ރައީސް ރަމަޟާން މަހުގެ ތަހުނިޔަ ފޮނުއްވައިފި

21.13

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައިވަނީ، ބަރަކާތްތެރި ރަމަޟާންމަހާ އަޅުގަނޑުމެން އިސްތިޤްބާލު ކުރުމުގެ ހެޔޮކަން މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާކަމުގައެވެ. އަދި މިބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވާކަމުގައެވެ.

މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސްވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

" ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވި ރޫޙާނީ މަތިވެރި މައްސަރެކެވެ. އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރްޞަތެކެވެ. ރަޙްމަތާއި ނިޢުމަތުގެ އާރެކެވެ. މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންވެއެވެ. އެހެންކަމުން، މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަނެ، ރޯދައިގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާއެކު އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމަށް އިތުރު އަހަންމިއްޔަތެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް، ތިޔަ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސްގެ ތަހުނިޔާގެ ޚިޠާބުގައި ވެއެވެ.

އެޚިޠާބު ނިންމަވާލައްވަމުން ވަނީ މި ފެށުނު ބަރަކާތްތެރި ރަމަޟާންމަހަކީ، ހުރިހާގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަދި ތަނަވަސްކަމުގެ މައްސަރެއް ކަމުގައި ވެގެންދިޔުމަށް އެދި ދުޢާދަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.