ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހަމަޖައްސައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގައި ހުންނެވި ރިޔާޒް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމަށް މިއަދު ހަމަޖެއްސީ މަޖިލީހުގައި މީގެކުރިން މައިނޯރިޓީ ލީޑަރު ކަމުގައި ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި ހުސްވުމުގެ އިތުރުންވެސް އެމްޑީޕީގެ ބަޔެއް މަޖިލިސް މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު އެމްޑީޕީއަށްވުރެ އިތުރުވުމާއި ގުޅިގެންނެވެ.
މިވަގުތު އެމްޑީޕީގެ ތިއްބެވީ 17 މެމްބަރުންނެވެ. ނަމަވެސް ދާދިފަހުން ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުންނާއެކު އެޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުވުމުގައި މީގެކުރިން ތިއްބެވި ބަޔެއް މެމްބަރުން އިސްތިއުފާ ދެއްވާފައި ވަޒީރު ކަމަށް ވަޑައިގަތުންވެސް ހިމެނެއެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ކުރިން އެމްޑީޕީގެ އަތުގައި އޮތް ނަމަވެސް ޖޭޕީން މައިނޯރިޓީ ލީޑަރުކަން ހޯދިއިރު އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިފައިވާ ދެޕާޓީއަށެވެ.