ވަޒީފާއާއި މަސައްކަތްތެރިކަމުގެދާއިރާ ސަރުކާރަށް މުހިންމު ނުވަނީ ކީއްވެ؟

އާ ސަރުކާރުގެ އޮނިގަނޑު އެކުލަވައި ލެވިއްޖެއެވެ. ހަތަރުޕާޓީން ބޭނުންވާގޮތަކަށް ބައިވެސް ބެހިއްޖެއެވެ. އެކަމަކު ރާއްޖޭގައި އެންމެ ބޮޑު އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލައުފެދޭ ވަޒީފާއާ ބެހޭ ދާއިރާއަށް ޚާއްޞަކޮށް ސަމާލުކަމެއް ދެވިފައެއް ނެތެވެ. ކުރިންވެސް އޮތްގޮތަކަށް އޮންނަން އެއޮތީ ދޫކޮށްލެވިފައެވެ. އެގޮތްހަމަ ރަނގަޅީ ބާވައެވެ ؟ ޤާނޫނާއި ޤަވާޢިދު ތަންފީޒެއް ނުކުރެވެއެވެ. އަދި ހަމައެއް އުޞޫލެއް ޤާއިމެއް ނުގެންގުޅެވެއެވެ. އާސަރުކާރަކަށްވެސް މިކަމެއް ބޮޑެއްނުވިއެވެ. އެންމެދެރަވެގެން އެއްވެސްބައެއްގެ މެނިފެސްޓޯގައިވެސް ވަޒީފާއާއި މަސައްކަތުމީހުންނާ ގުޅިފައިވާ ޤައުމީ މިއޮއްބޮޑު މައްސަލަޔަށް ރަނގަޅަށް ބަލައިލެވިފައެއް ނުވެއެވެ.

މާލޭގެމަގުމަތިން ޚާއްޞަކޮށް ހޮނިހިރުދުވަހު ، ގިނައިން ދިމާވަނީ ދިދޭސީންނާއެވެ. ފެންވަރާ ނަލަހެދި ފުއްޖަހައިގެން ނުކުމެއުޅޭ ބަންގާޅާއި އިންޑިއާ އަދި ނޭޕާލު އަންހެނުންނާއި އެމީހުންގެފަހަތުން އެނބުރޭ ، އެޤައުމުތަކުގެ ފިރިހެނުން ނެވެ. ހޮނިހިރުނޫން ދުވަސްދުވަހު މަގުމަތިން ގިނައިންދިމާވަނީ އެކިމަސައްކަތްކުރަން ގްރޫޕްހަދާފަ ސާމާނުހިފައިގެން މަސައްކަތުދާ މީހުންނެވެ.

މާލޭގެ ވަކިވަކި ޕޮއިންޓްތަކުގައި ހެނދުނުގެ ވަގުތުގައި ބަންގާޅުމީހުން އެއްވެ ތިބެއެވެ. އެއީ މަސައްކަތް ކުރުވާނެ ބަންގާޅު މީހުން ހޯދަންދިވެހިން ދާނެ ޕޮްިންޓްތަކެވެ. މަސައްކަތްހޯދާ ބަންގާޅީން މާލޭގެ ވަކި ތަނަކަށް އެއްވެ ތިބީމަ ، ދިވެހިންނަށް އެމީހުން ހޯދަން ފަސޭހަޔަކަށް ކޮށްފަ އޮންނަ ކަމެކެވެ. އެއީ ވަޒީފާދޭ ފަރާތުން އިހުމާލު ވީމަ ނުވަތަ ވަޒީފާދޭ ފަރާތަށް ފިލައިގެން މަގުމަތި ވެފައި ތިބޭ މީހުންނެވެ. އަދި ރާއްޖޭގައި އުޅޭ ބަންގާޅު އެޖެންޓުންނާ ގުޅިގެން ޤަވާޢިދާ ޚިލާފަށް ރާއްޖެ އައިސް މަސައްކަތް ހޯދާ މީހުންނެވެ.

ދުވާލާއި ރޭގަނޑުގެ ބައެއް ގަޑިގަޑީގައި ، ޢާންމު ގޮތެއްގައި މަގުމަތިން ދިމާވާ ތިންމީހެއްގެ ތެރެއިން ދެމީހުންނަކީ ބިދޭސީންނެވެ. މަގުމަތިން ދިމާވާ ބިދޭސީންގެ ފަސްމީހެއްގެ ތެރެއިން ހަތަރު މީހުންނަކީ ބަންގާޅީންނެވެ. ހޮނިހިރު ދުވަހު ޕާކުތަކާއި ޢާންމުން އެއްވެލުމަށް ޚާއްޞަކޮށްގެން މާލޭގައި ހެދިފައި ހުންނަ ތަންތަނާއި އެތަންތަނުގެ ވަށައިގެން ގިނައިން އުޅެނީ ބިދޭސީންނެވެ.

