
ރޯދަމަހާ ދިމާކޮށް ބޭންކުން އަހަރީ ހަރަކާތެއްގެ ގޮތުގައި ހިންގާ "ރޯދަވެދުން" ޕްރޮގްރާމްގެ ދަށުން މި އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި މުވައްޒަފުންގެ ފަރާތުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކޮންމެ އަހަރަކުވެސް ބޭންކުގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން މިފަދަ މުހިންމު ހަރަކާތަކަށް ފަންޑު ހޯދާއެވެ. އަދި ބޭންކުގެ ފަރާތުންވެސް އެހީއެއް ފޯރުކޮށްދޭއެވެ. މި އަހަރު ބޭންކުގެ މުވައްޒަފުންވަނީ ކުޑަކުދިންގެ ހިޔާގައި ތިބި 82 ކުދިންނަށް ހަދިޔާ ދީފައެވެ. އަދި ބޭންކުންވަނީ އެތަނުގައި 700 އަށްވުރެ ގިނަ ފޮތާއެކު ލައިބްރަރީ އެއް ގާއިމްކޮށްފައެވެ. "ރޯދަވެދުން" ހަދިޔާކޮށްފައިވަނީ އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވުނު ހަރަކާތެއްގައެވެ. ބޭންކުގެ މުވައްޒަފުންވަނީ އެކުދިންނާއެކު ވަގުތު ހޭދަކޮށް ތަފާތު ކުޅިވަރު ހަރާކާތްތައް ބާއްވާފައެވެ.
" މި ރަމަޟާންމަހާ ދިމާކޮށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް އެހީތެރިކަން ފޯރުކޮށްދެވުނީތީ އަޅުގަނޑުމެން އުފާކުރަން. ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދެން. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާއި އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން." ބޭންކުގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.