ކީރިތި ޤުރުއާނުގެ ޚަޞާއިޞު (3)

quran-reading

(27 މެއި 2016 ވަނަދުވަހުގެ ޢަދަދާ ގުޅޭ)

  1. ކީރިތި ޤުރުއާނަކީ މުޢުޖިޒާތެކެވެ.

 

މާތްﷲ ފޮނުއްވެވި ރަސޫލު ބޭކަލުންނަށާއި ނަބީ ބޭކަލުންނަށް އެކަލާނގެ އެއްކައުވަންތަކަށް ހާމަކޮށްދެއްވަވާ އެބޭކަލުންގެ ދިރިއުޅުއްވުމާއި، އެއުއްމަތްތަކާ މުނާސަބުގޮތެއްގައި ތަފާތު މުޢުޖިޒާތްތައް ދެއްވެވިއެވެ.

އެގޮތުން މޫސާގެފާނަށް އަސާކޮޅުގެ މުޢުޖިޒާތް ދެއްވިއެވެ. އަދި ޢީސާގެފާނަށް މަރުވެފައިވާ މީހުން ދިރުއްވުމާއި، އެކަލޭގެފާނު ތުއްޕުޅު އިރު ވާހަކަފުޅު ދެއްކެވުންފަދަ މުޢުޖިޒާތްތައް ދެއްވެވިއެވެ.

 

މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު (صلي الله عليه وسلم) އަށް ދެއްވެވީ ޤިޔާމަތަށް ދާންދެން ދެމި އޮންނަނިވި މުޢުޖިޒާތެކެވެ. އެއީ ކީރިތި ޤުރުއާނެވެ. ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވާ ތަފާތު ސަބަބުތައް ވެއެވެ. އެގޮތުން އެފަދަ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

 

  • ކީރިތި ޤުރުއާނާ އެއްފަދަ އެހެން ފޮތެއް ގެނައުމުގެ ކުޅަދާނަކަން މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިފައި ނުވުން :

 

ކުރިންވެސް ބަޔާންކުރެވިފައިވާނޭ ފަދައިން ކީރިތި ރަސޫލާ މުޙައްމަދު (صلي الله عليه وسلم) އަށް ޤުރުއާން ބާވާލެއްވުނު އިރު އެކަލޭގެފާނު ހުންނެވީ ޢަރަބީންގެ ތެރޭގައެވެ. އޭރު ޢަރަބީންނަކީ ލިޔަން ކިޔަން ނުދަންނަ ބައެކެވެ. މާތް ރަސޫލާ މުޙައްމަދު (صلي الله عليه وسلم) އަކީވެސް އުއްމިއްޔަ ނަބިއްޔެކެވެ. އެހެންނަމަވެސް ކީރިތި ޤުރުއާން ބާވާލެއްވުމުން މުޝްރިކުން ތުހުމަތު ކުރަމުން ގެންދިޔައީ އެއީ މާތް ރަސޫލާ އަމިއްލަފުޅަށް އެކުލަވާލެއްވި ޢިބާރާތްތަކެއްކަމުގައެވެ. ނަމަވެސް އެޒަމާނުގައި މައްކާގައި ތިބި މޮޅެތި އަދީބުންނާއި ޝާޢިރުންނަށްވެސް އެފަދަ ޤުރުއާނެއް އެކުލަވާލުމަށް ކުޅަދާނައެއް ނުވިއެވެ. އެޒަމާނުގައި މައްކާގެ މުޝްރިކުންނަކީ އަދި ޢަރަބިންނަކީ ބަހުގެ އަދަބިއްޔާތާއި، ޅެންވެރިކަމަށް އަރާތިބި ބައެކެވެ.

އެފަދައިން ކީރިތި ރަސޫލާއަށް ތުހުމަތު ކުރި މީހުންނަށް މާތްﷲ ކީރިތި ޤުރުއާނުގައި ގޮންޖައްސަވާފައި ވެއެވެ. އެންމެ ފުރަތަމަ މާތްﷲ އެބައިމީހުންނަށް އެންގެވީ އެބައިމީހުންނަށް ކުޅަދާނަނަމަ އެފަދަ ޤުރުއާނެއް ގެނައުމަށެވެ.

{ قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا } (سورة الإسراء 88)

މާނައަކީ : " ކަލޭގެފާނު ވިދާޅުވާށެވެ. މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި ޖިންނީން އެކުވެ އެއްބައިވިޔަސް އެޤުރުއާނާ އެއްފަދަ އެއްޗެއް އެމީހުންނަކަށް ނުގެނެވޭނެއެވެ. އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރީން ކަމުގައިވިޔަސްމެއެވެ."