މާލޭގެ  ކެފޭއެއް އަދި ހޮޓަލަކަށް ސައިތައްޓެއް ބޯލަން ވަދެލީމަވެސް އެދިމާވަނީ ބަންގާޅީންނާއެވެ. ކަންމަތީ ފިހާރަޔަކަށް ވަދެލާއިރު ކޮށިގަނޑުގައި އިންނަނީ ބަންގާޅު މީހެކެވެ. މިނެކިރައި ސޭޓަށް އަތްގާތްކޮށްލަދޭން ތިބެނީވެސް ބަންގާޅު މީހުންނެވެ. އަމިއްލަ ކުންފުނިތަކުން ، ބޭންކްތަކަށް ފައިސާ ޖަމާކޮށް ފައިސާނަގަން ގޮސްއުޅެނީ  ބަންގާޅުމީހުންނެވެ. ޢިމާރާތްތައް ބަލަހައްޓަން ރޭގަނޑާއި ދުވާލު ފާރަޔަށް ތިބެނީ ބަންގާޅުމީހުންނެވެ. އޮޑިދޯނިފަހަރަށް އަރައި އުނގުވިޔަފާރިކުރަން އަދި މާރުކޭޓުގެ ގޮޅިތަކުގައި ތަކެތިވިއްކަން ތިބެނީ ބަންގާޅީންނެވެ. އިޤްތިޞާދީ ތަފާތުމަސައްކަތްތަކުގައި މަސައްކަތުމީހުންނާއި ސްޕަވައިޒަރުންނަށް ގިނައިންއުޅެނީ ބިދޭސީންނެވެ.

ހުޅުމާލެއާއި މާލެއާ ދޭތެރޭ އަދި ހުޅުލެއާ މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީ ތަކުގައިވެސް ހުސް ބަންގާޅީންނެވެ. އަދި ނުވިތާކަށް މާލެއާ މީހުން އުޅޭ ރަށްރަށާ ދެމެދު ދަތުރުކުރާ ނާލުއޮޑިފަހަރުގައިވެސް ބަންގާޅީންނެވެ.

ރަންބިސްއަޅާ ކުކުޅުކަމަށް އެބުނާ ފަތުރުވެރިކަމާ ދިމާލަށް ޖެހިލާނަމެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ރިސެޕްޝަނުން ފެންނަނީ ބިދޭސީންނެވެ. އެތަންތާނގެ އެކައުންޓެންޓުންނަށް ގިނައިންއުޅެނީ ބިދޭސީންނެވެ. ހިއުމަންރިސޯސް ޑިޕާޓްމަންޓްތަކުގައިވެސް  އަދި ރިޒަވޭޝަން ޑިޕާޓްމަންޓްގައި އަމްދުން ބިދޭސީންނެވެ. މަސައްކަތުމީހުންނަށް ބަންގާޅީންނެވެ.

މީހުން އުޅޭ ރަށަކަށް އަރާލާނަމެވެ. ސައިހޮޓަލެއްހުރިއްޔާ އެތަނެއްގައިވެސް ބަންގާޅީންނެވެ. ދަނޑެއް އޮތިއްޔާ ދަނޑު ހައްދަންވެސް ބަންގާޅީންނެވެ. އަދި ހަމައެފަދައިން ، ދަނޑުވެރިކަން ކުރުމަށްޓަކައި ދިގުމުއްދަތަށް ނަގައިގެން އުޅޭ ފަޅުރަށްރަށުގައިވެސް މުޅިން ބަންގާޅީންނެވެ. މަހަށް ފުރާ  ދޯނިފަހަރުގެ ފަޅުވެރިންނަށް ބަންގާޅީންނެވެ ކަންނެލި އޮޑިފަހަރުގައިވެސް އެމީހުން އެބައުޅެއެވެ. ސައިބޯލަން ރައްޓެއްސެއްގެ ގެޔަށް ވަދެލާއިރު އެގޭގެ ކުދިންގެ ފިރިންނަށް ރަށްރަށުން އެދިމާވަނީ ބަންގާޅީންނެވެ.

ސަލާމަތެއް އެބައޮތްތޯއެވެ ؟ މި ޙަޤީޤަތަކީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އަދި މިއީކީ އެއްދުވަހަކުން ރާއްޖެޔަށް ކުރިމަތިވި ޙާލަތެއްނޫނެވެ. މިއީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ބޮޑުވަމުންގޮސް އަތްނުފޯރާ ހިސާބަށް ދިޔަ ކަމެކެވެ. ރާއްޖޭގައި މަސައްކަތްކުރަނީ ކިތައްބިދޭސީންކަން ، އެންމެ ދެރަވެގެން ، ސަރުކާރަށްވެސް ނޭނގޭވަރަށް މިހާރު މިއޮތީ މިކަން ބޮޑުވެފައެވެ.

