މާޒީ: އިންސާފުގެ ރަހަ

އިންސާފަކީ އޭގެ ރަހަ ފޮނިކޮށްވެސް އަދި ހިތިކޮށްވެސް ލިބިގެންދާ އެއްޗެކެވެ. އިންސާނާ އިންސާފު ހޯދަން ކުރާ މަސައްކަތުގައި ޢަދްލުވެރި އިންސާފެއް ލިބުނުކަމަށް އޭނާގެ ޟަމީރަށް ޤަބޫލުކުރެވިގެންދަނީ އޭނާ ބޭނުންވާ ގޮތަކަށް އެ އިންސާފެއް ހޯދަންދާ ކަމެއް ނިމުމުން އެކަންޏެވެ. ނުވަތަ އޭނާ ބޭނުންވާ ގޮތަކަށް އެކަމެއް ނިމުމުންނެވެ. ބޭނުން ނުވާ ގޮތަކަށް ކަމެއް ނިމިއްޖެނަމަ އެވަނީ ބޭއިންސާފަށެވެ. މިއީ ދިރިއުޅުން ދަތި މިއަދުގެ މާޙައުލުގައި އިންސާފުގެ ޙާލަތު ގިނަފަހަަރށް އޮންނަގޮތެވެ

ދުނިޔެ ދައްކަމުންދާ ޙަޤީޤަތަކީ ، އެއްދުވަހުން އަނެއްދުވަހަށް އިންސާނާގެ ދިރިއުޅުމުގެ ޙާލަތު ދަށްވެގެން ، ދަތިވެގެން އަދި އުނދަގޫވަމުން ދިއުމެވެ. މިފަދަ މާޙައުލެއްގައި ދިރިއުޅޭ އިންސާނާ ، އޭނާގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އޭނާއަށް ކުރިމަތިވާ ކަންކަމުގައި އިންސާފު ހޯދަން ދާން މިޖެހެނީ ޝަރުޢީ ނިޒާމާ ދިމާއަށެވެ. އިންސާފެއް ލިބޭނެކަމުގެ ޔަޤީންކަމެއް ނެތަސް ވާއެއްޗެއް ބަލައިލަންވެސް ދާން އޮންނަ ތަނަކީ ހަމަ އެއީއެވެ. ނުހަނު ބޮޑު އުއްމީދެއް އޮވެގެން ،ޤާނޫނީ ވަކީލުންނަށް ބޮޑު އުޖޫރައެއްދީގެންވެސް އިންސާފު ލިބިދާނެކަމަށް ދާން އޮންނަ ތަނަކީ އެއީއެވެ

ޤާނޫނީ ވަކީލުން މަސައްކަތްކުރާނީ އިންސާފުން ކަމަށްވިޔަސް އަދި ބޭއިންސާފުންކަމަށް ވިޔަސް ، އޭނާގެ ވަކާލާތު ކުރުމުގެ ހުނަރު ބޭނުން ކޮށްގެން އޭނާގެ މުވައްކިލް ބޭނުންވާ ގޮތަކަށް އެމައްސަލައެއް ނިންމުމަށެވެ. ޝަރުޢީ ޙުކުމް ކުރަން ތިބޭމީހުން ބަލާނީ މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާ ހެއްކާ ޤާރީނާ އާއި ވާހަކަތަކަށް ބިނާކޮށް ޤާނޫނާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ ގޮތުގެމަތިން ޢަދްލުވެރި ޙުކުމެއް ކުރުމަށެވެ

