- ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:30 އަށް މެއިން ބްރާންޗް ހުޅުވާނެ، އެހެން ބްރާންޗްތައް ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 1:00 އަށް
- ސެލްފް ސަރވިސް އޭޓީއެމްތަކާއި ކޯލް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ
ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާން މަހު ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. މިގޮތުން ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:30 އަށް މެއިން ބްރާންޗް1 ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. މިއީ އެހެން ބޭންކުތަކުން ޚިދުމަތް ދޭ ގަޑިތަކަށް ވުރެ ދެގުނަ އިތުރު ވަގުތެކެވެ. ބީއެމްއެލްގެ އެހެނިހެން ބްރާންޗް ތައް2 ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ.
ބޭންކުން ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ލިބޭނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެއެވެ.
ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމަރ ސަރވިސް އަލްފާޟިލް މޫސާ ނިމާލް ވިދާޅުވީ " މި ވަގުތުތައް ކަނޑައެޅުނީ އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންފަރު ރަނގަޅު ކޮށް ރަމަޟާންމަހު ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން. ރަމަޟާން މަހު މެއިން ބްރާންޗުން 5 ގަޑި އިރު ޚިދުމަތްލިބޭނެ، މިއީ އެހެން މަސްމަހު ޚިދުމަތްދޭ ވަގުތުތަކަށްވުރެ އެންމެ ބައި ގަޑިއިރު މަދު އަދަދެއް. ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާނެތީ އަޅުގަނޑު އެ މުވައްޒަފުންނަށް ޝުކުރުއަދާކުރަން." ކަމަށެވެ.