ބިދޭސީން ހިސާބަށްވުރެ އިތުރުވެ އިޖްތިމާޢީ އެތައް މައްސަލަތަކެއް ޤައުމުގައި އުފެދި ބޮޑުވަމުންދާއިރު ، އެމައްސަލަ މައްލަޔަކަށް ނުވަނީ ކީއްވެތޯއެވެ ؟ މިއީ ޚިޔާލުތަފާތުވެފައިވާ މައްސަލަޔެކެވެ. އިޤްތިޞާދީ ވިސްނުމުގެ ބައެއްމީހުން ބުނާގޮތުގައި ، ބިދޭސީން ރާއްޖެ އައިސް މަސައްކަތްކުރީމަ އެއީ އިޤްތިޞާދީގޮތުން ޤައުމަށް ލިބޭ ފައިދާއެކެވެ. ބިދޭސީން ރާއްޖެއިން ބޭރުކުރަމުންދާ އެތައް މިލިއަން ޑޮލަރެއް އެއީ އެބައިމީހުންނަށް މައްސަލައެއް ނޫނެވެ. ވަޒީފާދޭ އާދައިގެ މީހާ ދެކޭގޮތުގައި ދިވެހިން މަސައްކަތް ކުރާގޮތުންނާއި ، ބައެއްކަހަލަ މަސައްކަތަށް ދިވެހިން ނުލިބޭތީ އަދި މަސައްކަތުގެ އަޚުލާޤެއް ނެތުމާއެކު ހެޔޮއަގެއްގައި ބިދޭސީން ލައްވާ މަސައްކަތްކުރުވޭތީ އެއީ ފަރުދީގޮތުން ލިބޭ ފައިދާއެކެވެ. ދިވެހިން މަސައްކަތްކުރާގޮތާއި ، ބައެއްކަހަލަ މަސައްކަތަށް ދިވެހިން ނުލިބުމާ އަދި މަސައްކަތުގެ އަޚުލާޤެއް ނެތުން އެއީ އެމީހުންގެ ކަމެއްނޫނެވެ.

ބިދޭސީންލައްވާ މަސައްކަތް ކުރުވަން ޖެހުމާއި ބިދޭސީންގެ އާބާދީ އިތުރުވެ އިޖްތިމާޢީ ހަމަނުޖެހުން އިތުރުވަމުން ދިއުން  މިދެންނެވި ސަބަބުތަކަށް ބަލާއިރު މިވަނީ ޤައުމީ މައްސަލަޔަކަށް ވެފައެވެ. ޤައުމީ މައްސަލަތަކަށް ، ޤައުމަށާއި ރައްޔިތުންނަށް ޙައްލު ހޯދައިދޭން ޖެހޭނީ ސަރުކާރުންނެވެ. ސަރުކާރަކުން މިކަމަށް ސަމާލުކަމެއްދީފައެއް ނުވެއެވެ. 1990 ގެ މެދުތެރެއިން ފެށިގެން 1990 ގެ ފަހުގެ އަހަރުތަކާ ހަމަޔަށް އެއީ ބިދޭސީން އިތުރުވަމުންދާ މައްސަލަޔަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއްދިން އަހަރުތަކެކެވެ. ބިދޭސީންލައްވާ މަސައްކަތްކުރުވުމާބެހޭ ޤަވާޢިދުތަކެއް އުފަންކުރެވި ތަންފީޛު ކުރެވެން ފެށިއެވެ. އައިއެލްއޯގައި ރާއްޖެ ބައިވެރިވުމުގެ މަސައްކަތް ފެށުނެވެ. އެހެނަސް އައިއެލްއޯގައި ރާއްޖެ ބައިވެރިވުމުން ހަޅުތާލުކުރުމަށް ހުއްދަދޭން ޖެހޭނެކަމަށް ބުނެ އެކަން އޮތީ މަޑުޖެހިފައެވެ. ވަޒީފާ އާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް ޤާނޫނެއް ޑްރާފްޓް ކުރެވުނެވެ. އެހެނަސް ހިތާމަޔަކީ ، އޭރު ކުރެވުނު މި ޑްރާފްޓް ޤާނޫނަކަށް ވުމަށް 12 އަހަރު ނެގިކަމެވެ.

ރާއްޖޭގައި ޤަވާޢިދުންނާއި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އިތުރުވެގެން ދިޔައީ ސަރުކާރުން އެދާއިރާއަށް ވެފައިވާ އިހުމާލުގެ ސަބަބުންނެވެ. 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކަށް ގިނަވެގެން ގެނެވޭނެ ކޯޓާއެއް ހަމަޖެއްސުނެވެ. ބިދޭސީން ގެންނަ ފަރާތްތަކުން ސަރުކާރުގައި ޑިޕޮޒިޓެއް ބަހައްޓާގޮތަށް ހަމަޖެއްސުނެވެ. ސްކިލްސް ޑިވެލޮޕްމަންޓް ފަންޑެއް އުފައްދާ އެފަންޑް މެދުވެރިކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ތަމްރީންކުރުމަށް މަސައްކަތް ކުރެވުނެވެ. ރާއްޖެއަށް ބިދޭސީން ގެންނަ އެމްޕްލޯއިމަންޓް އެޖެންސީތައް ރަޖިސްޓަރީކޮށް އެމްޕްލޯއިމަންޓް އެޖެންސީއެއް މެދުވެރިކޮށްގެން ނޫނީ ބިދޭސީން ރާއްޖެ ނުގެނެވޭގޮތަށް ހަމަޖެއްސުނެވެ. ފިހާރަތަކުގެ ކައުންޓަރުގައި ބިދޭސީން ބައިތިއްބުން މަނާކުރެވުނެވެ. މަސްވެރިކަމަށް ބިދޭސީން ބޭނުންކުރުން މަނާކުރެވުނެވެ. ދިވެހިންނަށް އަދާކުރެވިދާނެ ފަންނީ މަސައްކަތްތަކަށް ބިދޭސީން ގެންނަން ހުއްދަދޭއިރު ، އެއް އަހަރަށް އެހުއްދަދީ ، އެއް އަހަރުތެރޭ ދިވެއްސަކު އެމަޤާމަކަށް ތަމްރީން ކުރުވުން ޝަރުތުކޮށް ހުއްދަދޭގޮތަށް ހަމަޖެއްސުނެވެ.  އަމިއްލަ ކުންފުނިތަކާއި އެކިއެކި ޞިނާޢީ މަސައްކަތްތަކަށް ބިދޭސީން ގެނެވޭނެ ކޯޓާއެއް ކަނޑައެޅި ، އެތަނަކަށް އެންމެ ގިނައިން ބިދޭސީން ގެނެވޭނެ ޢަދަދު ކަނޑައެޅުނެވެ. ބިދޭސީ މަސައްކަތު މީހަކު ރާއްޖެ ގެންނަން ހުއްދަ ދެވޭނީ އެ މަޤާމަކަށް ދިވެއްސަކު ނުލިބިގެންކަން ކަށަވަރު ކުރެވޭނެ ގޮތްތައް ކަނޑައެޅުނެވެ. އަދި މިނޫނަސް ، ވަޒީފާއާ މަސައްކަތްތެރިކަމުގެ ދާއިރާއާގުޅޭ ތަފާތު ސިޔާސަތުތައް ކަނޑައެޅި ، ހަމަޖެހިފައި އޮންނަ ޤަވާޢިދެއްގެ ތެރެއިން ބިދޭސީން ގެނެވި ، ބިދޭސީން ރާއްޖޭގެ މަސައްކަތުގެ ބާޒާރަށް އިތުރުވުން އެއީ ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކުރެވޭކަމެއްގެ ގޮތަށް ބޭއްވުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. 2020 ވަނައަހަރަށް އަމާޒުކޮށް ވަރަށް މުހިންމު ލަނުދަނޑިތަކެއް ޙާޞިލުކުރެވޭގޮތަށް ވަޒީފާއާބެހޭ ދާއިރާގެ ތަޞައްވުރެއް އެކުލަވައިލެވުނެވެ. އެ ތަޞައްވުރު ފުރިހަމަވެގެން ޢަމަލުކުރެވިގެން ދިޔަނަމަ ، މިހާރު މިއޮތް ޙާލަތުގައި މިމައްސަލައެއް ނޯތީހެވެ. 2020 އަށް ދެން އޮތީ އެންމެ ދެ އަހަރެވެ. އޭރު ކަނޑައެޅުނު 2020 ގެ ތަޞައްވުރުގެ ހަމަ އެންމެ ކަމެއްވެސް ޙާޞިލު ކުރެވިފައެއް ނެތެވެ.

މިފަދަގޮތަކަށް ވަކި ތަރުތީބަކުން އެތުރި ރޭވެމުންދިޔަ ދާއިރާއެއް ބޮއްސުންލީ ކީއްވެތޯ ބަލައިލަން ޖެހެއެވެ. 1999 ވަނައަހަރަކީ ރާއްޖޭގެ ވަޒީފާއާއި މަސައްކަތްތެރިކަމާބެހޭ ދާއިރާއަށް މުޞީބާތެއް ކުރިމަތިވި އަހަރެކެވެ. ހަ އަހަރު ހަތްއަހަރުވަންދެން ބަޔެއްގެ ބުރަމަސައްކަތުން އެދާއިރާ އިޞްލާޙުކޮށް ތަރައްޤީކޮށް ކުރިއަރުވަން ރާވައިގެންކުރި ހުރިހާ މަސައްކަތެއްގައި ކަތުރުފަނި އަޅަންފެށީ މިހިސާބުންނެވެ. އަމިއްލަ އެދުމުންފޯވެފައިތިބި ބަޔަކު އޭކޭ 47 ގެ ބަޑިހިފައިގެން ވަދެ މުޅި ދާއިރާ ޚަރާބު ކޮށްލިއެވެ. އެތައްދުވަހެއް ވަންދެން ރޭވި ޢަމަލުކުރެވެމުންދިޔަ ސިޔާސަތުތަކާއި ޤަވާޢިދު ތަކާއި އުޞޫލުތައް މުގުރައި އަތަށް ހެޔޮވަރުކޮށް މުޅި ނިޒާމު ގަޑުބަޑުކޮށްލިއެވެ. އެތައް ދުވަހަކުއްސުރެ އިޚުލާޞްތެރިކަމާއެކު ބުރަކޮށް މަސައްކަތްކުރަމުންގެންދިޔަ ތަޖުރިބާކާރުން ދާއިރާއިން ބޭކާރު ކުރިއެވެ. ޤަވާޢިދާޚިލާފުވެގެން ބަންދުކުރެވިފައި ހުރި އެމްޕްލޯއިމަންޓް އެޖެންސީތަކަށް ވަކި ހަމައެއް ލަމައެއްނެތި ހުއްދަ ދިނެވެ. ޢަމަލުކުރެވެމުންދިޔަ ޤަވާޢިދުތަކާއި އުޞޫލުތައް އެކޮޅުކޮޅުން ޖެހިއެވެ. ކުރިންތިބި ބަޔެއްގެ މައްޗަށް ހިތުގައި އޮތް ޙަސަދައެއް ފިލުވާލަން އެބަޔެއްގެ ކުށެއް ފެނޭތޯ މުޅިދާއިރާގައި އަތްފުނާއެޅިއެވެ. އެކަން ނުކުރެވުނީމަ ، ރަނޑާލި އަންހެނަކާއި މޮޔަގޮލަޔަކު ތަނަށްވައްދައިގެން ތަނުގެމަޞްލަޙަތު ގެއްލި މުއައްޒަފުންގެމެދުގައި ފޫއްސާއި ނަފުރަތުއުފެދި މަސައްކަތުގެމާޙައުލު އަނދިރިކޮށްލިއެވެ. އިސްކޮށްތިބި މީހުންނަށް ޕްރޮމޯޝަންދޭން ސިޓީލިޔެ އެސިޓީ އެމީހުންނަށް ދައްކައި ، އެމީހުންނަށް އެކަންވެސް އޮޅުވާލައި ސިޓީދާންޖެހޭތަނަށް ސިޓީ ނުފޯރަނިސް އަނބުރާ ސިޓީގެނެސް އިރާލައި ކުނިވަށިގަނޑަށް ލެވެއެވެ.

