ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރައްވައި ރައީސު މައިތުރިޕާލާ ސިރިސޭނާ ފާއިތުވި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެގައުުމުގެ ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވި ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ގާނޫނުހަދާ މަޖިލީހުގެ ރައީސު ކަރޫ ޖަޔަސޫރިޔާ ދެކޮޅުހައްދަވައިފިއެވެ. އޭނާ ވިދާޅުވީ ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ގަބޫލުކުރައްވާނީ ގާނޫނުހަދާ މަޖިލީހުގެ 225 މެންބަރުންގެ އަޣުލަބިއްޔަތުގެ ތާއީދު އޭނާއަށް އޮތްކަން ދެއްކެވުމުން ކަމުގައެވެ.
"ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުހަދާ މަޖިލީހަށް ގެނެވުނު ބަދަލުތަކަކީ ގާނޫނު އަސާސީއާ ޚިލާފު، ކުރިން އަމަލުކުރަމުން އައި އުސޫލުތަކާ ދެކޮޅު ބަދަލުތަކެއް ކަމަށް." ރަނިލް ވިކްރަމަސިިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ޖަޔަސޫރިޔާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
"އެހެންކަމުން މެންބަރުންގެ އަޣުލަބިއްޔަތު އަހަރެންގެ ކިބައިން އެދެނީ ބަަދަލުތައް ގެނައުމުގެ ކުރިން މަގާމުތައް ހުރި ގޮތް ގަބޫލުކުރުމަށް. އައު ޖަމާއަތުން އެމީހުންގެ އަޣުލަބިއްޔަތު ދައްކަންދެން، އަހަރެންނަށް ޖެހޭނީ ކުރިން އޮތް ހާލަތު ގަބޫލުކުރަން." އޭނާ ވިދާޅުވިއެވެ.
އާދީއްތަ ދުވަހު ރައީސު ސިރިސޭނާ ވަނީ 10 ދުވަސް ފަހުން، މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު، ގާނޫނުހަދާ މަޖިލިސް ބައްދަަލުވުމަށް އަންގަވާފައެވެ. މިކަމާ ގުޅިގެން ރަނިލްގެ ޕާޓީން ބުނީ އެވަރު މާ ލަސް ކަމުގައެވެ.
އދ. އާއި އެމެރިކާއާއިި އަދި ޔޫރަޕްގެ ގައުމުތަކުން ވަނީ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާ ވަގުތުން ބޭއްވުށް ރައީސު ސިރިސޭނާއަށް ގޮވައިލާފައެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ރަނިލް ވިކްރަމަސިންހަގެ ޕާޓީ ޔޫއެންޕީ ގެ މަދުވެގެން އަށް މެންބަރުންނާއި، އިދިކޮޅު އެެހެން ޕާޓީއެއްގެ މެންބަރަކު ވަނީ ސިރިސޭނާާއާއި ރާޖަޕަކްސަގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އާ ގުޅުނުކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ. ކުރިން ސިރިސޭނާއާއި ރާޖަޕަކްސައަށް އޮތީ 96 މެންބަރުންގެ ތާއީދެވެ.
ޔޫއެންޕީގައި ތިއްބަވާފައި ސިރިސޭނާއާއި ގުޅިވަަޑައިގަތް ހުރިހާ މެންބަރުންނަށް ވަނީ ވަޒީރުންގެ ފެންވަރުގެ މަގާމުތައް ދެއްވަވާފައެވެ.
2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި ބަދަލާ ހަވާލާދެއްވައި ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބޮޑުވަޒީރު އައްޔަންކުރެއްވުމުގެ ބާރު ރައީސަށް އޮތް ނަމަވެސް މަގާމުގައި ހުންނެވި ބޮޑުވަޒީރަކު މަގާމުން ދުރުކުރެއްވުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވައެވެ.