މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަރަށް އަވަހަށްދޭނަން: މިފްކޯ

މަސްވެރިންގެ އަތުން މަސްނެގުމަށްފަހު ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދެއްވާނެ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯ ޢަދުލީ ޢިސްމާޢީލް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެއާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ވިހި މިލިއަން ރުފިޔާ އެބަހުރިކަމަށެވެ. އެފައިސާ އިރާދަކުރެއްވިއްޔާ ހޯމަދު ދުވަހުލިބި އަންގާރަ ދުވަހު މަސްވެރިންނަށް ފޮނުވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަދުލީ ވިދާޅުވީ މަސްވެރިން އަތުން މަސްނެގުމަށްފަހު ފައިސާ ނުދެވިފައިވަނީ ކުންފުނި ބަނގުރޫޓުވެގެން ނޫންކަމަށެވެ. ފައިސާ ނުދެވިފައިވަނީ "ކޭޝް ފުލޯ" ތާށި ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ދިމާވީ މަސްވެރިކަން ވަރަށްބޮޑަށް ދަށްވެފައި އޮވެފައި ކުއްލިއަކަށް ރަނގަޅުވުމުންނެވެ.

"ދިމާވެގެންއުޅޭ މައްސަލައަކީ މަސްވެރިކަން ވަރަށް ދަށްކޮށް އޮވެފައި ކުއްލިއަކަށް މަސްވެރިކަން ރަނގަޅުވީ. ކުއްލިއަކަށް މަސްވެރިކަން ރަނގަޅުވުމުން ކޭޝްފުލޯ ތާށިވެގެން މިއުޅެނީ. އިރާދަކުރެއްވިޔާ އަންގާރަދުވަހު އެފައިސާ މަސްވެރިންނަށް ދޫކުރަން ފަށާނަން،" ޢަދުލީ ވިދާޅުވިއެވެ.

ޢަދުލީ ވިދާޅުވީ ގަނޑުކުރި މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި އަދިވެސް ރަނގަޅު ނުވާކަމަށެވެ. "އަޅުގަނޑު އުންމީދު ކުރިން މިއަހަރު ރަނގަޅުވާނެ ކަމަށް. އެކަމަކު އަދިވެސް ރަނގަޅެއްނުވޭ. ދުނިޔޭގެ މާކެޓުގައި މަސްޓަނެއްގެ އަގުމިހާރު ހުރީ އެއްހާސް ފަސް ސަތޭކަ ޑޮލަރަށް ޓަނެއް. އެވަރު ހުރެގެން ބާވީސް ރުފިޔާއަށް މަސް ކިލޯއެއް ގަނެގެން ގެއްލުންވާނީ،" ޢަދުލީ ވިދާޅުވިއެވެ.

ޢަދުލީ ވިދާޅުވީ މިއީ އަލަށް ދިމާވި ކަމެއްނޫން ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ދިމާވެފައިވާ ކަމަށާއި އެފަދަ ވަގުތުތަކުގައި މަސްވެރިންނާއި އޮޑިވެރިން ދެއްވި އެއްބާރުލުން ވަރަށްބޮޑަށް ފާހަގަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިން މަސްކިރުވުމަށްފަހު ހުސް ބިލެއް ހިފައިގެން އަންނަން ޖެހުމުންތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެކަމުގެ ޝަކުވާ ވެސް މަސްވެރިންދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.