ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް މުޙަންމަދު ނަޝީދު ނިންމަވާފައިވާއިރު ނަޝީދު ވާދަކުރައްވާ މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަން އަންހެން ބޭފުޅަކު ކެމްޕޭން ފަށައިފިއެވެ.
އެމްޑީޕީގެ އާންމު މެމްބަރެއް ކަމަށްވާ އައިޝަތު އަލައިކާ އަދުނާން މި ދާއިރާގެ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން މިހާރުވެސް ގެންދަވާއިރު ނަޝީދުވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
މައްޗަންގޮޅީ މެދުދާއިރާގެ މީހަކު ބުނިގޮތުގައި ރައީސް ނަޝީދު އެ ދާއިރާގެ މަޖިލިސް ޓިކެޓުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުގެ ކުރިންވެސް އަލައިކާ ގެންދަވަނީ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ކެމްޕޭން ކުރައްވަމުންނެވެ. އަލައިކާ އެމްޑީޕީއާ ގުޅިވަޑައިގެން ސޮއި ކުރެއްވުމަށް ފަހު ފޯމުވެސް ހަވާލު ކުރައްވާފައި ވަނީ ރައީސް ނަޝީދުގެ އަތްޕުޅަށެވެ.
ކޯލިޝަނުގެ ބަޔެއް އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި މައްޗަންގޮޅީ މެދު ދާއިރާގެ ޕްރައިމަރީ ކެމްޕޭން ނަޝީދު ފެއްޓެވިއިރު މިއީ މިފަހަރު އަލަށް މާލޭގައި އުފައްދާ ދާއިރާއެކެވެ. އެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވަން ފަށޭހަވާނެ ކަމަށާއި މަޖިލީހަށް ދެން ހޮވާނީ އަޚުލާގީ ގޮތުންވެސް ރަނގަޅު ބޭފުޅުން ކަމަށެވެ.