ޢިއްޒަތުގެ މެޑެލް ޙައްޤުވާހިސާބު އޮޅެނީ މިހިސާބުންނެވެ. އޭކޭ 47 ހިފައިގެން 1999 ގައި މިދާއިރާއަށްވަދެ މުޅި ނިޒާމު ޚަރާބުކޮށްލީ ، މިދާއިރާ ސަރުކާރުގެ އޮނިގަނޑުގެ ތެރެޔަށް ވެއްދުނުއިރު އެކަން ހަވާލުކުރެވުނު މީހުންނެވެ. 15 އަހަރުވަންދެން އެތެޅުވުނުގޮތަކަށް އެދާއިރާ ތަޅުވާފަ ވީކަމެއް ހަރާންވީމަ އެހެންބަޔަކާ އެކަން ޙަވާލުކުރެވުނީމަ މަދުދުވަސްކޮޅެއްގެތެރޭ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުން ހަޖަމުކުރަން އުނދަގޫވީކަމަށްވެދާނެއެވެ. މެނަބްރުކަން ނުލިބުނު ކެމްޕޭނަކަށް ކުރެވުނު މަސައްކަތަކަށްވިޔަސް ޤައުމާއި ރައްޔިތުންގެ މަޞްލަޙަތާގުޅިފައި އޮތް މިފަދަ ބޮޑުކަމެއް ޗޮހުން ދުއްވާލުމުން އޭގެ ގެއްލުން އަދިވެސް މިދަނީ ޤައުމު ދެކެމުންނެވެ. އޭގެފަހުން މިދާއިރާ ޙަވާލުކުރެވުނު މީހުންވެސް ސަހަލެއްނޫނެވެ. އަމިއްލަ ޖީބަށް އެއްޗެއް ނުވަންނަ ގޮތަކަށް އެއްކަމެއްވެސް ނުކުރެވެއެވެ. ދަރިންނަށް މަންފާއާއި ފައިދާ ލިބޭނެ ހުރިހާ ދޮރެއް ހުޅުވާލިއެވެ. ލޭބަރ އިން މިލިއަނުން ވަގަށްނެގި ފައިސާގެ ޚިޔާނާތް ފަޅާއެރިއެވެ. ޙާލަތު އޮތީ ކޮޓަރީގަ އަޅަން ގެންނަ ކާޕެޓުން ބާކީވާ އެތިކޮޅުވެސް ގެޔަށް ގެންގޮސް ދޭށޭ ބުނާހިސާބުގައެވެ.