ޤާނޫނީ ދާއިރާއަކީ ، އިންސާނާ މަގުއޮޅުވާލައި ދުނިޔެއާއި އާޚިރަތުން ކޮންމެވެސް އެއްތަނެއް ލިބެން އޮންނަ ދާއިރާއެކެވެ . މިފަދަ ކޮންމެ ތިންމީހެއްގެ ތެރެއިން ދެމީހަކު ނަރަކަޔަށް ދާނެކަމަށް ، އިސްލާމީ ޝަރީޢާ އާއި ޤާނޫނު ކިޔަވާ މީހުންނަށް ޤާނޫނީ އުސްތާޛުން ވިސްނައިދެނީ މި ސަބަބަށްޓަކައެވެ. ކަންމިހެން އޮތްއިރު ، ޝަރުޢީ ޙުކުމްތައް ވާންޖެހޭނީ ޢަދްލު އިންސާފުގެ މަގުން ކުރެވޭ އެއްޗަކަށެވެ. ޢަދްލު އިންސާފުން އެއްކިބާވެ ޙުކުމް ކުރެވޭ ކަމަށްވަންޏާ ޙުކުމް ކުރާމީހާ އެހޯދަނީ ދުނިޔޭގެ އަރާމާއި މާއްދީ ފައިދާއެވެ. އޭނާއަށް އާޚިރަތް އެވަނީ ގެއްލިފައެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީ ދުނިޔެއާއި އާޚިރަތް ހޯދުމަށް މަސައްކަތް ކުރުމަށެވެ. ހަމައެކަނި ދުނިޔެ ހޯދާކަށް ނޫނެވެ. އަދި ހަމައެކަނި އާޚިރަތް ހޯދަން މަސައްކަތްކުރާކަށްވެސް ނުމެނޫން މެއެވެ

އިސްލާމީ ޝަރީޢާ އާއި ޤާނޫނު ކިޔަވައިގެން މެޖިސްޓްރޭޓުންގެ މަސައްކަތާ ކުރިމަތިލަނީ ނުވަތަ ޤާނޫނީ ވަކީލުންގެ މަސައްކަތާ ކުރިމަތިލަނީ އާމްދަނީ ހޯދަންތޯއެވެ ؟ ދުނިޔެ ހޯދަންތޯއެވެ ؟ އާޚިރަތް ހޯދަންތޯއެވެ ؟ ނުވަތަ ދުނިޔެއާއި އާޚިރަތް ހޯދަންތޯއެވެ ؟ މިސުއާލުގެ ޖަވާބު ލިބިގެންދާނީ މެޖިސްޓްރޭޓް ކުރާ ޙުކުމުންނެވެ. އަދި ޤާނޫނީ ވަކީލުގެ ވަކާލާތު ކުރުމުންނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީ ދުނިޔެއާއި އާޚިރަތް ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށްވިޔަސް ، އިންސާނާގެ ޢަމަލުން އޭނާ އިޚްތިޔާރުކުރާ ގޮތް ހާމަވާނެއެވެ. ޢަދްލުވެރި ޙުކުމެއް ކުރެވޭނަމަ އޭނާ އެވަނީ ދުނިޔެއާއި އާޚިރަތް ކަށަވަރު ކޮށްފައެވެ. އަދި ބޭއިންސާފުން ހުކުމް ކުރެވޭ ނަމަ އޭނާއަށް އެވަނީ އާޚިރަތް ގެއްލިފައެވެ

ކޮންމެ އިންސާނަކީވެސް ﷲ ގެ ޙަޟުރަތަށް އަނބުރާ ގެންދެވޭގޮތަށް ދުނިޔެއަށް ފޮނުއްވާފައިވާ މަޚުލޫޤެކެވެ. އެއިންސާނާ ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކަށް ، ﷲ ގެ ދަރުބާރުގައި ސުއާލު ކުރެވޭނެއެވެ. އަދި އެސުއާލުތަކަށް އިންސާނާގެ ގުނަވަންތަކުން ޖަވާބުދޭނެއެވެ

ޝަރުޢީ މަރުޙަލާއެއްގައި އިންސާފަކީ ކޮބައިތޯއެވެ ؟  ޝަރުޢީ މަރުޙަލާގެ އިންސާފަކީ ، އިންސާފު ހޯދަން ކޯޓަކަށް މީހަކު ދާ ހިސާބުން ފެށޭނެ އެއްޗެކެވެ. އިންސާފު ހޯދަން ހުށަހަޅާ މައްސަލަ ބަލައިގަތުމާއި ބަލައި ނުގަތުމާ ހިސާބުން އިންސާފު ފެށޭނެއެވެ. އަދި ހަމަ އެފަދައިން ކޯޓަކަށް މައްސަލަ ބަލައިގަންނަ ހިސާބުން ފެށިގެން ހިނގައިދާ ހުރިހާ މަރުޙާލާއެއްގައިވެސް ދެމިއޮވެ  ، އެންމެ ފަހުން ޙުކުމެއް ކުރާ ހިސާބަށް އެ އިންސާފުގެ ޙައްޤު ދެމިގެންދާނެއެވެ.