 

ނަމަވެސް އެފަދަ ޤުރުއާނެއް ހެދުމުގެ ޤާބިލުކަން އެބައިމީހުންގެ (ޤުރުއާން ދޮގުކުރިމީހުންގެ) ނެތެވެ. ދެން މާތްﷲ އެބައިމީހުންނަށް ގޮންޖައްސަވާ ވަޙީކުރެއްވެވީ އެފަދަ އެންމެ ސޫރަތެއް ހެދުމަށެވެ. އެހެންނަމަވެސް އެފަދަ ކުޅަދާނަކަމެއްވެސް އެބައިމީހުންގެ ނެތެވެ.

{ وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ } (سورة البقرة 23)

މާނައަކީ : " ތިމަން އިލާހު ތިމަން އިލާހުގެ އަޅާގެ މައްޗަށް ބާވާލެއްވި ތަކެއްޗާއި މެދު ތިޔަބައިމީހުން ޝައްކުވާ ކަމުގައި ވާނަމަ އެ ޤުރުއާނާ އެއްފަދަ އެންމެ ސޫރަތެއްގެ މިންވަރު ވިޔަސް ގެނެސްބަލާށެވެ."

 

މި ފަދައިން އީމާންނުވި، މީހުންނަށް މާތްﷲ ގޮންޖައްސަވާފައިވެއެވެ. އެހެންނަމަވެސް އެފަދަ ޤުރުއާނެއް ގެނައުމަކީ އަދިއަދާހަމައަށްވެސް ދުނިޔޭގެ އެކަކަށްވެސް ކުޅަދާނަވެގެންވާ ކަމެއް ކަމުގައި ނުވިއެވެ. އެހެންކަމުން މިއީ ކޮންފަދަ ބޮޑު މުޢުޖިޒާތެއް ހެއްޔެވެ؟ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ހައްދަވާފައިވާ ކުޅަދުންވަންތަ މާތްރަސްކަލާނގެ މިއުއްމަތަށް ބާވާލެއްވި ޤުރުއާން އެހެން ހުރިހާ އެއްޗެއްގެ މައްޗަށް ޚާއްޞަވެގެންވެއެވެ. އެކަލާންގެ އަޅުންނަށް އެކަލާނގެ ބާވާލެއްވި ފަދަ ޤުރުއާނެއް އެހެން ފަރާތަކަށް ގެނެވިދާނެހެއްޔެވެ؟

 

  • ކީރިތި ޤުރުއާނުގެ ބަލާޣާތްތެރިކަން :

 

ޢަރަބީންނަކީ ބަހުގެ ގޮތުން ފުދިފައިވާ، ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރިކަމާއި އަދަބުގެ އަހުލުވެރީންނެވެ. ބާޒާރުތަކުގައި ވިޔަފާރި ކުރުމުގައި ބަލާޣަތާއި ފަޞާހާތްތެރި ޅެންތައް ކިޔާ އުޅެއެވެ.

 

އެފަދަ ބައެއްގެ ތެރެއަށް ބާވަތްލެއްވި، މި ކީރިތި ޤުރުއާނުގައިވާ ކޮންމެ ސޫރަތަކީ އަދި ކޮންމެ އާޔަތެއްގައި ބަލާޣާތްތެރިކަމާއި، ފަޞާޙާތްތެރިކަމުން އެމީހުން ޙައިރާކޮށްލި އެއްޗަކަށްވިއެވެ.

 

{ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ } (سورة الشعراء 81)

މާނައަކީ : " އަދި އެކަލާނގެއީ، ތިމަންކަލޭގެފާނު މަރުގަންނަވައި، ދެން ތިމަންކަލޭގެފާނު ދިރުއްވާނޭ ރަސްކަލާނގެއެވެ."

 

  • ސިފަކުރެއްވުންތައް:

 

ކީރިތި ޤުރުއާން ކިޔަވަމުންދާއިރު، ޤުރުއާނުގައި ބަޔާންވެފައިވާ ކަންކަން އެއީ ކުރިމަތިން ފެންނަ ކަންކަމުގެ ގޮތުގައި ސިފަވެގެންދާނެއެވެ. ނުވަތަ ކިޔަވާ މީހާ އެހިނދު އެތަނުގައި ހާޟިރުވެހުރިފަދައިން އެކަންކަން ސިފަވެގެންދާނެއެވެ. އެގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ބައެއް ކަންކަމުގެ ތެރޭގައި ނަބީބޭކަލުންގެ ވާހަކަތަކާއި ކުރީގެ ކާފިރުވި އުންމަތްތައް ހަލާކުވެދިޔަގޮތުގެ ވާހަކަތަކާއި، ސުވަރުގެއާއި ނަރަކާގެ ވާހަކަތައް ހިމެނެއެވެ.

{ يوم ترجف الأرض والجبال وكانت الجبال كثيبا مهيلا} (سورة المزمل 14)

މާނައަކީ: " އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެފަރުބަދަތައް ވާހުއްޓެވެ."

(ނުނިމޭ...)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.