ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ސުމޭކު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް

ފޮޓޯ؛ ރައީސް އޮފީސް

ރައްޔިތުން އުއްމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާ ތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ސުމޭކު ކުރުމަށް (ޑިޖިޓަލައިޒް) މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހަތްދިހަ ފަހެއް އިންސައްތަ ގޭބިސީ އަށް ދިރާގު 'ފިކްސްޑް ބްރޯޑްބޭންޑް' ޚިދުމަތް ފޯރުކޮށްދެވުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ސުމޭކު ކުރުމުގެ ސިޔާސަތު ތަންފީޒު ވެގެންދާއިރު ވީހައިވެސް ގިނަ ރަށްރަށަށް ހައި ސްޕީޑް ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ޚިދުމަތުގެ ފަރަގު މިހާރަށްވުރެ ކުޑަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނުު ވިދާޅުވިއެވެ. ދިރާގުގެ 'ފައިބަރ ބްރޯޑްބޭންޑް' މަޝްރޫއުގެ އަމާޒަކީ ރަށްރަށުގެ މެދުގައި ތަފާތު ނުކޮށް، އެއް ފެންވަރެއްގައި އަދި އެއް އަގެއްގައި އާބާދީގެ ވީހައި ގިނަ ބަޔަކަށް ހައި ސްޕީޑް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދިރާގުން މި މަޝްރޫއު ފުރިހަމަ ކުރީ ވަރަށް ކުރު މުއްދަތެއްގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެ މަޝްރޫޢު ދިރާގުން ފުރިހަމަ ކުރީ އެންމެ ދެ އަހަރުގެ ތެރޭގައި. ވެރިރަށް މާލެ އާއެކު އާބާދީގެ އެންމެ ބޮޑެތި 58 ރަށަށް ދިރާގުގެ ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް މިހާރު ލިބޭ. ރަށުގެ އަދަދު މަދުވިޔަސް، އެއީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަ" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނަށް ކަނޑުގެ އަޑިން ގުޅައިލާފައިވާ 'ފައިބަރ އޮޕްޓިކަލް ވިއުގަ' އަކީ ރާއްޖޭގެ އިގްތިސާދީ، ސިއްޙީ އަދި އިޖްތިމާއީ ތަރައްގީ އަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އެއް ރަށުން އަނެއް ރަށަށް މުވާޞަލާތު ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅައިލާފައިވާ 1253 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް ވިއުގައަކުން. މިދެންނެވި ވިއުގައަކީ މި ރާއްޖޭގެ އިޤްތިޞާދީ، ޞިއްޙީ އަދި އިޖްތިމާޢީ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއް'، ރައީސް ވިދާޅުިއެވެ.

އެގޮތުން "ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ސަރަޙައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ، ޑިޖިޓަލް ވިއުގައިން ގުޅައިލެވިފައި. އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، ރަށްރަށުގެ ސްކޫލްތަކާއި މަދަރުސާތައްވެސް ވަނީ އެ ވިއުގައިން ގުޅައިލެވިފައި. ޝަރުޢީ ކޯޓުތައްވެސް ވަނީ އެ ވިއުގައިގެ ތެރެއިން އެއްތަން ކުރެވިފައި" ކަން ރައީސް ފާހަގަކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.