މައްސަލައެއް ބަލައިގަނެ ، އެމައްސަލަ ނުބަލާ ގިނަދުވަހަށް ދިގުދެމިގެން ދިއުމަކީވެސް ޢަދްލުން އެއްކިބާ ވެގެންވާ ބޭއިންސާފެކެވެ. ބައެއް މައްސަލަ ނުބަލައި ދިގު ދަންމައި އަނެއްބައި މައްސަލަ އަވަސް އަވަހަށް ، އަވަސް އަރުވާލައިގެން ނިންމުމަކީ ވެސް ޢަދްލުވެރިކަމުން އެއްކިބާވެގެންވާ ބޭ އިންސާފެކެވެ. ޝަރުޢީ ނިޒާމުން ބޭރުގެ ނުފޫޒެއް ވަންނަން ފުރުޞަތު ހުޅުވިގެންދަނީ މިފަދަ ޙާލަތްތަކުގައެވެ. ވަކި މައްސަލައެއް އަވަސް އަރުވާލާފައި އަވަސް އަވަހަށް ބަލައި ނިންމާލެވޭ އިރު އެއޮތީ ނުފޫޒެއް ވަދެފައެވެ. ޝަރުޢީ މަރުޙަލާތަކާއި އިޖްރާޢަތްތައް ފުރިހަމަވުމަށް މިފަދަ ޙާލަތްތަކުގައި ހުރަސްއެޅި ، ޙައްޤުތަކެއް ގެއްލިގެންދާނެއެވެ. އަދި އަނެއްބައި މައްސަލަ ނުބަލައި ގިނަދުވަސްތަކަކަށް ދިގުދެމިގެންދާނަމަވެސް ، މައްސަލައާ ގުޅުންހުރި ބައެއްގެ ޙައްޤުތަކެއް ގެއްލިގެން ދާނެއެވެ. މިޙާލަތުގައިވެސް އެވަނީ ނުފޫޒެއް ވަދެފައެވެ

މިކަން މިމަގުން މި ހިނގަނީ އެއްވެސް މީހަކަށް ނޭނގިތޯއެވެ ؟ ނޫނެކެވެ. އެއީ އެންމެންނަށްވެސް އެނގޭ ޙަޤީޤަތެކެވެ. ޝަރުޢީ ނިޒާމުގެ ޙާލަތު އޮންނަ ގޮތަކުން އެއީ ސިޔާސީ ނުފޫޒު ކަމަށްވެސް ވެދާނެއެވެ. އަދި ފައިސާގެ ނުފޫޒުކަމަށްވެސް ވެދާނެއެވެ. އެފަދަ ނުފޫޒުތަކުން ސަލާމަތް ވުމާއިނުވުމަކީ ، މެޖިސްޓްރޭޓްގެ ނަޟާޙަތްތެރިކަމާ ގުޅިފައިއޮންނަ ކަމެކެވެ. ދުނިޔޭގެ އެދުންބޮޑު މީހާ މިފަދަ ނުފޫޒުގެތެރެޔަށް ވަންނަލެއް އަވަސްވެފައި ފަސޭހަވާނެއެވެ. އެބައިމީހުން އެވަނީ މާއްދިއްޔަތަށް ގެއްލިހުސްވެފައެވެ. މަޤާމަށް ލިބިދާނެ ކުރިއެރުމަކާއި ދިރިއުޅުމަށް ލިބިދާނެ ފަސޭހަ އާއި އަރާމަށް ދަހިވެތިވެގެންވާ ޙާލަތެއްގައެވެ. އެބައިމީހުންގެ އާޚިރަތް އެވަނީ އަމިއްލަ އިޚްތިޔާރުގައި ގެއްލުވައިލާފައެވެ. އިސްލާމީ ޝަރީޢާގެ މަފުހޫމާއި އިންތަކުން ބޭރުވެ ، އަމިއްލަ ނަފުސުގެ އަޅަކަށް ވެގެންނެވެ

އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ކަނޑައެޅިގެން އަނިޔާއެއް ދިނުމަކީ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލުން ބޭރުވާ ޢަމަލެކެވެ. އެހެނީ ކީރިތި ﷲ އެކަލާނގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ވަނީ ޙަރާމް ކުރައްވާފައެވެ. ﷲ ހެއްދެވި މަޚުލޫޤަކު ، ހަމަ އެކަލާނގެ ހެއްދެވި އަނެއް މަޚުލޫޤަކަށް އަނިޔާވެރި ވުމަކީ ، ދުނިޔޭގައި އިންސާނާ ކުރާނެ އެންމެ ބޮޑު ފާފައެވެ. އެހެނަސް ، ފުއްސެވުމާއި ނުފުއްސެވުން ވަނީވެސް އެކަލާނގެ ޙަޟުރަތުގައެވެ. އެފަދަ ފާފަތަކަށް އިންސާނާ އަރައިގަންނަނީ ކަލަކު ވޮޑިގެންވާ ކަމާއި އޭނާގެ އެޢަމަލާމެދު އެކަލާނގެ ތިމާއާ ސުއާލު ކުރައްވާނެކަން ހަނދާން ވާވަރަށްވުރެ ދުނިޔޭގެ އެދުން ބޮޑުވީމައެވެ

އެހެންކަމުން މީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއްކުރުމަކީ ވަރަށް ބޮޑުކަމެކެވެ. ފަނޑިޔާރުން ޙުކުމް ކުރާއިރު އޭނާގެހިތުގައި އެއްވެސް ވަރެއްގެ ރުޅިވެރިކަމެއްގެ އިޙުސާސް އޮވެގެނުވާނެއެވެ. ހަމައެފަދައިން މާބޮޑު އުފާވެރިކަމަކުން ހިތުގެ އިޙްސާސްތަކަށް ބާރުނުފޯރުވޭ މިނެއްގައި އެއުފާވެރިކަމެއް އޮވެގެން ނުވާނެއެވެ. ފެންބޮވައި ބަނޑުހައިވެފައި އިނދެގެން ނުވާނެއެވެ. ޖަދަލުކުރުމާއި މަލާމާތުގެ އިޙްސާސްތަކެއް އޭނާގެހިތުގައި އޮވެގެން ނުވާނެއެވެ. ވަރުބަލިކަމާއި ހިތްނުތަނަވަސްކަމެއް އޮވެގެން ނުވާނެއެވެ. ނިދީގެ އިޙްސާސްތައް ކުރެވިގެން ނުވާނެއެވެ. އޭނާގެ ހިތާއި ނަފްސުގެ މައްޗަށް އެހެން ބާރެއް ވެރިވެފައި އޮވެގެން ނުވާނެއެވެ. ކަންމިހެން އޮތްއިރު ބިރުވެރިކަމަކާއި އެހެން މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ މާއްދިއްޔަތާ ގުޅުންހުރި ފައިސާއާއި ޢިއްޒަތާއި ޖާހުގެ ނުފޫޒެއް އޮތުން އެއީ އެއްގޮތަކަށްވެސް އޮވެގެންވާނެ ކަމެއްނޫނެވެ. މިފަދަ ހެއްލުމެއްގައި ގެއްލި އިނދެ ކުރެވޭ ޙުކުމެއް ޢަދްލުވެރިއެއް ނުވާނެއެވެ

