ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮންގޮއްވާލި ޙާދިސާއަށްފަހު ހައްޔަރުކޮށްފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ހަތިޔާރު ގެންގުޅުއްވިކަމަށްބުނެ ކުރިން އެމަނިކުފާނާ އަރިސް ދެމީހަކު މިއަދު ހެކިބަސްދީފިއެވެ.
އަދީބް ދިރިއުޅުއްވި އެޕާޓްމަންޓަކުން ދެ ފިސްތޯލަ އަކާއި ގޮވާތަކެތި ފެނުނުކަމަށްބުނެ މިއަދު ދެމީހަކު އަދީބާ ދެކޮޅަށް ހެކިބަސްދިނީ ކްރިމިނަލްކޮތުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ސިއްރު ހެކީންގެ ގޮތުގައެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ ތެރެއިން މިއަޑުއެހުމަކީ އަދީބު ހަތިޔާރު ގެންގުޅިއްވިކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދަޢުވާގެ ޝަރިޢަތުގެ އަޑުއެހުމެކެވެ.
މިއަދު އޮތީ ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކީންގެ ހެކިބަސް ނެގުމެވެ.
މިއަދުގެ ސިއްރު ހެކިން ބުނީ މިދިޔަ އަހަރުގެ މެއިމަހުގެ ފުރަތަމަދުވަހު އަދީބުގެ އެދުމަކަށް އޭނާގެ އެޕާޓްމަންޓަށް އެމީހުން ދިއުމުން ކަޅު ކުލައިގެ ދަބަހެއް ތެރެއިން ދެ ފިސްތޯލައާއި، ވަޒަނާއި ރަތް ކުލައިގެ ޓޭޕް އަޅާފައި އޮތް ގޮވާޒާތުގެ ޑިވައިޒްއަކާއި ޑިސްޕްލޭއެއް ހުރި އެއްޗެއް އަދީބު އެމީހުންނަށް ދައްކަވާފައިވާކަމަށެވެ. އަދި އެއީ ގޮވާތަކެއްޗާއި ހަތިޔާރުކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީނާއި އަދީބާ ހަމައަށް އެމްޑީޕީއަށް ނާދެވޭނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ދެމީހުން މިއަދު ބުންޏެވެ.
ހެކިވެރިން ބުނީ އަދީބު ހަތިޔާރު ގެންގުޅު މައްސަލަ އޭރު ފުލުހުންނަށް ހުށަނޭޅީ އަދީބަކީ އޭރު ސަރުކާރުގެ ވެރިއަކަށްވެފައި އެމަނިކުފާނުގެ އޭރުގެ ބާރު އޭރު އޮތް މިންވަރުން އެފަދަކަމެއް ކުރަން ބިރުން ކަމަށެވެ.
މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ ޚުލާސާ ބަޔާން ހުށައެޅުމެވެ. އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އުވާލައި، އެމައްސަލަ މިހާރުވަނީ ގާޒީ ބާރީ އާއި ހަވާލުކޮށްފައެވެ.