އޭގެފަހުން ލޭބަރގެ ދާއިރާގެ މާލިމީއަކަށްވީ 1990 ގެ މެދުތެރޭގައި ލޭބަރގެ ދާއިރާ އިޞްލާޙުކުރުމަށް ބުރަމަސައްކަތްތަކެއްކޮށް ، ސިޔާސަތުތަކާއި ޤަވާޢިދުތަކާއި އުޞޫލުތައް ހަމަޖެއްސުމުގައި އިސްކޮށްހުރި މާލިމީއެވެ. އޭރު އެދާއިރާއޮތީ ، ބޮއްސުންލައިގެންގޮސް އަވަސް މަގަކުން ކަންކަން ރަނގަޅުކޮށްލެވޭވަރަށްވުރެބޮޑަށް ގޯސްވެފައެވެ. އެހެން ނަމަވެސް ، އަލުންބަލުން ފަށައިގެން އެދާއިރާ ހަމަމަގަށް އެޅުވޭތޯ ބުރަމަސައްކަތްތަކެއްކުރަން އަނެއްކާވެސް ފަށައިގަނެވުނެވެ. ދުރުރާސްތާގެ އަމާޒުތައްހިފި ކުރުރާސްތާއަށް ހިފުނު އަމާޒުތަކަށް ޖާގަލިބި އިޞްލާޙީ ބަދަލުތަކެއް ފެންނަންފެށިއެވެ. އެހެންނަމަވެސް އެންމެ އެދެވޭ ނަތީޖާ ޙާޞިލް ނުކުރެވެނިސް ސިޔާސީ މަސްރަޙު ބަދަލުވެގެންދިޔައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުގައި 2008 އިންފެށިގެން އަނެއްކާވެސް ލޭބަރގެ ދާއިރާ ދިޔައީ ކުރިންއޮތް ޚަރާބުގެ މަގަށް ކައްސާލައިގެންނެވެ. ހަދަމުންދިޔައީ އެމީހަކަށް ހެދުނު އެއްޗެކެވެ. ބެލެވެމުންދިޔައީ ޖީބަށް ވަންނާނެ އެއްޗަކަށެވެ. ޤާނޫނެއް ޤަވާޢިދެއް އަދި ހަމައެއް އުޞޫލެއްނެތިއެވެ. ޝަރުޢީ ނިޒާމަށްވެސް ގޮންޖަހަމުންނެވެ. ޝަރީޢަތުގެ ޙުކުމްތަކަށް ކަނޑައެޅިގެން ނޫނެކޭ ބުނަމުންނެވެ.

ދެންއައި ސަރުކާރުންވެސް ލޭބަރގެ ދާއިރާ ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ. ކުރިންވެސް ކައްޗަށް އެޅިފައޮތް ބިންގާ 2012 އިންފެށިގެންވެސް އިތުރަށް ދިޔައީ ކަތިވަމުންނެވެ. ފަސާދައާއި ޚިޔާނާތުގެ ޢަމަލުތަކަށް އިތުރަށް ބައްޓަން ކުރެވިގެންނެވެ. ރާއްޖެއަށް ބިދޭސީން އިތުރުވެ ގިނަވަމުންދާނެހާ ގޮތްތަކަށް އަދި އެމަގުން ޖީބަށް ބަރުވާނެ ހުރިހާ ގޮތްތަކެއް ފެންނަމުންދިޔައެވެ. އެންމެ ބޮޑު ހިތާމަޔަކީ މިޙާލަތު އުފަންވެ އިތުރަށް ގޯސްވަމުން ދިޔައީ 1990 ގެ މެދުތެރޭގައި ލޭބަރގެ ދާއިރާ އިޞްލާހުކޮށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރި މާލިމީގެ ނެވިކަމުގެ ދަށުގައި މިފަދަ ޙާލަތަކަށް އެދާއިރާ ވެއްޓިގެން ދިޔައީތީއެވެ.

އަނެއްކާވެސްމިފެނުނީ އާސަރުކާރެކެވެ . 4  ޕާޓީއަކަށް ނިސްބަތްވާ  ކޯލިޝަން ސަރުކާރެކެވެ. ވެރިކަމަށް އައުމަށް ކަނޑައެޅި މެނިފެސްޓޯގައިވެސް ވަޒީފާ އާއި މަސައްކަތްތެރިކަމުގެ ދާއިރާ ރަނގަޅަށް ދިރާސާ ކުރެވި ލަނޑުދަނޑިތަކެއް ހިމެނިފައެއްނެތެވެ. ސަރުކާރު ހިންގުމުގައި އިސްކޮށް އޮތީ 2008 ވަނައަހަރުވެސް ސަރުކާރު ހިންގުމަށް އިސްވި ޕާޓީއެވެ. އަދި އޭރުވެސް އެދާއިރާއަށް ހެޔޮބަދަލެއް ގެނައުމުގެ ބަދަލުގައި އިތުރަށް ޚަރާބުކޮށް އިހުމާލުވެފައި ތިބި ބަޔެކެވެ. މިވަގުތަކީ ލޭބަރގެ ދާއިރާ ބޮއްސުންލާނެ އެންމެ ބޮޑަކަށް ބޮއްސުންލާފައި އޮތް ވަގުތެވެ. ޤައުމީ އަދި އިޤްތިޞާދީ ، އިޖުތިމާޢީ ބޮޑެތި އެތައް މައްސަލަތަކެއް މިހާރު މިވަނީ ޤައުމަށް ކުރިމަތިވެފައެވެ. އެހެންނަމަވެސް އާސަރުކާރުގެ ވުޒާރާތައް އުފެދިގެންދިޔައިރު ، އެންމެ ދެރަވެގެން ، ވަޒީފާގެ ބާޒާރާއި އިންސާނީ ވަޞީލަތް ތަމްސީލުކޮށްދޭ ނަމެއްހާ ހިސާބުވެސް އެއިން ވުޒާރާއެއްގެ ނަމުން ރަމްޒުކޮށްދީފައެއް ނެތެވެ. އެހެންކަމުން މިދާއިރާގެ އުއްމީދުތައް ރައްޔިތުންނަށް އާވެފައެއް ނެތެވެ. ކުރިންވެސް އޮތްގޮތަކަށް އެކަންކަން ކުރިޔަށްދާނެކަހަލަ ވަހެއް ދުވުން ފިޔަވައި ދިރުންހުރި އުއްމީދެއް ގެނެސްދެވިފައެއް ނެތެވެ.