ޤާޒީންނާއި މެޖިސްޓްރޭޓުން ، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނަކީ ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މުޢާމަލާތް ކުރުމުގެ ހެޔޮމަގު އުނގެނި ދަސްވެ އިސްލާމީ ޝަރީޢާއަށް އަދި އެތަނެއްގެ ޤާނޫނާއި ޤަވާޢިދުތަކާއި ދީނީ އަދި އިޖްތިމާޢީ ހަމަތަކަށް ފުރިހަމަޔަށް އަހުލުވެރި ވެގެންވާ ބަޔަކަށް ވުމަކީ ލާޒިމްކަމެކެވެ. އަދި އުނގެނި ދަސްކޮށް ، އެނގިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް ތިމާމެންގެ ކުރިމައްޗަށް ޢަދްލުވެރި ނިޔާއެއް ހޯދުމަށް އަންނަ ތިމާފަދަ އިންސާނާއަށް އިންސާފު ހޯދައިދޭނެ މީހަކަށްވެސް ވާން ޖެހެއެވެ. އިންސާނެއްގެ ކިބައިން ނިގުޅައި ގަނެފައިވާ ނުވަތަ އިންސާނަކަށް  ގެއްލިފައިވާ ޙައްޤެއް ހޯދަން އަންނަ ހިނދު ތިމާގެ އަތަށް އަރާ ކަރުދާސްކޮޅެއްގައި ލިޔެފައި އޮންނަ ގޮތަކަށް ޙުކުމްކުރާ ބަޔަކަށް އެބައިމީހުން ވެގެން ނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ ؟ އެބައިމީހުންގާތަށް އިންސާފު ހޯދަން އަންނަ މީހުންނަށް ، އެއީ ޢަދްލުވެރި ޙުކުމަކުން އިންސާފުހޯދައިދޭނެ ބަޔެއްކަން ރައްޔިތުންނަށް ކަށަވަރުކަން ލިބިގެންވާ ބަޔަކަށް ވާން ޖެހެއެވެ. އެ އިތުބާރާއި ޔަޤީންކަން އެބައިމީހުން ކަށަވަރުކޮށްދޭން ޖެހޭނެއެވެ

ރާއްޖޭގެ ތާރީޚުގައި ، ޢަދްލު އިންސާފަކީ ފަނޑިޔާރުންގެ ކިބައިން ހޯދަން އުނދަގޫ އެއްޗަކަށް ވެފައި އޮންނާކަށް ނުޖެހެއެވެ. ރާއްޖެއަކީ އެތައް ސަތޭކަ އަހަރެއްވަންދެން މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ދަމަހައްޓަމުން އައި ކުޑަކުޑަ ޤައުމެކެވެ. ރަށްފުށުގެ ނައިބުގެ ތަކުގައި ނައިބު ބޭކަލުން އުޅުއްވިއެވެ. އެބޭކަލުންނަށް ސަރުކާރުން ނައިބުކަމުގެ ތަޢުލީމު ދެއްވައެވެ. އަދި ރަށުކޯޓުތަކާއި އަތޮޅުކޯޓުތައް ޤާއިމްކުރެވިފައި ހުއްޓެވެ. އެކޯޓުތަކަށް ޤާޒީންނާއި ބަންޑާރަ ނައިބުން ތަމްރީނު ކުރެވިގެން ޢަދްލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުތަކުން ކުރެއްވިއެވެ. އަދި ވެރިކަން ކުރާ ރަށް ، މާލޭގައި ޢަދްލު އިންސާފު ޤާއިމްކުރުމަށް ޝަރުޢިއްޔާ އާއި ކޯޓުތައް ޤާއިމްކުރެވި މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން އަދި ބަންޑާރަ ނައިބުން ތިއްބަވައެވެ. އުއްތަމަ ފަނޑިޔާރަކު ހުންނަވައެވެ

