
މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާގެ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގެ ތެރެއަށް އެމެރިކާ އިން ވަންނާތީ އަނެއްކާވެސް ޗައިނާއިން އެމެރިކާ އަށް ފާޑުކިޔައިފިއެވެ.
އެމެރިކާގެ ރައީސް ބަރަކްއޮބާމާ ފިލިޕީންސް އަށް، ކުރެއްވި ދަތުރުފުޅުގައި ދެކުނ ޗައިނާ ކަނޑުގެ މައްސަލާގައި ދެއްކެވި ވާހަކަފުޅާގުޅިގެން ޗައިނާއިންވަނީ އެމެރިކައަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އޮބާމާ ވިދާޅުވެފައިވަނީ ދެކުނު ޗައިނާގެ ކަނޑުގެ ސަރަޙައްދަށް ޗައިނައިން އަތް ގަދަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޗައިނާއިން އެސަރަޙައްދުގެ ކުދި ޤައުމުތަކާ ހަނގާކުރުންކަމަށް އޮބާމާ ސިފަކުރެއްވިއެވެ.
މިމައްސަލާގައި ޗާއިނާއިން ބުނެފައިވަނީ ދެކުނު ޗައިނާގެ ކަނޑުގެ މައްސަލައިގައި އެމެރިކާއިން، ޗައިނައަށް އިންޒާރުދިނުމުގެ ބަސްބުނުގެ ޙައިސިއްޔަތެއް ނެތްކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ ހަރަކާތްތަކަށް އެމެރިކާއިން ފާރަވެރިވަނީ ކޮން އުސޫލަކުން ކޮން ޙައިސިއްޔަތެއްގެ ދަށުންތޯ ޗައިނާއިންވަނީ ސުވާލު އުފައްދާފައެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އިޤްތިސާދީގޮތުން ޗައިނާއަށް މުހިންމު ސަރަޙައްދެކެވެ. އެޤައުމުންދަނީ އެސަރަހައްދުގެ ބޮޑުބައެއްގައި އިޤްތިސާދީ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން ފަސް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި އިޤްތިޞާދީ މަސައްކަތްތައް ޗައިނާއިން އެސަރަޙައްދުގައި ކުރިއަށްގެންދެއެވެ.
އެހެންނަމަވެސް އަވަށްޓެރި ފިލިޕިންސްއާއި ވިއެޓްނާމާއި، ޓައިވާނާއި، މެލޭޝިއާއިންވެސް ދަނީ އެސަރަޙައްދުގެ މިލްކުވެރިކަމާމެދު ދައުވާ ކުރަމުންނެވެ.