ލީޑަރުން ގޮނޑި ބެހުމުގެ މަޝްވަރާގައި: އާންމު މެމްބަރުން ރަތަށް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ބައިއަތު ހިފައިގެން ކެންޑިޑޭޓުން ނެރުމަށްޓަކައި ކޯލިޝަނުގެ ލީޑަރުން ވަނީ މަޝްވަރާގެ މޭޒަށް ވަޑައިގެންފައެވެ. ލީޑަރުން ވިދާޅުވާ ގޮތުންނަމަ މަޝްވަރާ ކުރިޔަށް ދަނީ ވަރަށް "ސުލްޙަވެރި ޖައްވެއް" ގައެވެ.

ލީޑަރުން މަޖިލިސް ގޮނޑީގެ މަޝްވަރާތަކެއް ފެއްޓެވި ނަމަވެސް ދެން ފެންނަނީ އެހެން މަންޒަރު ތަކެކެވެ. މަޖިލީހަށް މެމްބަރުން ހޮވުމަށް ވޯޓުލާން ތިބި އާންމު މެމްބަރުންގެ ފަޅިއަށް ބަލާއިރު ލީޑަރުން މަޝްވަރާއަށް ފަހު ކޮންމެ ފޯމިއުލާއެއް ނެރުއްވިޔަސް ޕާޓީތަކުގެ ބަޔެއް އާންމު މެމްބަރުން ތިބިތަން ފެންނަނީ ލީޑަރުން ދެއްކި ކޮންމެ ކެންޑިޑޭޓަކު ނަގައި މަޖިލިސް ގޮނޑީގައި ބައިންދާ ގޮތަކަށްނޫނެވެ.

ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިހާރު ވަނީ ތާރީޚީ މަޝްވަރާގެ ބައްދަލުވުމެއް ގޮނޑީގެ ކަންތަކުގައި ދެދުވަހެއް ކުރިން ބާއްވާފައެވެ. އެ ބައްދަލުވުން ތާރީޚީ ބައްދަލުވުމަކަށް ވެގެންދިޔައީ އެ މަޝްވަރާގެ ބައްދަލުވުން އޮތީ ސީދާ އެމްޑީޕީގެ ރަސްމީ އޮފީހުގައި ކަމަށްވުމާއި ރައީސް ނަޝީދު ފިޔަވައި އަނެއް ތިން ލީޑަރުންވެސް އެމްޑީޕީގެ އޮފީހަށް ވަޑައިގެން މަޝްވަރާ ކުރެއްވުމެވެ. މިއީ ތާރީޚީ ފެނިލުމެކެވެ. މިއަދުވެސް ކޯލިޝަނުގެ ބަޔެއް ލީޑަރުންގެ މަޝްވަރާތަކެއް ކުރިޔަށް ހިނގައްޖެއެވެ.

ބައްދަލުވުމަށް ފަހު ހަތަރު ލީޑަރުންވެސް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ގޮނޑިތައް ޕާޓީތަކަށް ކޯލިޝަނުގެ ތެރެއިން ބަހާލާނީ ރައްޔިތުން މާޔޫސް ނުވާނެފަދަ ގޮތަކަށް ކަމަށެވެ. އަދި އެކަމުގައި ހުރިހާ ލީޑަރުންނަށް އެއްބަސްވެވޭ ގޮތަކަށް ނިމޭއިރު އެގޮތަކީ ހުރިހާ ޕާޓީއެއްގެ އާންމު މެމްބަރުންވެސް ރުހިގެން ތިބޭނެ ގޮތަކަށް ވާނެކަމުގެ އުންމީދު ހަތަރު ލީޑަރުންވެސް ފާޅު ކުރެއްވިއެވެ. ނަމަވެސް މިފަހަރު މިފެންނަނީ ހަތަރު ލީޑަރުންގެ ޚިޔާލަށްވުރެ އާންމު މެމްބަރުންގެ ޚިޔާލު ވަރުގަދަ ކޮށެވެ. ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުން ބަލި ކުރުމަށްޓަކައި ހަތަރު ލީޑަރުންނާއެކު އަތާއަތް ގުޅާލައިގެން ކޯލިޝަނުގެ ހުރިހާ ސަޕޯޓަރުން ނުކުތް ނަމަވެސް މަޖިލިސް އިންތިޚާބުގެ މަޝްވަރާތައް ހަތަރު ލީޑަރުން ކިތަންމެ ސުލްޙަވެރި، ފިނި ޖައްވެއްގައި ކުރެއްވި ނަމަވެސް ފޭސްބުކާއި ޓްވިޓާރ ފަދަ މާހައުލުތަކުން މެމްބަރުންގެ ފަރާތުން ފެންނަނީ ފިނި ޖައްވެއްގައި ސުލްޙައިގެ ވާހަކަތަކެއް ދައުރުވާ ތަނެއްނޫނެވެ.

