މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް މާދަމާ ޓޯވކުރަނީ

IMG_1512

އެއްގަމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ގިނަ ދުވަސްތަކެއްވަންދެން މާލޭގެ މަގުމަތީގައި  ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ހާއްސަ މަސައްކަތްތަކެއް މާދަމާ ކުރާނެއެވެ.

އެގޮތުން، މާލޭގެ އެކި ސަރައްހައްދުތަކުގައި، ހާއްސަކޮށް ކާރޫބާރޫބޮޑުވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާދަމާގެ އެކި ވަގުތުތަކުގައި ކުރާނެއެވެ.

މާދަމާކުރަން ހަމަޖެހިފައިވާ މި މަސައްކަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ރަމްޟާންމަހަކީ އެހެން މަސްތަކަށްވުރެ މަގުމަތީގެ ކާރޫބާރޫ ބޮޑުވެ ތޮއްޖެހުން އިތުރުވާ މަހަކަށް ވުމާއެކު، ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ވެހިކަލްތައް ޓޯވކޮށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިގެންދާނެކަމަށެވެ.

އޭގެ އިތުރުން، މަގުމަތި ތަރުތީބުވެފައި އޮތުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންވެސް ކޮންމެހެން މުހިއްމުކަމެއްގައި ފާހަކުރައްވައި ޗީފް އެސްޕީ ހަމްދުން ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ރަމްޟަންމަހު މާލޭގެ މަގުތައް އަމާންކަމާއެކު ތަރުތީބުކޮށްބޭއްވުމަށް ފުލުހުން ކުރަން ރާވާފައިވާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އެގޮތުން، ބާޒާރުމަތިފަދަ ކާރޫބާރޫ ބޮޑުވާ ބައެއް ސަރަހައްދުތަކުގައި އުޅަނދުތައް ޕާކު ކުރުމަށް ފުލުހުން ހަމަޖައްސާ އިންތިޒާމަތަކާ އެއްގޮތަށް އެ ސަރަހައްދުތަކުގައި ޕާކު ކުރައްވާ ހުރިހާ ބޭފުޅުންވެސް އަމަލު ކުރެއްވުމަށް ޗީފް އެސްޕީ ހަމްދޫން ރަޝިދު އެދިވަޑައިގެންނެވިއެވެ.

އެންމެންގެ ލާބައަށްޓަކައި ފުލުހުންކުރާ މިފަދަ މަސައްކަތްތަކަށް ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ޝުކުރުވެރި ކަމާއެކު ފާހަގަކުރައްވައި ޗީފް އެސްޕީ ހަމްދޫން ރަޝީދު ވިދާޅުވީ މި މަސައްކަތުގައިވެސް ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ފުލުހުންނަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.