
އަންނަ އަހަރު މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ޙަސަން ލަޠީފް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިމަތި ލައްވާނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ކަމަށެވެ. އޭނާ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދާ ކުރައްވަން ނިންމަވައި އެކަން ހާމަވެސް ކުރައްވައިފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ (ޓީ 14) އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފިން،" ޙަސަންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލްއުސްތާޒު ޙަސަން ލަޠިފަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ އިތުރަށް އޭނާއަކީ ރާއްޖޭގައި މަޝްހޫރުކަން ހޯއްދަވައިފައިވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ.
ޙަސަނަކީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ވެސް އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒާ ޙިސާން ޙުސައިން ވަނީ ބ.ތުޅާދޫ ދާއިރާއަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައެވެ.