
އަންނަ އަހަރު މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގެމަނަފުށީދާއިރާއަށް ކުރިމަތި ލައްވާނެ ކަމަށް މިހާރު ވެސް އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
ޖޭޔޫ ވިދާޅުވީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ގެމަނަފުށީ ދާއިރާއަށް ކުރިމަތި ލައްވަން ނިންމަވައިފައިވާ ކަމަށާއި ރައްޔިތުން އިންތިޚާބު ކުރި ގޮތަށް ދާއިރާގެ ޚިދުމަތުގައި އޭނާ ދެމިހުންނެވިކަން ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވާނަމަ މިފަހަރު ވެސް އެދާއިރާއަށް އިންތިޚާބު ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ޖޭޔޫ ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ކަމަށްވާނަމަ ގެމަނަފުށީ ދާއިރާގައި ހިމެނޭ ރަށްރަށަށް އިތުރު ޚިދުމަތް ކޮށްދެއްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ދެވަނަ ދައުރަކީ ވެސް ގެމަނަފުށި، ދެއްވަދޫ، ކަނޑުހުޅުދޫ އަދި ކޮނޑޭގެ ރައްޔިތުންނަށް އިތުރަށް ޚިދުމަތްކޮށްދީ ރައްޔިތުންގެ ލާބަޔަށް މަސައްކަތްކޮށްދޭނެ ދައުރަކަށް ވެގެންދާނެ،" ޖޭޔޫ ވިދާޅުވިއެވެ.
ނިމިގެން މިދާ ދައުރަކީ ވެސް އެދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވިފައިވާ ދައުރެއް ކަމަށް ޖޭޔޫ ޤަބޫލު ކުރައްވައެވެ. އެކަން ރައްޔިތުން ވެސް ޤަބޫލު ކުރައްވާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.