ޒަމާނަށް އައިތަރައްޤީގެ ތެރެއިން ޝަރުޢީ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލެއްގެ ގޮތުގައި ތިންމަރުޙަލާގެ ކޯޓުތައް އުފެދުނެވެ. މިހުރިހާ ކަމެއް ސަރުކާރުން މި ކުރައްވަނީ ކީއްކުރަންތޯއެވެ ؟ ބަޔަކު އަދާކުރާނެ ވަޒީފާ އުފައްދަވަންތޯއެވެ ؟ ނުވަތަ ރައްޔިތުންގެ މެދުގައި ޢަދްލު އިންސާފު ޤާއިމް ކުރުމަށްތޯއެވެ ؟ ދިވެހި ރައްޔިތުން އެކަމަކަށް ފެންބޮވައިގެންފައިވާ އިންސާފުވެރި ޢަދާލާތެއް ރާއްޖޭގައި ޤާއިމްކުރެވިފައި އެބައޮތްތޯއެވެ ؟ އެފަދަ ޢަދާލާތެއް ރާއްޖޭގައި ޤާއިމްކުރެވިފައި އޮތްނަމަ ދިހަބާރަ އަހަރު ވަންދެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދިގުދެމިގެން ނުދާނެއެވެ. ދަޢުވާ ކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތަށް އިންސާފެއް ނުލިބި މަރުވާއިރުވެސް ބައެއް މައްސަލަ ނުނިމި ހުންނަ ފަދަޙާލަތެއް އުފަންވެގެންނެއް ނުދާނެއެވެ

ފަނޑިޔާރުންގެ އަތްމައްޗަށް އަރާ މައްސަލަތައް ހަމަޖެހިފައި އެއޮންނަ ނިޒާމެއްގެ ތެރެއިން ނުނިމި ގިނަދުވަސްވުމަކީ ޢަދްލު އިންސާފުން އެއްކިބާވުމެވެ. ގިނަދުވަސްތަކެއްވަންދެން ދިގުދެމިގެންދާ މައްސަލައެއް ނިމޭއިރު އިންސާފުވެރި ޙުކުމެއް ނެރެވުނަސް ، އެޙުކުމާ ހަމަޔަށް ހޭދަވާ މުއްދަތަކީ މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ޙައްޤުތަކެއް ގެއްލިދާނެ ކަމެކެވެ. ޙައްޤެއް ހޯދަން ފަނޑިޔާރުގެޔަށް ދިޔައިމަ ޙައްޤުތަކެއް ގެއްލުވައިލާފައި ވަގުތުފާއިތު ވެފައި އޮއްވާ ކުރާ ޙުކުމަކުން އެނެރެވެނީ ، އެންމެ ފުރިހަމަ އަދި ޢަދްލުވެރި ނިޔާއެއްނޫނެވެ އެންމެ ބޮޑު ބޭއިންސާފޭ އެކިޔާ ބޭއިންސާފަށް އިންސާފު ލިބުމަކުން އަދި ނުނިމެއެވެ

ފަނޑިޔާރުންނަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދި ދީނީ ވާޖިބެއް ކޮނޑުއަޅައިގެން ތިބޭ ބަޔެކެވެ. އެބައިމީހުންގެ ނޭއްގާނީ ޢަމަލުތަކުން ޝަރުޢީ ނިޒާމް ޚަރާބުވެފައި ވާނަމަ ، އަރައިގަނެވިފައި އެވަނީ ، ރައްޔިތުންގެ ވަރަށްބޮޑު ޙައްޤަކަށެވެ. އެހެނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ޝަރުޢީ ނިޒާމެއް ނެތްތަނެއްގައި އިޖްތިމާޢީ ޢަދާލަތު ޤާއިމްވެފައެއް ނޯންނާނެއެވެ. ދޭދޭފަރުދުންގެ ޢާންމު މަޞްލަޙަތު ރައްކާތެރިކޮށްދެވިފައެއްވެސް ނޯންނާނެއެވެ. ޝަރުއި ނިޒާމު އޮންނާނީ ކުމުންދޫ މީހުންގެ ގާކޮޅަށް ވެފައެވެ. އެބައިމީހުންގެ ޝަރުޢީ ނިޒާމް ޞަދޫމާ އެއްގޮތް ކުރުމަށް މިސާލު ޖެހެނީ މިސަބަބަށް ޓަކައެވެ