އިޤްތިޞާދީ ، އިޖްތިމާޢީ އަދި ޤައުމީ އެތައް މައްސަލަތަކަކުން މި ޤައުމަށް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ލިބެމުން އެބަދެއެވެ. މިކަމަށްވެފައިވާ އިހުމާލުން ، އާ ސަރުކާރަށް ރައްޔިތުންކުރާ އުއްމީދުގައި ހަމަގައިމުވެސް ވަޒީފާއާއި އިންސާނީ ވަޞީލަތް ބިނާކުރުމުގެ ދާއިރާއިން ކުޑަނަމަވެސް އަދި ފަނޑުނަމަވެސް ދިރުންހުރި އުއްމީދެއް ނުލިބެއެވެ.

ޤައުމުގެ ޙާލަތު މިއޮތީ އެތައް ޒަމާންތަކަކަށް ފަހަތަށް ސޮއްސާލާފައެވެ. ކުރިން އަޑުއަހަމުން އައީ ވޯރާވިޔަފާރިވެރިންގެ ވާހަކައެވެ. އެވޯރާވިޔަފާރި މިހާރުމިވަނީ ޒަމާނާ އެއްގޮތަށް ބަދަލުވެފައެވެ. މިކުޑަކުޑަ މާލޭގައި ސާޅީހަށްވުރެގިނަ ބޭސްފިހާރަ އެބަހުއްޓެވެ. ގިނައީ އިންޑިއާމީހުންގެ ވިޔަފާރިއެވެ. ތަރުކާރީ ވިއްކާ އެތައް ފިހާރައެއް އެބަހުއްޓެވެ. ގިނައީ އިންޑިއާއާއި ލަންކާގެ ވިޔަފާރިއެވެ. ރާއްޖޭގެ ރިސޯޓުތަކަށް ތަރުކާރީފަދަ ތަކެތި މާލެއިން ސަޕްލައި ކުރާ އެތައް ބިދޭސީ ވިޔަފާރިއެއް އެބަހުއްޓެވެ. ދިވެހިންނަށް އެފުރުޞަތު ވަނީ ގެއްލިފައެވެ. ބޭރުމީހުން ޚާއްޞަކޮށް ޗައިނާއާއިލަންކާމީހުން ހިންގާ ރެސްޓޯރަންޓް އަދި ކެފޭއާއި ސައިހޮޓާ އެބަހުއްޓެވެ. މީގެއިތުރަށް ކައްކާ ކާންދޭ އެތައްވިޔަފާރިއެއް ބިދޭސީން އެބަހިންގައެވެ. ޗައިނާއާއި ލަންކާ އަށްނިސްބަތްވާ ބިދޭސީން ކުއްޔަށްހިފައިގެން ހިންގާ ހޮޓަލާއިގެސްޓްހައުސް މާލެއާއި ހުޅުމާލޭގައި އެބަހުއްޓެވެ. ބިދޭސީން ގެނެސްދޭ ބިދޭސީއެޖެންޓުން މާލޭގައި އެބައުޅެއެވެ. ބިދޭސީން ހިންގާ ޓްރެވަލް އެޖެންސީތައް އެބަހުއްޓެވެ. ހަމައެކަނި މިވަރުންވެސް ވޯރާވިޔަފާރިވެރިންގެ ފަރާތުން ރާއްޖެޔަށް ލިބުނު އިޤްތިޞާދީ ގެއްލުމަށްވުރެ ބޮޑެތި ގެއްލުންތަކެއް ރާއްޖެޔަށް އެބަ ލިބެއެވެ. މިހުރިހާކަމަކީ ޤާނޫނާ ޤަވާޢިދާޚިލާފު ކަންކަމެވެ. ދިވެހި މެދުފަންތިއާއި ކުދި ވިޔަފާރިތަކަށް ރާއްޖޭގައި އޮތް ފުރުޞަތުގެއްލިގެންދާ ކަންކަމެވެ. ހަމަގައިމުވެސް ބިދޭސީން އައިސް މި ވިޔަފާރިތައް ރާއްޖޭގައި  މިކުރަނީކީ މިކަންކަން ކުރާނެ ޤާބިލު ދިވެހިން ނެތިގެންނެއްނޫނެވެ. މިއީ މިކަންކަން ހުއްޓުވައި ދިވެހިންނަށް ވިޔަފާރީގެ މިނިވަންކަން ހޯދައިދީ ޤާނޫނާއި ޤަވާޢިދު ތަންފީޒުކޮށްދޭނެ ހެޔޮވެރިކަމެއްކުރާ ސަރުކާރެއް ނެތިގެން ޤައުމަށް ލިބޭ ބޮޑު ގެއްލުމެކެވެ.