އެމްޑީޕީގެ ސަޕޯޓަރުން ފާޅުކުރާ ޝުއުރޫ ތަކަށްބަލާއިރު އެންމެ އެޕާޓީއަށް އެންމެ ބުއްދިވެރި ގޮތަކީ މަޖިލީހުގެ

ހުރިހާ ދާއިރާތަކަށްވެސް އެޕާޓީގެ ކެންޑިޑޭޓުން ނެރުމެވެ. ނުވަތަ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ ގޮތަށް ދާއިރާތަކަށް ކުރިމަތި ލުމެވެ. އެމްޑީޕީގެ މެމްބަރުންގެ މި ވާހަކަތަކުން ރުޅިގަދަވާތަން ފެންނަނީ ޖޭޕީ އާއި ރައީސް މައުމޫން އަދި އަދާލަތުގެ ސަޕޯޓަރުންނެވެ. އެމީހުން ދަނީ އެމްޑީޕީގެ މެމްބަރުންގެ އެ ވާހަކަތަކަށް ރުޅިވެރިކަމާއެކު ރައްދުދީ އެމްޑީޕީން "އަމިއްލަ އެދުން" މާބޮޑުކުރަނީ ކަމަށް ފާޅުގައި ބުނަމުންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ވިސްނުން އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހޭތަނެއް ނުފެނެއެވެ. އެމްޑީޕީގެ އާންމު މެމްބަރުންގެ މިސްރާބު ހިފާފައި ހުރީ ހަމަ ސީދާ ހުރިހާ ދާއިރާއަކަށްވެސް އެޕާޓީން ވާދަ ކުރުމަށެވެ.

ލީޑަރުން ފިނި މަޝްވަރާތަކެއް ކުރެއްވި ނަމަވެސް ކޯލިޝަނުގެ ޕާޓީތަކުގެ އާންމު މެމްބަރުންގެ ތެރޭގައި ކުރިޔަށްދާތީ ފެންނަނީ ފިނި ޒުވާބެއްނޫނެވެ. ހޫނު ޒުވާބުތަކެކެވެ. އެހެންކަމުން ލީޑަރުންގެ މަޝްވަރާ ތަކުން ނެރޭ ނަތީޖާއަށް ފަހު ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާލުމަށް ފަހު ޕާޓީތަކުން ދައްކާ ހުރިހާ ކެންޑިޑޭޓުންނަށް ކޯލިޝަނުގެ އާންމު މެމްބަރުންގެ ވޯޓު ލިބޭނެތޯ މިއީ ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލެވެ. ލީޑަރުން ގޮނޑި ބެހުމުގެ މަޝްވަރާގައި އުޅުއްވި ނަމަވެސް ކޯލިޝަނުގައި ހިމެނޭ ހަތަރު ދިމާލުގައި ތިބި އާންމު މެމްބަރުންގެ ޝުއޫރުތައް އަދި ހުރީ ވަރަށް ތަފާތު ގޮތަކަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.