
ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތްކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމްކުރަން ޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށްފަހު ދެއްވެވި ޚިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމަށާއި، ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށެވެ.
ރައީސް ވިދާޅުވީ ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަމަށެވެ. އެގޮތުން ޤާނޫނުޢަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭންޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.