
ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހައްޔަރުކުރުމަސް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކުރީގެ ޕްރޮސެކިއުޓާރ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިންގެ މައްޗަށް ކުށް ސާބިތުވެ އޭނާ 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރުމަށްފަހު މުހުތާޒުގެ މައްޗަށް 3 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.
އެއީ، ޓެރަރިޒަމްގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
ސައްހަނޫން ކޯޓު އަމުރުގެ މައްސަލާގައި ދަޢުވާލިބޭ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ޙުކުމްކުރުންވެސް މިރެއަށް އޮތީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް ނިހާނަށް ހުކުމް ކުރުން ވަނީ ކުއްލިގޮތަކަށް ފަސްކޮށްފައެވެ.