ފަތުރުވެރިކަމާ ، ދަނޑުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބަހާތަކެކެވެ. މިދާއިރާތަކުގައިވެސް ގިނަޢަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން އެބަގެންދެއެވެ. އެއީ ހަމައެކަނި މިދާއިރާތަކުގައި މަސައްކަތްކުރާނެ ޤާބިލް ދިވެހިން ރާއްޖޭގެ އާބާދީގައި ނެތިގެންނެއްނޫނެވެ. މިކަމުގެ ސަބަބަކީ ޤާނޫނާއި ޤަވާޢިދާޚިލާފަށް މަސައްކަތްކުރާ ބިދޭސީން ގިނަވެގެންނާއި ތަރުތީބުކުރެވިގެން ހަމަހަމަ އުޞޫލަކުން ދިވެހިންނާއި ބިދޭސީންނަށް މުސާރައާއި އުޖޫރަ އަދި ޢިނާޔަތްތައް ލިބޭނެ އޮނިގަނޑެއް ޤައުމީ ފެންވަރެއްގައި އެކުލަވާލެވިފައި ނެތުމެވެ. އަދި ވަޒީފާއާބެހޭ ޤާނޫނު ފުރިހަމަވެފައި ނެތުމާއެކު މިހާރުއޮތް ޤާނޫނުވެސް ތަންފީޒުކުރެވެމުން ނުދިއުމެވެ. އަދި ޤާނޫނުން ބާރުލިބިދޭ ފުރިހަމަ ޤަވާޢިދުތަކެއް އުފެއްދިފައި ނެތުމެވެ.

ރާއްޖޭގެ ރަށްރަށުގައި ދަނޑުހައްދަން ބަންގާޅުމީހުން އެބައުޅެއެވެ. ޤާނޫނާޚިލާފަށެވެ. ކައުންސިލްތަކަށްވެސް އެކަން އެނގެއެވެ. ދަނޑުހައްދާފަ ދަނޑުން އުފައްދާ ތަކެތި މާލެޔަށް ފޮނުވަނީ ބަންގާޅީންނެވެ. އުނގުވިޔަފާރިކުރާ އުޞޫލުން އެތަކެތި މާލެޔަށް ގަންނަނީ ބަންގާޅުމީހުންނެވެ. މާރުކޭޓުގައި ތިބޭ ބަންގާޅު މީހުންނަށް އެތަކެތި ވިއްކަނީ ބަންގާޅުމީހުންނެވެ. މާރުކޭޓް ގޮޅިތަކުން އެތަކެތި ވިއްކަނީ ބަންގާޅުމީހުންނެވެ. ގޭގެޔަށް އެތަކެތި ގަނެދީގެން ގެންގޮސްދެނީ ބަންގާޅު މީހުންނެވެ. މަސްމާރުކޭޓުގެ ގޮޅިތަކުގައި މަސްވިއްކަން ބަންގާޅުމީހުން އެބައުޅެއެވެ. ގިނަ ކަންމަތީ ފިހާރަތަކުގައި ސޭޓުންނަށް ތިބެނީ ބަންގާޅުމީހުންނެވެ. މިނެކިރައިދެނީ ބަންގާޅުމީހުންނެވެ. ސައިހޮޓާތަކުގައި ބަދިގޭގައި ކައްކަނީ ބަންގާޅުމީހުންނެވެ. ވެއިޓަރުންނަށާއި ލާރިކަނޑަން ކޮށިގަނޑުގައި ތިބެނީ ބަންގާޅުމީހުންނެވެ. މިއަދުގެ ޙާލަތަކީ މިއީއެވެ. އެކަމަކުވެސް މިކަން ބޮޑުކަމެއްގެ ގޮތުގައި ބަލާނެ މީހަކުނެތެވެ.

ކަންމިހެން އޮތްއިރު ދިވެހި ގިތެޔޮމިރުހާ އެއްވަތަރަކަށް ހުންނާތީ ނައިޖީރިއާއިން ގިތެޔޮމިރުސް އެތެރެކޮށް މާރުކޭޓުގައި ވިއްކަން ހުންނަ ގޮތަށް ، ދިވެހިންނާ އެއްވައްތަރެއްގެ އިންސާނުން ރާއްޖެޔަށް އެތެރެކުރެވި ދިވެހިޤައުމިއްޔަތު ހަލާކުވެދާކަށް ލަހެއްނުވާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ވަރަށް ފައްކާ ލިޔުމެއް. ކެރިގެން ބަސްބުނެ މީސްމީހުންގެ މޫނުމަތީ ތަފާލެއް ޖަހާލެވިފަ އޮތްކަހަލަ.ކަންކަން ރައްދުވާ ފަރާތްތަކުން ކިޔާލައިފިނަމަ އެއީ ތިމަންނަކަން އެނގޭ ވަރަށް އަމާޒު ހިފާފައި އެބަހުރި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.