
ޖުމްހޫރީ ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ފަންސާހުގެ މެޑަލް މިއަދު ހެނދުނު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމުގައި ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި މެޑަލް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.
މިއަދު ބޭއްވި މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުގެ އިތުރުން މެނޭޖްމަންޓް ބޯޑުގެ މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ޖުމްހޫރީ 50 މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލްއެކެވެ. ” ޖުމްހޫރީ ފަންސާސް މެޑަލް” ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޮތުން 2018 ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހުކަށް މި މެޑަލް ދިނުމަށް ނިންމައި، “މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ” ޤަވާއިދަށް އިސްލާހު ގެނެވި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢު ކުރައްވައިފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.