ސަރުކާރު ނުރުހޭ ކަމެއް ކަމުގައި ވިޔަސް އެ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ އެއްވެސް ޙައްޤެއް ހަންޏެއް ނުކުރެވޭނެ. އެއީ ގޯހެއް" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަގުތީ ބޭނުމަކަށް ވިޔަސް، ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތައް ހަނިކުރުމުން މުޅި ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށާއި، މިއީ މި ސަރުކާރުން ވެރިކަން ކުރަން އެދޭ ގޮތް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރައްވާން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކަށް ވެސް އަލިއަޅުއްވައި ލައްވާފައެވެ.