އަޅުގަނޑަކީ ، މިނިސްޓްރީ އޮފް ޖަސްޓިސް އިން ހިންގެވި ޤާޒީކަން ދަސްކޮށްދޭ ކުލާހުގެ 18 ވަނަ ބުރުގައި ބައިވެރިވެގެން ޤާޒީކަން ދަސްކުރަމުން އައި މީހަކީމެވެ. ނެގެމުންދިޔަ ޓެސްޓްތަކުގައި ، ނުވަތަ ކުރެވެމުންދިޔަ ކޮންމެ އިމްތިޙާނަކުންވެސް އެއްވަނަ ނުވަތަ ދެވަނަ ހޯދަމެވެ. ކޯހުގެ އެންމެ ފަހު މަރުޙަލާއަކީ ޙުކުމް ދަސްކޮށް ޤާނޫނުންޢުގޫބާތަށް އަހުލުވެރިވުމުގެ މަރުޙަލާއެވެ. އެ މަރުޙަލާ ފުރިހަމަނުކޮށް ކޯހުން ވަކިވީ ޙުކުމްކުރަން ދަސްކުރަން ކޯޓުރޫމް ތެރޭ ތިބޭއިރު ޤާޒީ އިއްވަވާ ޙުކުމަށް ބިރުންނެވެ. އެގޮތަށް ޙުކުމްކުރަން ޖެހިދާނެތީއެވެ. އެހެނީ ، އަޅުގަނޑު ޤާޒީކަން ދަސްކުރަން ކުރިމަތިލީ ، ޙުކުމްކުރާ ވަގުތު ޤާޒީގެ އަތަށް ކޮންމެވެސް ފަރާތަކުން ފޮނުވާ ކަރުދާސްކޮޅެއްބަލައިގެން ޙުކުމް ކުރަން ދަސްކުރަންކަމަށް ނުވާތީއެވެ

ރައްޔިތެއްގެ ކުރިމަތީ ޢަދްލު އިންސާފު ޤާއިމްވެފައި އޮތުމަކީ ، އެބައިމީހުންގެ އިންސާނީ ، ފަރުދީ އަދި ޤާނޫނީ ، އަސާސީ ޙައްޤެކެވެ. އެ ޙައްޤު އެބައިމީހުންނަށް ލިބޭކަމުގެ އިޙްސާސް ނުކުރެވޭހާ ހިނދަކު އިންސާފެއް ޤާއިމެއް ނުކުރެވޭނެއެވެ. އިންސާފުގެ ފޮނި ރަހަ އެބައިމީހުންނަށް އިޙްސާސް ކުރެވެންވާނެއެވެ. އިންސާފަކީ ޝަރުޢީ ނިޒާމުން އެބައިމީހުން ބަލައިގަންނަ އެއްޗަކަށް ވާން ޖެހޭނެއެވެ. ޝަރުޢީ ނިޒާމުގެ އިތުބާރަކީ ، އެބައިމީހުންގެ ހިނިތުންވުމާއި ދިރިއުޅުމުގެ އުފާވެރިކަން ގެނެސްދޭ ވަޞީލަތަކަށް ވާން ޖެހޭނެއެވެ. ޝަރުޢީ ނިޒާމަކީ އެއްވެސް ހަމައެއް ލަމައެއްނެތް ޞަދޫމަކަށް ވެގެން ނުވާނެއެވެ

މިޒަމާނުގެ ޑިމޮކްރަސީގައި ކަނޑައެޅިބަޔާންވެފައި އޮންނަ ވެރިކަމުގެނިޒާމުގެ ތިންބާރު ވަކިކުރެވިފައި އޮންނަނީ މިސަބަބަށްޓަކައެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށްޓަކައި މުސްތަޤިއްލު އަދި ޢަދްލުވެރި ޝަރުޢީ ނިޒާމަކީ އެންމެ މުހިންމު އެއްބާރެވެ

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.